އީރާނު ސިފައިން އުރުދުންއަށް މިއަދު ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި، އެމެރިކާ ސިފައިންގެ އެފް-35 ގެ 3 ފައިޓަ ޖެޓު ގޮއްވާލާފައިވާ ކަމަށް، އީރާނުގެ އިންގިލާބީ ލަޝްކަރުން އިއުލާން ކޮށްފިއެވެ.
އީރާނުގެ އިންގިލާބީ ލަޝްކަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަދު ހަމަލާ ދެވުނު އެއް ތަނަކީ އުރުދުންގައި އެމެރިކާ ސިފައިން ތިބޭ އަލް އަޒްރަގް އެއަރބޭސް ކަމަށެވެ. އެ ބޭހަކީ އެމެރިކާ ސިފައިން އީރާނަށް ހަމަލާދޭން ބޭނުންކުރާ އެފް-35 ޖެޓުތައް ބަހައްޓާ ބޭހެވެ.
އިންގިލާބީ ލަޝްކަރުން ބުނީ، އެ ބޭހަށް އީރާނު ސިފައިން ހަމަލާދިނީ، އީރާނުގެ ގޭޝްމް އައިލެންޑަށް އެމެރިކާ ސިފައިން ރޭގައި ދިން އުދުވާނީ ހަމަލާތައް އާންމުން ދިރިއުޅޭ އިމާރާތަކަށް އަމާޒުކޮށް ތުއްތު ކުއްޖަކާއި، އޭނާގެ މައިންބަފައިން މަރާލި މައްސަލައިގެ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.
އަލް އަޒްރަގް އެއަރބޭސްއަށް އެތަކެއް ބެލިސްޓިކް މިސައިލުން ދިން ހަމަލާތަކުގައި 3 ފައިޓަރ ޖެޓު މުޅިން ގޮއްވައި އަދި އިތުރު 3 ޖެޓަށް ބޮޑެތި ގެއްލުންތައް ދެވުނު ކަމަށް އިންގިލާބީ ލަޝްކަރުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެ ބޭހަށް ބޮޑެތި އެތައް ގެއްލުންތަކެއް ދެވުނު ކަމަށްވެސް ބުނެފައި ވެއެވެ.
މިއީ، އީރާނުގެ ހަމަލާތަކުގައި އެމެރިކާ ސިފައިން ބޭނުންކުރާ އެންމެމޮޅު އަދި އެންމެ އަގުބޮޑު އެފް-35 ޖެޓުތަކެއް ގޮއްވައި އެއްކޮށް ހަލާކުކޮށްލެވުނު ކަމަށް އީރާނުން ހަމާކުރި ފުރަތަމަ ފަހަރުވެސް މެއެވެ.
އީރާނުން ދިން ވަރުގަދަ ހަމަލާތަކުގައި އުރުދުންގެ މުވައްފާގް ސާލްތީ އެއަރބޭހަށްވެސް ބޮޑެތި ގެއްލުންތައް ދީފައި ވެއެވެ. މިއަދުގެ ހަމަލާތަކަކީ އެ ބޭހަށް މީގެކުރިން ނުދޭވަރުގެ ވަރުގަދަ ހަމަލާތަކެއް ކަމަށް ވެއެވެ.
މީގެއިތުރުން، އީރާނުގެ އިންގިލާބީ ލަޝްކަރުން ކުވައިތުގައި އެމެރިކާ ސިފައިން ތިބޭ އަލީ އައް ސާލިމް އެއަރބޭހަށްވެސް މިއަދު ހެނދުވަނީ ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
އެ ބޭހަށް ދެވުނު ހަމަލާތަކުގައި ޑްރޯން ދެ ހޭންގަރާއި، ޖެޓުތަކާއި ހެލިކޮޕްޓަރުތަކަށް އަޅާ ތެޔޮ ރައްކާކުރާ ޓޭންކެއް މުޅިން ގޮއްވާލެވުނު ކަމަށްވެސް އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނެފައި ވެއެވެ.
އީރާނުން އުރުދުންއާއި، ކުވައިތަށް މިއަދު ދިން މި ހަމަލާތަކުގައި މީހަކަށް ކަމެއް ވީކަމެއް އެ ގައުމުތަކުންނާއި އަދި އެމެރިކާއިން ހާމަ ނުކުރި ނަމަވެސް، އީރާނުގެ ލަޝްކަރުން ބުނެފައިވަނީ ދުޝްމަނުންގެ އެތައްބަޔަކު މަރާލެވުނު ކަމަށެވެ. އޭގެ ތެރޭގައި ސިފައިންގެ އެތައް އޮފިސަރުންނާއި، ޓެކްނިކަލް މީހުންނާއި، މެއިންޓެނަންސް ސްޓާފުންވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.
އީރާނުގެ ހަމަލާތައް ވަރުގަދަވެފައި، އަސްކަރީ ބޭސްތަކަށް ލިބުނު ގެއްލުންތައް ބޮޑުކަމުން ސަރަހައްދުގެ ގައުމުތަކުން އީރާނުގެ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރި ކުރަމުންވެސް އެބަ ގެންދެއެވެ.
އެމެރިކާގެ އެމްބީސީއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނަނީ، އީރާނުން އެމެރިކާ ސިފައިންނަށް ބޮޑެތި ގެއްލުންތައް ދޭން ފެށުމާއި، އީރާނާ ކުރިމަތިލުމަށް އެމެރިކާގެ އަސްކަރިއްޔާގެ ވެރިން ހުށަހެޅި ކަންކަމާއި، އަދި އީރާނާއެކު ކުރިއަށްގެންދާ ވާހަކަތަކުންވެސް އެއްވެސް ކުރިއެރުމެއް ނުލިބޭތީ، ވައިޓް ހައުސްގައި ބޭއްވި ސެކިއުރިޓީ މީޓީންގއެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ވަރަށް ބޮޑަށް ނާއުންމީދުވެ، ވެރިންނަށް ބަވައި، ހަޅޭފަޅޭޖަހައި އެންމެނާ ދިމާއަށް ހުތުރުއެއްޗެހި ގޮވާހަދާފައި ވެއެވެ.



