އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ނޭވީ މަނަވަރު ސިފައިންގެ ހިދުމަތަށް ނެރެ، ރަސްމީކޮށް ކޮމިޝަންކޮށްފި އެވެ.
އެކަން ފާހަގަކުރީ ހުޅުމާލޭ އެމްޕީއެލް ބަނދަރު ސަރަހައްދުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ. މި މަނަވަރު ކޮމިޝަންކޮށް ދެއްވައި މަނަވަރުގެ ނަން ކަޝްފުކޮށް ދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
އެ ރަސްމިއްޔާތުގައި، އޮސްޓްރޭލިޔާ ސަރުކާރުގެ ފަރާތުން މަނަވަރުގެ ރަމްޒީ ހަނދާނެއް ވަނީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދަށް އަރުވައިފަ އެވެ.
މި ރަމްޒީ ހަނދާން ހަވާލުކޮށް ދެއްވީ، އޮސްޓްރޭލިޔާ ސަރުކާރުގެ ސްޕެޝަލް އެންވޯއީ ފޮ އިންޑިއަން އޯޝަން، އޮނަރަބަލް ޓިމް ވޮޓްސް އެވެ. އަދި އޮސްޓްރޭލިޔާ ސަރުކާރަށް އަރުވާ ޝުކުރުގެ ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވީ މިނިސްޓަރު ރަޝީދެވެ.
މި ރަސްމިއްޔާތުގައި، މަނަވަރުގެ ނަން ކަޝްފުކޮށްދެއްވުމަށްފަހު، ޚިދުމަތް ފެށުމުގެ ލިޔުމާއި އަދި ޤައުމީ ދިދަ، މަނަވަރުގެ ކޮމާންޑިން އޮފިސަރު ލެފްޓިނެންޓް ކާނަލް ޝިނާން ޒާހިރުއާ ހަވާލުކޮށް ދެއްވީ ރައީސް މުޢިއްޒެވެ.
އެއަށް ފަހު މަނަވަރުގެ އޮފިސަރުންނާއި ކަލާސީން ކޮމިޝަނިން ޑްރިލެއް ކުރިއަށް ގެންގޮސްފައިވެ އެވެ.
ރަސްމިއްޔާތަށް ފަހު ރައީސް މަނަވަރަށް އަރާވަޑައިގެން މަނަވަރު ބައްލަވާލައްވައި، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވި އެވެ.
މަނަވަރަށް ދީފައިވާ ނަމަކީ “ޢިމާދުއްދީން” އެވެ. އެ ނަމަކީ އުތީމު ދަރިކޮޅުގެ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (އެއްވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން (ކަޅުތުއްކަލާ/ބޮޑު ރަސްގެފާނު) އަށް ނިސްބަތްކޮށް ދިން ނަމެކެވެ.
އޮސްޓްރޭލިޔާގެ “އޮސްޓަލް ލިމިޓެޑް” އިން ފަރުމާކޮށް ބަނދެފުފައިވާ މުޅިން އާ މި މަނަވަރަކީ ކަނޑުމަތީގައި ފުޅާ ދާއިރާއެއްގައި އޮޕަރޭޓްކުރުމަށް އެކަށޭނެ އެންމެ ޒަމާނީ ނިޒާމުތަކާއި ޓެކްނޮލޮޖީ އެކުލެވޭ ގޮތަށް ބަނދެވިފައިވާ އުޅަނދެކެވެ.
މި މަނަވަރު ރަސްމީކޮށް ރާއްޖެއާ އެ ގައުމުން ހަވާލުކޮށްފައި ވަނީ މި އަހަރުގެ އެޕްރީލް 19 ގައި އޮސްޓްރޭލިޔާގެ ޕާތުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އަދި މަނަވަރު މާލެ ގެނައީ މިދިޔަ މަހުގެ 15 ގަ އެވެ.


