އިރާގުގެ ތެރެއިން ސައުދީ އަރަބިއްޔާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.
ހަމަލާތައް ދީފައިވަނީ ޑްރޯން ބޭނުންކޮށްގެން ކަމަށް، ސައުދީ ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.
ހަމަލާތައް އަމާޒުކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ އީސްޓަން ޕްރޮވިންސާއި، އަދި ވެރިރަށް ރިޔާޟްގައި ހުންނަ، ސައުދީ ސަރުކާރުގެ މައި ތެޔޮ ކުންފުނި އަރަމްކޯގެ ތަންތަނަށެވެ. އޭގެ ތެރޭގައި އަބްޤައިޤްގައި ހުންނަ އަރަމްކޯގެ ރިފައިނަރީވެސް ހިމެނެއެވެ.
އަބްޤައިޤް ރިފައިނަރީއަކީ ސާފުނުކުރާ ތެޔޮ ޕްރޮސެސްކުރާ ދުނިޔޭގެ އެންމެބޮޑު ރިފައިނަރީވެސް މެއެވެ.
ސައުދީގެ ތެލުގެ ސިނާއަތާ ގުޅުންހުރި ތަންތަނަށް އަމާޒުކޮށް އިރާގު ތެރެއިން މިއަދު ފޮނުވާލި ގިނަ ޑްރޯންތައް ވައްޓާލެވުނު ކަމަށް ސައުދީ ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ. އެއްވެސް ހަމަލާއެއް އަމާޒުވިކަމެއް ބުނެފައެއް ނުވެއެވެ.
އެހެންނަމަވެސް، ޑްރޯން ހަމަލާތައް ދިނުމުގެ ސަބަބުން ވަރަށް ވަރުގަދައަށް އަލިފާން ރޯވެ އަނދަމުންދާ މަންޒަރު ސެޓެލައިޓް ފޮޓޯތަކުން ފެނެއެވެ.
ސައުދީ ތަންތަނަށް ހަމަލާދިނީ، އިރާގުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ގްރޫޕްތަކުން ކަމަށާއި، މިއީ އީރާނުގެ ތާއީދު ލިބިގެން ހަރަކާތްތެރިވާ ގްރޫޕްތައް ކަމަށް އެކިއެކި ފަރާތްތަކުން ތުހުމަތު ކުރަމުން އެބަ ގެންދެއެވެ.
އަދި މި ހަމަލާތަކުގެ ރައްދު ދިނުމުގެ ހައްގު ލިބިގެންވާ ކަމަށާއި، އެކަމުގެ ވަގުތު ޖެހުމުން އެކަން ކުރާނޭ ކަމަށް ސައުދީ ސަރުކާރުގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.
ސައުދީގެ ތެލުގެ ސިނާއަތުގެ ތަންތަނަށް ހަމަލާ ދިނީ އިރާގުގެ ގްރޫޕްތަކުން ކަމުގެ ރިޕޯޓްތައް ފެތުރެމުންދާއިރު، މި ހަމަލާތަކުގެ ޒިންމާ ޔަމަނުގެ ހޫޘީންވެސް ވަނީ އުފުލާފައެވެ.
ބައެއް ރިޕޯޓްތައް ބުނަނީ، ސައުދީއަށް ހަމަލާދިނީ ހޫޘީންނާއި އިރާގުގެ ގްރޫޕްތައް ގުޅިގެން ކަމަށެވެ.
ހޫޘީ އަސްކަރިއްޔާ، އަންސާރުﷲގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް ޔަހްޔާ ސަރްއީ ވިދާޅުވީ، މިއީ ސައުދީ އަސްކަރިއްޔާއިން ސައުދީ ޑްރޯންތައް ޔަމަނުގެ ވައިގެ ސަރަހައްދުގެ ތެރެއަށް ވަންނާތީ އެކަމުގެ ބަދަލުހިފުމުގެގޮތުން ދެވުނު ހަމަލާތަކެއް ކަމަށެވެ.
ޔަމަނުގެ ވައިގެ ސަރަހައްދަށް ވަދެ އުޅުނު ސައުދީ ޑްރޯންއެއް، ހޫޘީން އިހަށްދުވަހުވަނީ ވައްޓައި ގޮއްވާލާފައެވެ.
ސައުދީ އަރަބިއްޔާއިން ޔަމަނުގެ ވަޔާއި އަދި ކަނޑުގެ ސަރަހައްދު ބަންދުކޮށްގެން އުޅޭ މައްސަލާގައި ދެފަރާތުގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް އިހަށްދުވަހު ހިނގާފައި ވެއެވެ.
ޔަމަނުގެ ވެރިރަށް ސަންއާގެ އިންޓަރނޭޝަނަލް އެއަރޕޯޓަށް އީރާނުގެ މަތިންދާ ބޯޓެއް ޖައްސަން އަންނަނިކޮށް ސައުދީ ސިފައިން ރަންވޭއަށް ބޮންއެޅުމުން އެކަމުގެ ރައްދުގައި ހޫޘީންވަނީ ސައުދީ އަބްހާ އެއަރޕޯޓަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފައެވެ.
އޭގެފަހުން، ސައުދީ ފައުޖުތަކުން ޔަމަނުގެ ހުދައިދާ ޕްރޮވިންސަށާއި، ކަމަރަން އައިލެންޑަށް ހަމަލާދިނުމުގެ ބަދަލުހިފުމުގެގޮތުން ހޫޘީންވަނީ ސައުދީ އެއަރޕޯޓްތަކަށާއި، ތެލާ ގުޅުންހުރި އެތައް ތަނަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.



