މެސީގެ ދެ ލަނޑާއެކު ބާސާއަށް ބޮޑު މޮޅެއް

ކުޅިވަރު ފަހުގެ

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ޑިޕޯޓިވޯ އަލަވޭސް އަތުން ހޯދި ބޮޑު މޮޅާއެކު ތާވަލުގެ ދެވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗަކީ މެސީ ބާސާއަށް ލީގުގައި ކުޅެދިން 505 ވަނަ މެޗެވެ. އެއާއެކު އޭނާ ވަނީ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒްގެ ރެކޯޑާ ހަަމަކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި ބާސާއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 17 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އިލައިޝް މޮރީބާ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްރެންސިސްކޯ ޓްރިންކާއޯއެވެ.

އޭގެ ފަހުން މެޗުގެ 36 ވަނަ މިނެޓުގައި ބާސާގެ ކެޕްޓަން ލިއޮނެލް މެސީ ލަނޑެއް ޖެހި ނަމަވެސް، އޭގެ ކުރިން އެ ޓީމުގެ އެންޓޮއިން ގްރީޒްމަން އޮފްސައިޑުގައި ހުރި ކަމަށް ނިންމައި ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މެސީ ވަނީ ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އަލަވޭސްއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން އަށްވަނަ މިނެޓުގައި ލުއިސް ރިއޯހާ ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު މެޗުގެ 74 ވަނަ މިނެޓުގައި ޓްރިންކާއޯ ބާސާއަށް އަލުން ލީޑު ފުޅާކޮށްދިންއިރު، އޭގެ މިނެޓެއް ފަހުން މެސީ ވަނީ ބާސާއަށް އިތުރު ލަނޑެއް ޖަހައިދީފައެވެ. އަދި މި މެޗުގައި ބާސާއިން ކާމިޔާބުކުރި ފަސްވަނަ ލަނޑު މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ޖޫނިއާ ފިރްޕޯއެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައަށް ބާސާ ޖެހިލީ ކުޅުނު 22 މެޗުން ލިބުނު 46 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށްވެސް 22 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު، ބާސާއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ އެތުލެޓިކޯ މެޑްރިޑުން ވަނީ 2-1 ގެ ނަތީޖާއަކުން ގްރަނާޑާ ބަލިކޮށް އެއްވަނައިގައި ލީޑު ދަމަހައްޓާފައެވެ. މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި އެތުލެޓިކޯ އޮތީ 21 މެޗުން 54 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ