ލެވަންޑޯސްކީ 500 ލަނޑު ހަމަކުރި މެޗުން ބަޔާނަށް ފަސޭހަ މޮޅެއް

ކުޅިވަރު ފަހުގެ

ޖަރުމަން ލީގުގައި އާދީއްތަ ދުވަހުގެރޭ ޝާލްކާ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި ބަޔާނުން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 33 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ. އަދި ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވަނީ ބަޔާނަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ އުމުރުން 32 އަހަރުގެ ފޯވާޑް އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި 500 ވަނަ ލަނޑެވެ. އަދި މިއީ މި ސީޒަނުގެ ޖަރުމަން ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 23 ވަނަ ލަނޑެވެ.

މި މެޗުގައި ބަޔާނުން އަނެއް ދެ ލަނޑު ޖަހާފައިވަނީ މެޗު ނިމެން ގާތްވެފައި ވަނިކޮށެވެ. އެގޮތުން މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް މުލާ ބަޔާނުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ ހަތަރުވަނަ ލަނޑު ފަހު މިނެޓުގައި ޖަހައިދިނީ ޑޭވިޑް އަލަބާއެވެ.

މި މެޗުގައި ބަޔާން ކޮޅަށް ލަނޑެއް ވަދެފައި ނުވާއިރު، ޖަރުމަނުގެ މަޝްހޫރު ގޯލްކީޕަރު އޮލިވާ ޚާން ހަދާފައިވާ ކްލީންޝީޓް ރިކޯޑު ބަޔާނުގެ ގޯލްކީޕަރު މެނުއަލް ނޯޔާ ވަނީ މުގުރާލާފައެވެ. މީގެ ކުރިން ކްލީންޝީޓް ރިކޯޑު ޚާން ހެދީ ބަޔާނާއި ކާލްސްރުއާއަށް ކުޅެދިން 557 މެޗުން 196 ކްލީންޝީޓް ހޯދައިގެންނެވެ. އެކަމަކު އެ ރިކޯޑު ނޯޔާ މުގުރާލީ 423 މެޗުން 197 ކްލީންޝީޓް ހޯދައިގެންނެވެ.

އާދީއްތަ ދުވަހުގެރޭ ހޯދި މޮޅާއެކު ބަޔާން އެއްވަނައިގައި އޮތީ ކުޅުނު 18 މެޗުން ލިބުނު 42 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އާރްބީ ލެއިޕްޒީގަށް 18 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ