އިންޑިއާގެ ޒުވާނުން ނުވަތަ ޖެން-ޒީ، ވެރިރަށް ނިއުދިއްލީގައި މުޒާހަރާ ކުރަންފެށީ މައި ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދުރަ ޕްރަދާން އިސްތިއުފާ ދިނުމަށް ގޮވާލައެވެ. އެއީ، ނޭޝަނަލް އެގްޒިޓް އެގްޒާމް ޕޭޕަރު ލީކްވި މައްސަލައިގައެވެ.
އެމީހުން އެއްވީ ނިއުދިއްލީގެ ޖަންތަރު މަންތަރު ސަރަހައްދަށެވެ. ނިއުދިއްލީގައި މުޒާހަރާތައް ފެށުމުން، އިންޑިއާގެ އިންޑިއާގެ އެހެން ސްޓޭޓް ތަކުގައިވެސް މުޒާހަރާތައް ފެށިގެންދިޔައެވެ.
ޖަންތަރު މަންތަރުގައި ޒުވާނުން މުޒާހަރާ ކުރަތާ އެތައް ދުވަހެއްވީފަހުން ނިއުދިއްލީ ފުލުހުން ކުއްލިއަކަށް މުޒާހަރާގެ ތެރެއަށް ވަދެގަނެ ޒުވާނުންގެ ގައިގައި ތަޅައި އަނިޔާކޮށް އެތައްބަޔަކު ހައްޔަރުކުރިއެވެ. އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ކުރިއެވެ. އެމީހުން މައިގަނޑަކަށް ޒުވާނުންގެ ގައިގައި ތެޅީ ލަޓިބުރި ބޭނުންކޮށްގެންނެވެ.
މުޒާހަރާގެ ތެރޭގައި ސަލާމަތީ ބާރުތަކާ ކުރިމަތިލައި ދެފަރާތުންވެސް ތަޅާފޮޅި މަންޒަރުތައް ފެންނަ ވީޑިއޯތައް އާންމުވިއެވެ.
އެހެން ސްޓޭޓްތަކުގައި ފުލުހުން ޒުވާނުންގެ ގަޔަށް ބަޑިޖަހާފައިވެސް ވެއެވެ. ނުވިތާކަށް ޕެލެޓް ބަޑިޖެހި މައްސަލަވެސް ހޫނުވެ ތަހްގީގުތައް ފެށިފައި ވެއެވެ.
މުޒާހަރާތައް ފުޅާވެ މަސްރަހް ވަރަށް ބޮޑަށް ހޫނުވެ މުޒާހަރާގައި ބައިވެރިވާ ޒުވާނުންވެސް އިތުރުވާން ފެށުމާއެކު، ސަރުކާރަށް ޕްރެޝަރ ބޮޑުވެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޖެހިވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރު މަގާމުން ވަކިކުރައްވާށެވެ.
އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވުމުން، ޖަންތަރު މަންތަރު މުޒާހަރާ ހުއްޓާލަން، މުޒާހަރާ ރޭވި ކޮކްރޮޗް ޖަންތާ ޕާޓީ-ސީޖޭޕީއާއި ސަރުކާރާ ދެމެދު ޑީލެއް ހެދިއެވެ. އެގޮތުން ހެދި ޑީލްގައި، މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރި އެންމެން މިނިވަން ކުރުމަށް ސަރުކާރުން އެއްބަސްވިއެވެ. އަދި މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް އެތައް ބަޔަކާ ދެކޮޅަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށްވެސް ސަރުކާރުން އެއްބަސްވިއެވެ.
ދައުވާތައް އަނބުރާ ގެންދިއުމާއި، ހައްޔަރުކޮށްފައިވާ ހުރިހާ ޒުވާނުން މިނިވަން ކުރުމަކީ، ކޮކްރޮޗް ޖަންތާ ޕާޓީގެ އިތުރުން، އިންޑިއާގައި މައި އިދިކޮޅު ކޮންގްރެސް ޕާޓީގެވެސް މައި ޑިމާންޑެކެވެ.
މިމައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުން ސުޕްރީމް ކޯޓުން މިއަދުވަނީ އިންޑިއާގެ މައި ސަރުކާރުގެ މައްޗަށާއި، އަދި ސްޓޭޓް ސަރުކާރުތަކުގެ މައްޗަށް އަމުރުތަކެއް ނެރެފައެވެ.
ފުރަތަމަ ބުނެފައިވަނީ، ސުލްހަވެރި ކަމާއެކު މުޒާހަރާ ކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށާއި، އެކަން ކުރުން މަނާ ނުކުރެވޭނޭ ކަމަށެވެ. އަދި މުޒާހަރާ ހުއްޓުވަން ނަހަމަ ބާރުގެ ބޭނުންކުރި މައްސަލަތައް ތަހްގީގުކުރަންވެސް ނިންމާފައި ވެއެވެ.
ހަމައެއާއެކު މައި ސަރުކާރަށާއި، ސްޓޭޓް ސަރުކާރުތަކަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ، މުޒާހަރާތަކުގެ ތެރެއިން ހައްޔަރުކޮށްފައިވާ ނުވަތަ ބަންދުކޮށްފައިވާ އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޖިނާއީ ކުށެއް ކުރިން ކޮށްފައިނުވާ އެންމެން މިނިވަން ކުރުމަށެވެ.
ފުލުހުން ބުނެފައިވަނީ، މުޒާހަރާތަކުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން 2،800 އަށްވުރެ ގިނަ މީހުންނަކީ ޖިނާއީ ކުށްތައް ކޮށްގެން ހޯދަމުންދިޔަ މީހުން ކަމަށެވެ. ފުލުހުން އެކަން ދެނެގެންފައިވަނީ ފޭސް ރިކޮގްނިޝަން ކެމެރާ ބޭނުންކޮށްގެން ކަމަށް ބުނެއެވެ.
އެހެން ނަމަވެސް، ޒުވާނުން ކުރަމުންދިޔަ މުޒާހަރާތަކުގެ ތެރެއިން ހަރުކަށި ގްރޫޕްތައް ވަދެގަނެ ސަލާމަތީ ބާރުތަކަށް ހަމަލާދިންކަން އެންމެންވެސް ގަބޫލުކުރެއެވެ. ފުލުހުންނާއި ސުޕްރީމް ކޯޓުންވެސް އެކަން ގަބޫލުކުރެއެވެ.
އެހެންވެ، ކޮކްރޮޗް ޖަންތާ ޕާޓީން ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ނިންމުމަކީ، އެމީހުންނާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމާ ފުށުއަރާ ނިންމުމެއް ކަމަށެވެ. ސުޕްރީމް ކޯޓުގެ ނިންމުން ބަލައިނުގަންނާނޭ ކަމަށްވެސް ބުނެފައި ވެއެވެ.
ކޮކްރޮޗް ޖަންތާ ޕާޓީން ބުނަނީ، ސަރުކާރަށް ފުރަތަމަ ކުރަންޖެހޭނޭ ކަމަކީ، ހައްޔަރުކުރި އެންމެން މިނިވަން ކުރުމާއި، އުފުލާފައިވާ ހުރިހާ ދައުވާތައް އަނބުރާ ގެންދިއުން ކަމަށެވެ. އޭގެފަހުން، ސުޕްރީމް ކޯޓުން އަމުރެއް ނެރެންޏާ ނެރުމަށް ޒުވާނުންގެ ހަރަކާތުން ގޮވާލާފައި ވެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ކަންކަން ދާގޮތުން ޖެން-ޒީ ހަރަކާތް އަލުން ފަށަން ކޮކްރޮޗް ޖަންތާ ޕާޓީން ދަނީ ވިސްނަމުންނެވެ.
ނިއުދިއްލީގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް ހުއްޓާލިނަމަވެސް އިންޑިއާގެ އެހެން ސްޓޭޓްތަކުގައި ޒުވާނުން މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކުރަމުން އެބަ ގެންދެއެވެ. ނިއުދިއްލީއަށްވުރެ އެހެން ބައެއް ސްޓޭޓްތަކުގެ މުޒާހަރާތައް ހޫނުވެފައި އަނިޔާވެރި ކަމަށް ރިޕޯޓްތައް ބުނެއެވެ.



