ސިޓީއަށް އެއްވަނައިގައި ބޮޑު ލީޑެގައި

ކުޅިވަރު ފަހުގެ

އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެރޭ ވުލްވްސް ބަލިކޮށް ތާވަލުގެ އެއްވަނައިގައި މެންޗެސްޓާ ސިޓީން 15 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ސިޓީން ވަނީ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 21 މެޗުންވެސް މޮޅުވެފައެވެ. އަދި ލީގުގައި އެންމެ ފަހުން ކުޅުނު 15 މެޗުންވެސް ސިޓީ ވަނީ މޮޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ ލީޑު ނަގާފައެވެ. މިއީ މެޗުގެ 15 ވަނަ މިނެޓުގައި ވުލްވްސްގެ ލެއޮންޑަ ޑެންޑޮންކާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އައިމެރިކް ލަޕޯޓް އިތުރު ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ވަނީ އެ ލަނޑު އޮފްސައިޑް ކަމަށް ނިންމާފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ ހާފުގައި ވުލްވްސްއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން މެޗުގެ 61 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ކޮނާ ކޯޑީއެވެ. އެކަމަކު މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ގަބްރިއެލް ޖީސޫސް ވަނީ ސިޓީއަށް އަލުން ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 90 ވަނަ މިނެޓުގައި ރިޔާދު މާރޭޒް ސިޓީއަށް ލީޑު ފުޅާކޮށްދިންއިރު، އިތުރު ވަގުތުގެ ފަހު މިނެޓުގައި ސިޓީގެ ހަތަރުވަނަ ލަނޑު ޖެހީ ޖީސޫސްއެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި 15 ޕޮއިންޓުގެ ލީޑެއް ސިޓީން ނެގިއިރު، އެ ޓީމަށް ވަނީ ކުޅުނު 27 މެޗުން 65 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 26 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ. މީގެ އިތުރުން ސިޓީ އަތުން ބަލިވި ވުލްވްސް އޮތީ ތާވަލުގެ 12 ވަނައިގައި 27 މެޗުން 34 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ