ޗެމްޕިއަން ރެއާލް ކަޓުވާލުމަށްފަހު ބިލްބާއޯ ފައިނަލަށް

ކުޅިވަރު ފަހުގެ

ސްޕެނިޝް ސުޕަ ކަޕުގައި ބުދަ ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކޮށް، އެތުލެޓިކް ބިލްބާއޯއިން ފައިނަލުގެ ފަހު ޖާގަ ހޯދައިފިއެވެ.

މީގެ ކުރިން ދެ ޓީމުގެ މެދުގައި ދެ ލެގު ކުޅޭ ގޮތަށް ކުރިއަށްގެންދިޔަ މި މުބާރާތް، ހަތަރު ޓީމުގެ މެދުގައި ކުޅޭ ގޮތަށް ފޯމެޓް ބަދަލުކޮށްފައިވަނީ މިދިޔަ ސީޒަނުގައެވެ. މި މުބާރާތުގައި ވާދަކުރަނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން ސްޕެނިޝް ކަޕުގެ ފައިނަލުން ޖާގަ ހޯދާފައިވާ ދެ ޓީމެވެ.

އިޝްތިހާރު
އިޝްތިހާރު

ސްޕެނިޝް ކަޕުގެ ފައިނަލުން ޖާގަ ހޯދާފައިވާ ޓީމުގެ ހައިސިއްޔަތުން ބިލްބާއޯ މި މުބާރާތުގައި ވާދަކުރާއިރު، ބުދަ ދުވަހުގެރޭ ކުޅުނު ސެމީފައިނަލް ދެވަނަ މެޗުން ރެއާލުގެ މައްޗަށް އެ ޓީމު ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ބިލްބާއޯއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓުގައި ބިލްބާއޯއަށް ލީޑު ނަގައިދިނީ ރައުލް ގާސިއާއެވެ. އަދި މެޗުގެ 38 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ގާސިއާ ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ބިލްބާއޯގެ އިނިގޯ މާޓިނޭޒަށް ރެއާލުގެ ލޫކަސް ވަޒްކުއޭޒް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގެ ދެވަނަ ހާފުގައި ރެއާލުން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުން ފަރަގު ކުޑަކޮށްފައިވަނީ 73 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ކަރިމް ބެންޒެމާއެވެ.

ރެއާލް ކަޓުވާލުމަށްފަހު ބިލްބާއޯ ފައިނަލަށް ދަތުރުކުރިއިރު، ފައިނަލުގައި ބިލްބާއޯ ބައްދަލުކުރަން ޖެހޭނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބާސެލޯނާއާއެވެ. އެ މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ