ޑޯޓްމުންޑާއި ހޮފެންހެއިމް އެއްވަރު

ކުޅިވަރު ފަހުގެ

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ބޮރޫޝިއާ ޑޯޓްމުންޑާއި ހޮފެންހެއިމް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ޑޯޓްމުންޑުގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މި މެޗު އެއްވަރުވިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ޑޯޓްމުންޑް މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޑޯޓްމުންޑުންނެވެ. އެގޮތުން މެޗުގެ 24 ވަނަ މިނެޓުގައި ޑޯޓްމުންޑަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ޖޭޑަން ސަންޗޯއެވެ. އެކަމަކު އޭގެ ހަތް މިނެޓު ފަހުން މޫނަސް ޑަބޫރް ވަނީ ހޮފެންހެއިމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި އިހުލާސް ބެބޫ ވަނީ ފަހަތުން އަރައި ހޮފެންހެއިމަށް ލީޑު ނަގައިދީފައެވެ.

ދެ ޓީމުންވެސް މި މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 57 ވަނަ މިނެޓުގައި އާލިން ބްރައުޓް ހާލަންޑް ވަނީ ޑޯޓްމުންޑަށް ލަނޑެއް ޖަހައިދީފައެވެ. އެކަމަކު އެ ލަނޑު ޖެހުމުގެ ކުރިން އޭނާ އޮފްސައިޑުގައި ހުރުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. ނަމަވެސް މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ހާލަންޑް ވަނީ އިތުރު ލަނޑެއް ޖަހައި މި މެޗުން ޑޯޓްމުންޑް ބަލިނުވެ ސަލާމަތްކޮށްދީފައެވެ.

މި ނަތީޖާއާއެކު ޑޯޓްމުންޑް އޮތީ ތާވަލުގެ ހަވަނައިގައި ކުޅުނު 21 މެޗުން ލިބުނު 33 ޕޮއިންޓާއެކުއެވެ. އަދި ހޮފެންހެއިމް އޮތީ ތާވަލުގެ 12 ވަނައިގައި 21 މެޗުން 23 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ