ކުލަބު ވޯލްޑް ކަޕް: ފައިނަލުގެ ފުރަތަމަ ޖާގަ ޓިގްރެސްއަށް

ކުޅިވަރު ފަހުގެ

ފީފާ ކުލަބު ވޯލްޑް ކަޕުގެ ފައިނަލުގެ ފުރަތަމަ ޖާގަ މެކްސިކޯގެ ޓިގްރެސްއިން ހޯދައިފިއެވެ.

މިހާރު ކުރިއަށްދާ ކުލަބު ވޯލްޑް ކަޕަކީ މިދިޔަ އަހަރުގެ މުބާރާތެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބާއްވަން ތާވަލުކުރި މި މުބާރާތް މި އަހަރަށް ފަސްކުރީ ކޮވިޑް-19 އާ ގުޅިގެންނެވެ. ހަ ބައްރުގެ ޗެމްޕިއަނުންނާއި ހޯސްޓުކުރާ ގައުމުގެ ލީގު ޗެމްޕިއަނުންގެ މެދުގައި އާދައިގެ މުބާރާތެއްގެ ގޮތުގައި ކުރިއަށްދާ މި މުބާރާތް މި ފަހަރު ކުރިއަށްދަނީ ގަތަރުގައެވެ.

އިޝްތިހާރު
އިޝްތިހާރު

މި މުބާރާތުގެ ފައިނަލަށް ޓިގްރެސް ދަތުރުކުރީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި އާދީއްތަ ދުވަހުގެރޭ ދެކުނު އެމެރިކާގެ ޗެމްޕިއަން ޓީމު ކަމަށްވާ ބްރެޒިލުގެ ޕަލްމެއިރަސް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މިއީ ކޮންކާކަފުގެ ޓީމެއް ކުލަބު ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޓިގްރެސްއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންދްރޭ-ޕިއާ ގިންޏަކެވެ.

މި މޮޅާއެކު މުބާރާތުގެ ފައިނަލަށް ޓިގްރެސް ދަތުރުކުރިއިރު، ފައިނަލުގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ސެމީގައި ޔޫރަޕުގެ ޗެމްޕިއަން ބަޔާން މިއުނިކާއި، އެފްރިކާގެ ޗެމްޕިއަން އަލް އަހްލީ ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ. ސެމީގެ ދެވަނަ މެޗު ހޯމަ ދުވަހުގެރޭ ކުޅޭއިރު، މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ