އޮބާމަޔަންގެ ދެ ލަނޑާއެކު އާސެނަލަށް ފަސޭހަ މޮޅެއް

ކުޅިވަރު ފަހުގެ

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ނިއުކާސަލް ޔުނައިޓެޑް އަތުން ފަަސޭހަކަމާއެކު އާސެނަލް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު އާސެނަލުން ވަނީ ޕްރިމިއާ ލީގުގައި މެޗަކުން ބަލިނުވެ ފަސް މެޗު ފުރިހަމަކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގައި އާސެނަލުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި އާސެނަލުން ވަނީ މެޗުގައި ލީޑު ނަގާފައެވެ. މި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަންއެވެ.

އަދި އޭގެ 10 މިނެޓު ފަހުން ޒުވާން މިޑްފީލްޑަރު ބުކާޔޯ ސަކާ ވަނީ އާސެނަލަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގައި އާސެނަލުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހި އޮބާމަޔަންއެވެ. މިއީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕުގެ ފައިނަލް މެޗަށްފަހު އޮބާމަޔަން އެއް މެޗެއްގައި ދެ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

މި މޮޅާއެކު އާސެނަލް ތާވަލުގެ 10 ވަނައަށް ކުރިއަށް ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު 19 މެޗުން 27 ޕޮއިންޓް ލިބިފައެވެ. އަދި އާސެނަލް އަތުން ބަލިވި ނިއުކާސަލް އޮތީ ތާވަލުގެ 15 ވަނައިގައި 18 މެޗުން 19 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ