ބާސާ ދެވަނައަށް، އެތުލެޓިކޯއަށް 10 ޕޮއިންޓުގެ ލީޑެއް

ކުޅިވަރު ފަހުގެ

ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ އެތުލެޓިކް ބިލްބާއޯ ބަލިކޮށް ތާވަލުގެ ދެވަނައަށް ބާސެލޯނާ ޖެހިލިއިރު، ކަޑިޒް ބަލިކޮށް ތާވަލުގެ އެއްވަނައިގައި އެތުލެޓިކޯ މެޑްރިޑުން 10 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ތާވަލުގެ ދެވަނައަށް ބާސާ ޖެހިލީ އަމިއްލަ ދަނޑުގައި ބިލްބާއޯ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި ބާސާއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ކުރީކޮޅު ބާސާގެ ކެޕްޓަން ލިއޮނެލް މެސީއަށް ވަނީ ލީޑު ނެގުމަށް އޭރިއާ ތެރެއިން ހުސް ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަ ބިލްބާއޯގެ ގޯލްކީޕަރު އުނާއި ސިމޯން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އެކަމަކު މި މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން ލީޑު ނެގީ މެޗުގެ 20 ވަނަ މިނެޓުގައި މެސީ ކާމިޔާބުކުރި ހިލޭ ޖެހުމަކުންނެވެ.

ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ބިލްބާއޯއިން ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ ބާސާގެ ޖޯޑީ އަލްބާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެކަމަކު މި މެޗުގައި ބާސާއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ 74 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން މޮޅުވެ ބާސާ ދެވަނައަށް ޖެހިލިއިރު، ތާވަލުގެ އެއްވަނައިގައި އެތުލެޓިކޯއިން 10 ޕޮއިންޓުގެ ލީޑެއް ނެގީ އާދީއްތަ ދުވަހުގެރޭ ކަޑިޒް އަތުން 4-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ކަޑިޒްގެ ދަނޑުގައި ކުޅުނު މި މެޗުގެ 28 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ވަނީ ހިލޭ ޖެހުމަކުން އެތުލެޓިކޯއަށް ލީޑު ނަގާދީފައެވެ. އެކަމަކު އޭގެ ހަތް މިނެޓު ފަހުން ކަޑިޒްއަށް ނަތީޖާ އެއްވަރިކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އަލްވާރޯ ނެގްރޭޑޯއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ސައުލް ނިގޭޒް ވަނީ އެތުލެޓިކޯއަށް އަލުން ލީޑު ނަގާދީފައެވެ.

މި މެޗުގައި އެތުލެޓިކޯއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ޕެނަލްޓީއަކުން ލުއިސް ސުއަރޭޒް ވަނީ އެތުލެޓިކޯއަށް ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު މެޗުގެ 71 ވަނަ މިނެޓުގައި ނެގްރޭޑޯ އިތުރު ލަނޑެއް ޖަހައި ކަޑިޒްއަށް ފަރަގު ކުޑަކޮށްދިން ނަމަވެސް، އެތުލެޓިކޯއިން އަލުން ލީޑު ފުޅާކުރީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ކޯކޭ ކާމިޔާބުކުރި ލަނޑުންނެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި އެތުލެޓިކޯ އޮތީ ކުޅުނު 19 މެޗުން ލިބުނު 50 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އޮތް ބާސާ އާއި ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 20 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، ބާސާއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ