ބަޔާނާއި ބީލެފެލްޑް އެއްވަރު

ކުޅިވަރު ފަހުގެ

ޖަރުމަން ލީގުގައި ހޯމަ ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ރެލިގޭޝަން ޒޯނުގައި އޮތް އާމީނިއާ ބީލެފެލްޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ބަޔާނުގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގެ ފުރަތަމަ ހާފުގައި ބަޔާނަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، މި ހާފުގައި ބީލެފެލްޑުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި ބީލެފެލްޑުގެ މިޝޭލް ފްލަޕް ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 37 ވަނަ މިނެޓުގައި ކޯނަރަކުން އާމޯސް ޕީޕާ ވަނީ ބީލެފެލްޑަށް ލީޑު ފުޅާކޮށްދީފައެވެ.

އެކަމަކު ދެވަނަ ހާފުގައި ބަޔާނުން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން ތިންވަނަ މިނެޓުގައި އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން ކްރިސްޓިއަން ގޭބާ ވަނީ އަނެއްކާވެސް ބީލެފެލްޑަށް ލީޑު ފުޅާކޮށްދީފައެވެ.

އެކަމަކު އޭގެ ފަހުން މި މެޗުގައި ބަޔާނުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 57 ވަނަ މިނެޓުގައި ކޮރެންޓިން ޓޮލީސޯ ވަނީ ލަނޑެއް ޖަހައި ބަޔާނަށް އަލުން ފަރަގު ކުޑަކޮށްދީފައެވެ. އަދި މި މެޗުން ބަޔާން ބަލިނުވެ ސަލާމަތްވީ މެޗުގެ 70 ވަނަ މިނެޓުގައި އެލްފޮންސޯ ޑޭވީސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި ބަޔާން އޮތީ ކުޅުނު 21 މެޗުން ލިބުނު 49 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އާރްބީ ލެއިޕްޒީގަށް 21 މެޗުން ލިބިފައިވަނީ 44 ޕޮއިންޓެވެ. އަދި ބަޔާނާ އެއްވަރުކުރި ބީލެފެލްޑް އޮތީ ތާވަލުގެ 16 ވަނައިގައި 20 މެޗުން 18 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ