ޔަމަނަށް ހަމަލާދިނުމުގައި ޕާކިސްތާނު ޖެޓުތައް ބައިވެރިވާކަމަށް ދެކެވޭ ވާހަކަތައް ޕާކިސްތާނުން ދޮގުކޮށްފި

ޚަބަރު ފަހުގެ ދުނިޔެ

ޔަމަނުގެ ހޫޘީންނާ ދެކޮޅަށް ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި، ސައުދީ ކޯލިޝަނުން ދެމުންގެންދާ ވައިގެ ހަމަލާތަކުގައި ޕާކިސްތާނުގެ އަސްކަރީ ޖެޓުތައް ބައިވެރިވާ ކަމަށް ދެކެވޭ ވާހަކަތައް ޕާކިސްތާނުން ދޮގުކޮށްފިއެވެ.

ޕާކިސްތާނު ސަރުކާރުގެ ފޮރިން އޮފީހުގެ ތަރުޖަމާނު އެމްބަސެޑަރ ސައްޖާދް ހައިދަރު ޚާން ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ، ޔަމަނަށް ވައިގެ ހަމަލާތައް ދިނުމުގައި ޕާކިސްތާނުގެ ޖެޓުތައް ބައިވެރިވާ ކަމަށް ފަތުރަމުންދާ ޚަބަރުތަކަކީ ތެދު ޚަބަރެއް ނޫން ކަމަށާއި، އެ ޚަބަރު ޕާކިސްތާނު ސަރުކާރުގެ އިންފޮމޭޝަން މިނިސްޓްރީންވެސް ދޮގުކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޔަމަނުގައި ގާއިމްކޮށްފައިވާ ބައިނަލްއަގްވާމީ މުޖުތަމައު ގަބޫލުކުރާ ސަރުކާރުގެ ފައުޖުތަކާއި، ސައުދީ ސިފައިން ގެންދަނީ ހޫޘީންގެ އަތްދަށުގައި ހުރި ޔަމަނުގެ ރަށްތައް ހިފުމަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އެގޮތުން، ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ދުބާބް ހިފުމަށާއި އަދި ބާބުލް މަންދަބް ކަނޑުއޮޅީގެ ކޮންޓްރޯލް ނެގުމަށްވެސް ގެންދަނީ ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ.

ޔަމަނު ސިފައިންގެ ބައެއް ރިޕޯޓްތައް މިއަދު ބުނެފައިވަނީ ބާބުލް މަންދަބުން ހޫޘީން ފައްސާލައި މުޅި ކަނޑުއޮޅީގެ ކޮންޓްރޯލް ނެގިފައިވާ ކަމަށެވެ. ނަމަވެސް މިކަން ކަށަވަރެއް ނުވެއެވެ.

މީގެއިތުރުން، ސައުދީ އަރަބިއްޔާގެ ގުޅިފައިވާ ފައުޖުން ގެންދަނީ ޔަމަނުގެ ވެރިރަށް ސަންއާއަށްވެސް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ.

ރައްދުގައި ހޫޘީންގެ ވަރުގަދަ ބެލިސްޓިކް މިސައިލް ހަމަލާތައް އަމާޒުވެ ސައުދީ އަރަބިއްޔާއަށް ބޮޑެތި ގެއްލުންތައް ލިބެމުން އެބަދެއެވެ.

ހޫޘީންގެ މިސައިލް ހަމަލާތައް ސައުދީ އަބްހާ އިންޓަރނޭޝަނަލް އެއަރޕޯޓަށާއި، ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓަށް އަމާޒުވެ 3 މީހުން މަރުވެ 36 މީހުން ޒަޚަމްވެފައި ވާއިރު، މަރުވި މީހުންގެ ތެރޭގައި މަތިންދާ ބޯޓެއްގެ ކެޕްޓަނަކުވެސް ހިމެނެއެވެ.

ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓަށް ހޫޘީން ދިން ހަމަލާތަކުގައި އެއަރޕޯޓްގައި ޕާކްކޮށްފައި އޮތް ސައުދީ އެއަރލައިންގެ މަތިންދާ ބޯޓެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، އެއަރޕޯޓަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

ޔަމަނުގެ ސަރުކާރާ ގުޅިގެން ސައުދީ ފައުޖުތަކުން ހޫޘީންނާ ދެކޮޅަށް ހަނގުރާމަ ފެށުމުން އެކަމުގެ ބަދަލު ހިފުމުގެގޮތުން ސައުދީ ހުރިހާ އެއަރޕޯޓެއް ހުއްޓުމަކަށް ގެނައުމަށް ހޫޘީން މިހާރުވަނީ ވައުދުވެފައެވެ.

މައްކާ ދިފާއީ އެލަޔަންގައި ސައުދީ، ތުރުކީ އަދި ޕާކިސްތާން ހިމެނޭއިރު، ތުރުކީން އިއްޔެ ބުނެފައިވަނީ، ހޫޘީންނާ ދެކޮޅަށް ހަނގުރާމަ ކުރަން ސިފައިން ފޮނުވަން އެގައުމުން ނޫޅޭ ކަމަށެވެ.

މައްކާ ދިފާއީ އެލަޔަންސްގެ ދަށުން ޕާކިސްތާނުގެ ލަޝްކަރެއް ސައުދީގައި ގާއިމްކޮށްފައި ވާއިރު، ފޮރިން އޮފީހުގެ ތަރުޖަމާނު އެމްބަސެޑަރ ސައްޖާދް ހައިދަރް ޚާން ވިދާޅުވީ، ޕާކިސްތާނުގެ އަސްކަރީ ފައުޖެއް ސައުދީގައި އޮތްނަމަވެސް، ޕާކިސްތާނު ސިފައިން ބޯޑަރު ހުރަސްކޮށް ޔަމަނުގެ ތެރެއަށް ނުވަންނާނޭ ކަމަށެވެ.

ސައްޖާދް ހައިދަރް ޚާން ވިދާޅުވީ، މައްކާ އެލަޔަންސަކީ އުދުވާނީ އަމަލުތަކުން ތިން ގައުމު ދިފާއު ކުރުމަށް ހަދާފައިވާ އިއްތިހާދެއް ކަމަށާއި، އެހެންވެ، ޕާކިސްތާނު ސިފައިން ބޯޑަރު ހުރަސްކޮށް ޔަމަނަށް ވަދެ ހޫޘީންނާ ދެކޮޅަށް ހަމަލާތައް ނުދޭނޭ ކަމަށެވެ.

އެހެން ނަމަވެސް، ސައުދީ އަރަބިއްޔާގެ ސަރަހައްދު ދިފާއުކުރުމަށާއި، އިސްތިގްލާލު ރައްކާތެރިކުރުމަށް ބޭނުންވާ އެހީތެރިކަން ޕާކިސްތާނު ސިފައިން ފޯރުކޮށްދޭނޭ ކަމަށް އެމްބަސެޑަރ ސައްޖާދް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ