ނުހައްގުން ހައްޔަރުކޮށްފައިވާ އެންމެން ވަގުތުން ދޫކޮށްލުމަށް އދއިން އިންޑިއާ ސަރުކާރަށް ގޮވާލައިފިއެވެ.
އދގެ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވެރިރަށް ނިއުދިއްލީގައި މިއަދު ބާއްވަން ރާވާފައިވާ މުޒާހަރާ ފެށުމުގެވެސް މާކުރިންނާއި އަދި މުޒާހަރާގެ ތެރެއިން މުޒާހަރާގެ ގިނަ އަދަދެއްގެ ބައިވެރިންނާއި، މުޒާހަރާގެ ލީޑަރުންނާއި، މަދަނީ ޖަމިއްޔާތަކުގެ މެމްބަރުންނާއި، ވަކީލުންނާއި ނޫސްވެރިން ހައްޔަރު ކޮށްފައިވާކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށާއި، އެއީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
ހައްޔަރު ކޮށްފައިވާ އެންމެން ޝަރުތުތަކާ ނުލައި ވަގުތުން ދޫކޮށްލުމަށްވެސް، އދގެ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ އޮފީހުން ނެރުނު ބަޔާނުގައި ގޮވާލާފައި ވެއެވެ.
ހަމަ އެއާއެކު، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގަށް ފުރިހަމައަށް އިހްތިރާމް ކުރުމަށާއި، އެކަމަށް ހުރަސް ނޭޅުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައި ވެއެވެ.
އިންޑިއާގައި ހިންގާ ޒުވާނުންގެ ހަރަކާތް ‘ކޮކްރޯޗް ޖަންތާ ޕާޓީ” އިން ވެރިރަށް ނިއުދިއްލީގައި މިއަދު މުޒާހަރާ ބާއްވަން ނިންމީ، އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރ ގައިނޭޝް ކުމާރު މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލުމަށެވެ. އެއީ، އިންޑިއާގައި ބާއްވާފައިވާ އިންތިޚާބުތަކުގައި ބޮޑެތި އޮޅުވާލުންތައް އޮޅުވާލާފައިވާ މައްސަލަތަކުގައެވެ.
މުޒާހަރާ ބާއްވަން ނިންމާފައި އޮތީ ދިއްލީގެ ޖަންތަރު މަންތަރު މައިދާނުގައެވެ.
އެހެން ނަމަވެސް، ނިއުދިއްލީގެ ފުލުހުންވަނީ، މާކުރިން އެ މައިދާން ވަށައިގެން ބެރިކޭޑް ޖަހައި ބަންދުކޮށް، ސަލާމަތީ ފިޔަވަޅު ވަރަށް ވަރުގަދަ ކޮށްފައެވެ.
ހަމަ އެއާއެކު، އިންޑިއާގެ އެކި ކަންކޮޅުތަކުން މީހުން މުޒާހަރާއަށް އައުން ހުއްޓުވުމަށްޓަކައި އެހެން ސިޓީތަކާއި ސްޓޭޓްތަކުން ވެރިރަށް ކުރަމުންދިޔަ އާންމު ރޭލު ދަތުރުތަކާއި، ބަސް ދަތުރުތައްވެސް ހުއްޓުވާފައި ވެއެވެ.
ރޭލު ދަތުރުތައް އެއްކޮށް ހުއްޓުވާފައިވަނީ އެގޮތަށް އެކަން ކޮށްގެން ނުވާނޭ ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށްވެސް މެއެވެ.
އެނޫން ގޮތްގޮތުން ނިއުދިއްލީއާ ދިމާއަށް ދިޔަ މީހުން އަނިޔާވެރި ގޮތެއްގައި ހިފައި ހައްޔަރުކޮށްފައި ވެއެވެ.
އަދި ފުލުހުންގެ ހުރަސްއެޅުންތަކާ އެކުވެސް ޖަންތަރު މަންތަރު މައިދާން ކައިރިއަށް އެއްވި މީހުންނާއި، އެހެން ހިސާބުތަކުން މުޒާހަރާއަށް މަގުތަކަށް ނުކުތް އެތައްސަތޭކަ ބަޔަކު ހައްޔަރުކޮށްގެން ގެންގޮސްފައި ވެއެވެ.
ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި އިދިކޮޅު ސިޔާސީ ލީޑަރުންނާއި، އެކްޓިވިސްޓުންނާއި، ފިލްމީ ތަރިންނާއި، އެނޫންވެސް އެތަކެއް ބަޔަކު ހިމެނެއެވެ.
މުޒާހަރާގައި ބައިވެރިވުމަށް ނިއުދިއްލީއަށް ދިޔަ ‘ކޮކްރޯޗް ޖަންތާ ޕާޓީ” ގެ ލީޑަރު އަބިޖީތު ދިޕްކޭއާއި، އެ ޕާޓީގެ ތަރުޖަމާނު ސައުރަވް ދާސް އަދި ޕާޓީގެ އެހެން އިސް މެމްބަރުން ދަތުރުކުރި މަތިންދާ ބޯޓު ދިއްލީ އެއަރޕޯޓަށް ޖެއްސިތަނާ ފުލުހުން ވަނީ މަތިންދާ ބޯޓަށް އަރައި، އެ ހުރިހާ އެންމެން ހައްޔަރުކޮށްގެން ގެންގޮސްފައެވެ.
އެކަމަކު، ސީޖޭޕީގެ އޮގަނައިޒޭޝަން އިންޗާޖް އަޖިންކިޔާ ޝިންޑޭގެ ބެލުމުގެ ދަށުން ޕާޓީގެ ހަރަކާތްތައް ހުއްޓާނުލާ ކުރިއަށް އެބަ ގެންދެއެވެ.
އޭނާ ބުނީ، މުޒާހަރާގެ ބައިވެރިން އަނިޔާވެރި ގޮތެއްގައި ހައްޔަރުކޮށް މުޒާހަރާ ހުއްޓުވި ނަމަވެސް މާދަމާވެސް ނުކުންނާނޭ ކަމަށާއި، ޗީފް އިލެކްޝަން ކޮމިޝަނަރ އިސްތިއުފާދީ ގެއަށް ދާންދެކަށް މުޒާހަރާ ނުހުއްޓާނޭ ކަމަށެވެ.
އިންޑިއާ ސަރުކާރުގެ އަމުރަށް ނިއުދިއްލީގެ ފުލުހުން މުޒާހަރާގެ ބައިވެރިންނާމެދު ކަންތައްކުރި އަނިޔާވެރި ގޮތާއި، ނުހައްގު ބާރުގެ ބޭނުންކުރި މައްސަލަ ކުށްވެރިކޮށް އިންޑިއާގެ ފުންނާބުއުސް އެތައް ބަޔަކު އެ އަމަލު ކުށްވެރި ކުރަމުން އެބަ ގެންދެއެވެ. ސަރުކާރުން ގެންދަނީ ޑިމޮކްރަސީ މަރާލަމުން ކަމަށްވެސް ގެންދަނީ ބުނަމުންނެވެ.



