ބާންސްލީ ބަލިކޮށް ޗެލްސީ ކުއާޓާއަށް

ކުޅިވަރު ފަހުގެ

ބުރާސްފަތި ދުވަހުގެރޭ ބާންސްލީ ބަލިކޮށް އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާފައިނަލަށް ޗެލްސީ ދަތުރުކޮށްފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުން ޗެލްސީ މޮޅުވި ނަމަވެސް، އިނގިރޭސި ދެވަނަ ޑިވިޝަން (އީއެފްއެލް ޗެމްޕިއަންޝިޕް) ގައި ހިމެނޭ ބާންސްލީން ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ބާންސްލީން މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދިއިރު، ޗެލްސީގެ ގޯލު ބެލެހެއްޓި ކެޕާ އަރިއްޒަބަލާގާ ވަނީ އެ ހަމަލާތައް ހުއްޓުވާފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޗެލްސީން ކާމިޔާބުކޮށްފައިވަނީ މެޗުގެ 64 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ޓެމީ އަބްރަހަމެވެ.

މި މޮޅާއެކު ޗެލްސީ ކުއާޓާއަށް ދަތުރުކުރިއިރު، ބުރާސްފަތި ދުވަހުގެރޭ ސައުތެމްޓަނުން ވަނީ 2-0 ގެ ނަތީޖާއަކުން ވުލްވްސް ބަލިކޮށް ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި މެޗުތަކަށްފަހު އެފްއޭ ކަޕުގެ ކުއާޓާގެ ގުރުއަތުލުން ބުރާސްފަތި ދުވަހުގެރޭ ކުރިއަށް ގެންދިޔައިރު، ކުއާޓާގެ މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ މާޗު މަހުގެ 20 ވަނަ ދުވަހުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ