ރޮނާލްޑޯގެ 760 ވަނަ ލަނޑާއެކު ޔުވެންޓަސްއިން ސުޕަ ކަޕް ކާމިޔާބުކޮށްފި

ކުޅިވަރު ފަހުގެ

ރަސްމީ މެޗުތަކުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި 760 ވަނަ ލަނޑާއެކު، ޔުވެންޓަސްއިން އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.

ޔުވެންޓަސްއިން އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކުރީ ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ނާޕޮލީ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މިއީ ޔުވެންޓަސްގެ ކޯޗުގެ މަގާމާ މިދިޔަ އަހަރުގެ އޮގަސްޓް މަހު ހަވާލުވި އަންދްރެއާ ޕިރްލޯގެ ކޯޗިންގ ކެރިއަރުގެ ފުރަތަމަ ކާމިޔާބީއެވެ.

އިޝްތިހާރު
އިޝްތިހާރު

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، މެޗުގެ 64 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ ޔުވެންޓަސްއަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ ފަހުން މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ނަތީޖާ އެއްވަރުކުރަން ނާޕޮލީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ލޮރެންޒޯ އިންސީނިއޭ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އެއާއެކު މެޗުގެ އިތުރު ވަގުތުގައި އަލްވާރޯ މޮރާޓާ ވަނީ ޔުވެންޓަސްއަށް ލީޑު ފުޅާކޮށްދީ، އެ ޓީމަށް ޓާލިއަން ސުޕަ ކަޕް ކަށަވަރުކޮށްދީފައެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ކާމިޔާބުކުރި ލަނޑާއެކު ރޮނާލްޑޯ ރަސްމީ މެޗުތަކުގައި 760 ވަނަ ލަނޑު ހަމަކުރިއިރު، ބައެއް މީޑިއާތަކުން ވަނީ ރަސްމީ މެޗުތަކުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ޗެކް ރިޕަބްލިކުގެ ކުރީގެ ފޯވާޑް ޔޯސެފް ބިކޭން ހަދާފައިވާ ރިކޯޑު ރޮނާލްޑޯ މުގުރާލި ކަމަށް ރިޕޯޓުކޮށްފައެވެ. އެކަމަކު “ރެކް.ސްޕޯޓް.ސޮކާ ސްޓެޓިސްޓިކްސް ފެޑެރޭޝަން” އިން ބުނާ ގޮތުން ބިކޭން ވަނީ ރަސްމީ މެޗުތަކުގައި 805 ލަނޑު ޖަހާފައެވެ. އެކަމަކު އޭގެ ތެރެއިން 27 ލަނޑަކީ އޭނާ ރެޕިޑް ވިއޭނާގެ ރިޒާވް ޓީމަށް ޖެހި ލަނޑުތަކެއް ކަމަށް ވާތީ، އެ ގުނަން ނުޖެހޭ ކަމަށާއި، އެ ވިސްނުމުގައި ބަލާނަމަ ފުޓްބޯޅައިގައި މި ވަގުތު އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިއަކީ ރޮނާލްޑޯ ކަމަށް ބުނެ މީޑިއާތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ.

ނާޕޮލީ ބަލިކޮށް ޔުވެންޓަސްއިން އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކުރިއިރު، މިއީ ޔުވެންޓަސްއިން މި މުބާރާތް ކާމިޔާބުކުރި ނުވަވަނަ ފަހަރެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ