ބަންގްލަދޭޝް ޑޮކްޓަރުންގެ ޓީމް ރާއްޖެ އަތުވެއްޖެ

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން “ކޮވިޑް-19 ދިފާޢު” ވެކްސިން ކެމްޕޭނުގައި އެހީތެރިވުމަށް ބަންގްލަދޭޝްގެ އެއަރފޯސްގެ މެޑިކަލް ޓީމެއް މިއަދު ހަވީރު ރާއްޖެ އަތުވެއްޖެއެވެ.

ބަންގްލަދޭޝްގެ މެޑިކަލް ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދު އާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ޑރ ޝާހު މާހިރުގެ އިތުރުން ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރެއަރ އެޑްމިރަލް (ރޓ) ނަޒްމުލް ޙަސަން އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލެފްޓިނަންޓް ކާނަލް ހުސައިން ފައިރޫޝް އަދި ލެފްޓިނަންޓް ކާނަލް ހަސަން ބުޝްރީއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޓީމްގައި 10 ނަރުހުންނާއި، 7 މެޑިކަލް އެސިސްޓެންޓުން އަދި އެނެސްތިޒިއޮލޮޖިސްޓެއް ހިމެނެއެވެ. ހެލްތު މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން މި ޓީމްގެ މެމްބަރުން މަސައްކަތްކުރައްވާނީ މާލޭގައި ހިންގާ ވެކްސިނޭޝަން ޕްރޮގްރާމަށް އެހީތެރިވުމުގެ އިތުރުން ގދ ތިނަދޫ، ލ ގަން، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ހިންގަމުންދާ ވެކްސިން ޕްރޮގްރާމްތަކުގައެވެ. މި ޓީމް 2 މަސް ދުވަހު ރާއްޖޭގައި ތިބޭނެއެވެ.

ސިއްހީ މާހިރުން އިތުރަށް ބޭނުންވެފައިވާ މިދަނޑިވަޅުގައި ބަންގްލަދޭޝްއިން ރާއްޖެއަށް މިފަދަ ޓީމެއް ފޮނުއްވިކަމީ ދިވެހި ސަރުކާރާއި ރައްޔިތުންނަށް ބަންގްލަދޭޝްއިން މެދުކެނޑުމެއްނެތި ވެދެމުންދާ އެހީތެރިކަމުގެ މިސާލެއް ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

“ކޮވިޑް-19 ދިފާޢު” ވެކްސިން ކެމްޕޭނުގެ ދަށުން ދިވެހިންނާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހިމެނޭހެން އެންމެންނަށް، ހަމަހަމަ ފުރުޞަތުތަކެއްގެ ދަށުން ވެކްސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަދި، މީގެ ކުރިން ރައީސް ސޯލިހު ވިދާޅުވެފައިވާ ފަދައިން، މި ކަމުގައި ޤަވާޢިދާ އެއްގޮތަށް އުޅޭ އަދި ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ސަރުކާރުން އެއްވެސް ތަފާތުކުރުމެއް ނުގެންގުޅެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެކު ގޮތްގޮތުން ލިބެމުންދާ އެހީތެރިކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއި، ޚާރިޖީ ވަޒީރުން ޑރ އޭ. ކޭ މޮމެންގެ އިތުރުން ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނާއި އަސްކަރިއްޔާއަށް ދިވެހި ސަރުކާރުން ޚާއްސަ ޝުކުރު އަދާކުރާ ކަމަށް ވެސް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ