ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރި މައްސަލައިގެ އަޑުއެހުމެއް މިއަދު

ޚަބަރު ފަހުގެ

އިންޑިއާ އާއި ރާއްޖެއާ އޮންނަ ގުޅުމަށް ބުރޫ އަރާފާނެ ކަމަށް ބުނެ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރަން ނިންމި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމެއް މިއަދަށް ހައި ކޯޓުގައި ތާވަލްކޮށްފިއެވެ.

ރާއްޖޭގައި މަޑުކުރާ އިންޑިއާ ސިފައިންގެ އަދަދާއި އެކަމާ ގުޅުން ހުރި އެހެން ކަންކަން ހާމަނުކުރަން އެމްއެންޑީއެފްއިން ނިންމާފައިވަނީ އެމައުލޫމާތު ހާމަ ކޮށްފިނަމަ އޭގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ގުޅުމަށް ބުރޫއަރައިފާނެ ކަމަށް ބުނެއެވެ. އަދި މި މައުލޫމާތު ހިއްސާ ކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތެއް ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އިންޑިއާ ސިފައިންނާ ގުޅޭގޮތުން ޑިފެންސް މިނިސްޓްރީ އާއި ސުވާލުކޮށް އެމައުލޫމާތު ނުލިބުމުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެމައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށް ހުށަހަޅާފައިވަނީ އޮންލައިން ނޫސް “ދިޔަރެސް” ގެ ފަރާތުންނެވެ. ނަމަވެސް އައިކޮމް އިން ވަނީ، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި އަދަދު ހާމަ ނުކުރަން ޑިފެންސް މިނިސްޓްރީ އިން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ބުނެފައެވެ.

ދިޔަރެސް އިން މި މައްސަލަ ހައިކޯޓުގައި މީގެ ތިން މަސް ކުރިން އިސްތިއުނާފުކުރިއިރު، މިއަދަށް ތާވަލްކޮށްފައިވަނީ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުމެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރު ދުއްވުމުގެ ބޭނުމުގައި ރާއްޖޭގައި ސަތޭކައެއްހާ އިންޑިއާ ސިފައިން ތިބޭތީ ރާއްޖޭގައި މިލިޓަރީގެ ޕްރެޒެންސް އެބައޮތް ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ