ތިންވަނަ ޑިވިޝަނުގެ ޓީމެއް އަތުން ބަލިވެ ރެއާލް ކަޓައިފި

ކުޅިވަރު ފަހުގެ

ތިންވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ އަލްކޮއްޔާނޯ އަތުން ބަލިވެ، ސްޕެނިޝް ކަޕުގެ ދެވަނަ ބުރުން ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑް ކަޓައިފިއެވެ.

ރަށުން ބޭރުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ރެއާލް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރެއާލުންނެވެ. އެގޮތުން ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އެޑާ މިލިޓާއޯއެވެ. އެކަމަކު މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ހޯސޭ ސޯލްބެސް ވަނީ އަލްކޮއްޔާނޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރިވެފައި އޮތުމުން، އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، ދެވަނަ ހާފުގެ ކުރީކޮޅު އަލްކޮއްޔާނޯގެ ރަމޯން ލޮޕޭޒަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. އެކަމަކު މި ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުން ވަނީ ފަހަތުން އަރައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުއަނަންއެވެ.

ތިންވަނަ ޑިވިޝަނުގެ ޓީމެއް އަތުން ބަލިވެ ސްޕެނިޝް ކަޕުން ރެއާލް ކެޓިއިރު، މިއީ 2001 ވަނަ އަހަރަށްފަހު ތިންވަނަ ޑިވިޝަނުގެ ޓީމެއް އަތުން ބަލިވެ ރެއާލް މި މުބާރާތުން ކެޓި ފަސްވަނަ ފަހަރެވެ. އަދި މި މުބާރާތް މިހާތަނަށް 19 ފަހަރު ރެއާލުން ކާމިޔާބުކޮށްފައިވީ ނަމަވެސް، ފާއިތުވެދިޔަ ހަތް އަހަރުވެސް ރެއާލަށް މި މުބާރާތް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ