ބާސާ ބަލިކޮށް ބިލްބާއޯއިން ތަށި އުފުލާލައިފި

ކުޅިވަރު ފަހުގެ

ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލުގައި އާދީއްތަ ދުވަހުގެރޭ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބާސެލޯނާ ބަލިކޮށް، އެތުލެޓިކް ބިލްބާއޯއިން ތަށި އުފުލާލައިފިއެވެ.

މީގެ ކުރިން ދެ ޓީމުގެ މެދުގައި ދެ ލެގު ކުޅޭ ގޮތަށް ކުރިއަށްގެންދިޔަ މި މުބާރާތް، ހަތަރު ޓީމުގެ މެދުގައި ކުޅޭ ގޮތަށް ފޯމެޓް ބަދަލުކޮށްފައިވަނީ މިދިޔަ ސީޒަނުގައެވެ. މި މުބާރާތުގައި ވާދަކޮށްފައިވަނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން ސްޕެނިޝް ކަޕުގެ ފައިނަލުން ޖާގަ ހޯދާފައިވާ ދެ ޓީމެވެ.

އިޝްތިހާރު
އިޝްތިހާރު

ސްޕެނިޝް ކަޕުގެ ފައިނަލުން ޖާގަ ހޯދާފައިވާ ޓީމުގެ ހައިސިއްޔަތުން ބިލްބާއޯ މި މުބާރާތުގައި ވާދަކުރިއިރު، ފައިނަލުގައި ބާސާގެ މައްޗަށް އެ ޓީމުން ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ބާސާއިންނެވެ. އެގޮތުން ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އެންޓޮއިން ގްރީޒްމަން ވަނީ ބާސާއަށް ލީޑު ނަގައިދީފައެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން އޮސްކާ ޑެ މާކޯސް ވަނީ ބިލްބާއޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުގައި ބާސާއިން ދެވަނަ ފަހަރަށް ލީޑު ނެގީ 77 ވަނަ މިނެޓުގައި ގްރީޒްމަން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި އެސިއާ ވިޔަލިބްރޭ ވަނީ ބިލްބާއޯއަށް އަނެއްކާވެސް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ބިލްބާއޯއިން ވަނީ މެޗުގައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިނާކީ ވިލިއަމްސްއެވެ.

މި މެޗުގެ އިތުރު ވަގުތުގެ ދެވަނަ ހާފުގެ ފަހުކޮޅުގައި ބާސާގެ ކެޕްޓަން ލިއޮނެލް މެސީއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތިސް ބިލްބާއޯގެ ވިޔަލިބްރޭއަށް އަތުން ހަމަލާދިނުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހުއެވެ. މިއީ ބާސާގެ މެޗެއްގައި މެސީއަށް ރަތް ކާޑެއް ދެއްކި ފުރަތަމަ ފަހަރެވެ.

ބާސާ ބަލިކޮށް ބިލްބާއޯއިން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކުރިއިރު، އެ ޓީމު ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީފައިނަލް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކުރުމަށްފަހުއެވެ. ބިލްބާއޯއިން މި މުބާރާތް ކާމިޔާބުކުރިއިރު، މިއީ 1985 ވަނަ އަހަރުގެ ފަހުން އެ ޓީމަށް ލިބުނު ފުރަތަމަ ތައްޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ