ހުރިހާ ރައްޔިތުންވެސް ވެކްސިން ޖެހުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި

ޚަބަރު ފަހުގެ

ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މިއަދު ފަށާ ކޯވިޑް ވެކްސިން ޕްރޮގުރާމުގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިލްތިމާސް ކުރައްވައިފިއެވެ.

ކޯވިޑް-19ގެ ވެކްސިން ޕްރޮގުރާމު ފެއްޓެވުމަށް މިއަދު މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ނޫސްވެރިންނާއި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިވެކްސިނަކީ ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ފެށޭ ފުރަތަމަ މަސައްކަތް ކަމުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ޞާލިހު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ރައްޔިތުން ފާއިތުވެދިޔަ 11 މަސްދުވަހުގެ ތެރޭގައި ވަރަށް ހިތްދަތި ދުވަސްތަކެއް ހޭދަކޮށްފައިވާކަމަށެވެ. ނަމަވެސް ޞިއްޚީ ދާއިރާގެ ބޭފުޅުންގެ އިރުޝާދާއި މަޝްވަރާގެ މަތީން ރާއްޖޭގައި އަޅަމުންދިޔަ ފިޔަވަޅުތަކާއިއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ޞިއްޚީ މަސައްކަތްތެރި ކުރެއްވި މަސައްކަތަށް އިޚުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާފައެވެ.

ކޯވިޑް-19ގެ ވެކްސިން ރާއްޖެއަށް ގެނެސް ވެކްސިން ދިނުމުގެ މަސައްކަތް ކުރާއިރު އަމާޒަކީ ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެކްސިންދީ ވެކްސިން ފުރިހަމަ ކުރެއްވުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި މެދުނުކެނޑި ވެކްސިންގެ މަރުހަލާތައް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ޖަހާ ވެކްސިނަކީ އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރެއްވި އޮކްސްފޯޑު ވެކްސިނެވެ. އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން ގެނައި މިވެކްސިނަކީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިންނާއި ސިންގަޕޫރުގެ އެކްސްޓްރާޒެނަކާއިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއްވާ ގޮތުގައި ރާއްޖެ ގެނައި ވެކްސިން، ރާއްޖޭގެ އާބާދީގެ 50 ހާސް މީހުންނަށް ޖެހޭނެއެވެ. ރާއްޖެއަށް ގެނައި ވެކްސިނުގެ 100000 ޑޯޒަކީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިން ޑޯޒްތަކެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ