ފަހަތުން އަރައި ގްރަނާޑާ ބަލިކޮށް ބާސާ ސެމީއަށް

ކުޅިވަރު ފަހުގެ

ސްޕެނިޝް ކަޕުގެ ކުއާޓާފައިނަލުގައި ބުދަ ދުވަހުގެރޭ ފަހަތުން އަރައި ގްރަނާޑާ ބަލިކޮށް ސެމީފައިނަލަށް ބާސެލޯނާ ދަތުރުކޮށްފިއެވެ.

ގްރަނާޑާގެ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ ފަހަތުން އަރައި 5-3 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ގްރަނާޑާއިންނެވެ. އެގޮތުން މެޗުގެ 33 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ކެނެޑީއެވެ. އަދި ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ރޮބާޓޯ ސޮލްޑާޑޯ ވަނީ ގްރަނާޑާއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ 88 ވަނަ މިނެޓާ ހަމައަށް ގްރަނާޑާއިން ދެ ލަނޑުގެ ލީޑެއްގައި އޮތް ނަމަވެސް، ބާސާއިން ވަނީ ފަހު ވަގުތު ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ބާސާއަށް ފަރަގު ކުޑަކޮށްދިނީ އެންޓޮއިން ގްރީޒްމަނެވެ. އަދި އިތުރު ވަގުތުގައި ޖޯޑީ އަލްބާ ވަނީ ބާސާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، ފުރަތަމަ ހާފުގައި ގްރީޒްމަން ވަނީ ބާސާއަށް ލީޑު ނަގައިދީފައެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ފެޑެ ވީކޯ ވަނީ ގްރަނާޑާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އެކަމަކު މި މެޗުން ބާސާ މޮޅުވީ އިތުރު ވަގުތުގެ ދެވަނަ ހާފުގައި ފްރެންކީ ޑި ޔޮން އާއި އަލްބާ ކާމިޔާބުކުރި ލަނޑުތަކުންނެވެ.

ގްރަނާޑާ ބަލިކޮށް ބާސާ ސެމީއަށް ދަތުރުކުރިއިރު، ސެމީން ފުރުސަތު ހޯދާފައިވާ އަނެއް ޓީމުތަކަކީ ލެވަންޓޭ އާއި ސެވިއްޔާއެވެ. އަދި ސެމީގެ ފަހު ޖާގަ ލިބޭނީ ބުރާސްފަތި ދުވަހުގެރޭ ރެއާލް ބެޓިސް އާއި ބިލްބާއޯ ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ