ރަޖިސްޓްރީ ކޮށްގެން ހިންގަމުން ގެންދާ ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީކޮށް ރެކޯޑް އަދާހަމަ ކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު ވިދާޅުވެއްޖެއެވެ.
އެމްއެމްބީސީން ނެރުނު އިއުލާނެއްގައި ވަނީ ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގަމުން ގެންދާ ނޫސް މަޖައްލާތައް ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި ރީ-ރަޖިސްޓްރީކޮށް ރެކޯޑު އަދާހަމަ ކުރަންޖެހޭ ކަމަށެވެ.
އެމްއެމްބީސީން ވިދާޅުވީ އެކަމަށް ދެވިފައިވާ އެންމެ ފަހުގެ ތާރިހަކީ އަންނަ އޮކްޓޯބަރު 27 ކަމަށެވެ. އަދި މި މުއްދަތު ހަމަވާއިރު ރީ- ރަޖިސްޓްރީކޮށް ރިކޯޑް އަދާހަމަ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީތަށް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބާތިލު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ހިންގަމުން އަންނަ ނޫސް މަޖައްލާތައް މީގެ ކުރިން ރަޖިސްޓްރީވާން ޖެހެނީ ޔޫތު މިނިސްޓްރީގައެވެ. އެކަމަކު، އެމްއެމްބީސީއާއެކު، ނޫސް މަޖައްލާތައް ރަޖިސްޓްރީކޮށް ދަފްތަރު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައި ވަނީ އެ ކޮމިޝަނާއެވެ.


