އިރާގު ތެރެއަށް ހަމަލާދޭން އެމެރިކާއިން އިސްރާއީލަށް ހުއްދަދިން މައްސަލަ ފެންމަތިވެއްޖެ

ޚަބަރު ފަހުގެ ދުނިޔެ

އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ހަތިޔާރު އެޅި ގްރޫޕްތަކަށް ހަމަލާދޭން އިރާގުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ “ފެހި ސިގުނަލް” އެމެރިކާއިން އިސްރާއީލަށް ދީފައިވާކަން މީޑިއާއިން ފަޅާއަރުވާލައިފިއެވެ.

މިއާއެކު، އިސްތިއުމާރީ އިސްރާއީލުގެ ވައިގެ ސިފައިން އިރާގުގެ ވައިގެ ސަރަހައްދުގައި އަސްކަރީ އޮޕަރޭޝަންތައް ހިންގުމަށް އެމެރިކާއިން އަޅާފައިވާ ހުރަސްތައްވެސް އުވާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިރާގު ތެރޭގައި އަސްކަރީ ހަރަކާތްތައް ހިންގުމުގެ ފެހި ސިގުނަލް އެމެރިކާއިން އިސްރާއީލަށް ދީފައި މިވަނީ، އިރާގުގައި ތިބި އެމެރިކާ ސިފައިން އީރާގުން އެއްކޮށް ފޭބިތާ މާ ގިނައިރެއް ނުވަނީސްކަންވެސް މީޑިއާއިން ހާމަކޮށްފައި ވެއެވެ.

މިކަމުގެ ޚަބަރުތައް ޔޫއޭއީގެ ބައެއް މީޑިއާ ތަކުންނާއި، އިސްރާއީލުގެ މީޑިއާއިންވެސް ހާމަކޮށްފައި ވެއެވެ.

އެމެރިކާއިން އެޅި މިފިޔަވަޅުގެ ސަބަބުން މުޅި ސަރަހައްދުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ހަތިޔާރު އެޅި ޖަމާއަތްތަކަށް އަމާޒުކޮށްގެން އަސްކަރީ އުދުވާނުތައް މިނިވަންކަމާއެކު ހިންގުމުގެ ފުރުސަތު އިސްރާއީލަށް ލިބިގެންދާނެއެވެ. އެފަދަ ޖަމާއަތްތަކަށް އިސްރާއީލު ލައްވައި ހަމަލާދޭން ރޭވީ، ސަރަހައްދުގެ ގައުމުތަކުގައި ތިބި އެމެރިކާ ސިފައިންނާއި އަދި އެމެރިކާގެ މަސްލަހަތުތަކަށް ހަމަލާ ދީފާނެތީ ކަމަށްވެސް ބުނެފައި ވެއެވެ.

މި ޕްލޭންގެ ދަށުން އިސްތިއުމާރީ ސިފައިން މައިގަނޑު ގޮތެއްގައި ކުރަން އުޅޭ ކަމަކީ، އިރާގު ތެރެއިންލާފައި ލުބުނާނާއި އީރާނު އެއްގަމުމަގުން ގުޅުވައިދޭ މަގަށް ހުރަސްއެޅުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މަގަކީ، ސަރަހައްދުގެ އެހެން ގައުމުތަކުގައި ހަރަކާތްތެރިވާ ދެކޮޅުވެރި ޖަމާއަތްތަކަށް ޒަމާނީ ހަތިޔާރާއި، ބެލިސްޓިކް މިސައިލާއި، ދުރު ރާސްތާ ޑްރޯން ފޯރުކޮށްދިނުމަށް އީރާނުގެ އިންގިލާބީ ލަޝްކަރުން ބޭނުންކުރާ މަގު ކަމަށް އެމީހުން ތުހުމަތު ކުރެއެވެ. މިއީ، ހިޒްބުﷲއިން ޒަމާނީ ހަތިޔާރު ގެންގުޅޭތީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ކުރާ ތުހުމަތުތަކެވެ.

އިރާގުގެ ތެރޭގައި ހަރަކާތްތެރިވާ ޖަމާއަތްތަކަށް ހަމަލާދޭން އިރާގުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއިން އިސްރާއީލަށް ދީފައިވާ ކަމުގެ ރިޕޯޓްތައް ފެތުރިފައި ވާއިރު، މިކަމާ ގުޅޭގޮތުން އިރާގު ސަރުކާރުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ