ނީމްސް އަތުން ޕީއެސްޖީއަށް ފަސޭހަ މޮޅެއް

ކުޅިވަރު ފަހުގެ

ފްރެންޗް ލީގުގައި ބުދަ ދުވަހުރޭ ކުޅުނު މެޗުން ތާވަލުގެ ފުލުގައި އޮތް ނީމްސް އަތުން ފަސޭހަކަމާއެކު އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަރި ނޭމާ ކުޅެފައެއް ނުވެއެވެ. އެކަމަކު މެޗުގައި ޕީއެސްޖީން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 18 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންހެލް ޑި މާރިއާއެވެ.

އޭގެ ފަހުން މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕަބްލޯ ސަރާބިއާއެވެ. އަދި މެޗުގެ 68 ވަނަ މިނެޓުގައި ކީލިއަން އެމްޕާބޭ ވަނީ ޕީއެސްޖީގެ ތިންވަނަ ލަނޑު ޖަހާފައެވެ.

މި މޮޅާއެކު ޕީއެސްޖީ އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު 23 މެޗުން ލިބުނު 48 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ލިލްއަށް 23 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ލިޔޯނަށް 23 މެޗުން ވަނީ 49 ޕޮއިންޓް ލިބިފައެވެ. އަދި ޕީއެސްޖީ އަތުން ބަލިވި ނީމްސް އޮތީ ތާވަލުގެ ފުލުގައި 22 މެޗުން 15 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ