ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި

ކުޅިވަރު ފަހުގެ

ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ހދ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އިއުލާން ކޮށްފައިވާ ވޮލީ މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ.

މާޗް މަހުގެ 12 އިން 28 އަށް ނޮޅިވަރަންފަރު ވޮލީކޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އަންހެން ހަތް ޓީމް ބައިވެރިވެފައިވާއިރު ބައިވެރިވި ޓީމްތައް ވަނީ ދެ ގްރޫޕަކަށް ބަހާލެވިފައެވެ. ގްރޫޕް 1 ގައި، ހަތަރު ޓީމް ހިމެނެއެވެ. އެ ޓީމް ތަކަކީ ނޮޅިވަރަންފަރު ލައިކަން، ހިރިމަރަދޫ ހިރިޒިލް، ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ އިތުރުން ޓީމް ނޮޅިވަރަންއެވެ. ގްރޫޕް 2 ގައި ހިމެނޭ ޓީމްތަކަކީ ޓީމް ނައިވާދޫ، ޓީމް ކުޅުދުއްފުށީގެ އިތުރުން ކުމުންދޫ ސްޕޯޓްސް ކުލަބެވެ.

އިޝްތިހާރު
އިޝްތިހާރު

އަންހެން ކެޓަގަރީގެ މެޗުތައް ރާވާލެވިފައިވަނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ހޯދާ ޓީމަކަށް ސެމީގެ ޖާގަ ލިބިގެންދާ ގޮތަށެވެ. ސެމީގައި ގްރޫޕް 1 ގެ އެއްވަނަ ޓީމް ބައްދަލު ކުރަން ޖެހޭނީ ގްރޫޕް 2 ގެ ދެވަނަ ޓީމާއެވެ. ގްރޫޕް 1 ގެ ދެވަނަ ޓީމް ބައްދަލުކުރަން ޖެހޭނީ ގްރޫޕް 2 ގެ އެއްވަނަ ޓީމާއެވެ. މި މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 28 މާޗް 2021 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:15 ގައެވެ.

މިގެ އިތުރުން މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ޖުމްލަ ހަ ޓީމަކުންވަނީ ބައިވެރި ވެފައެވެ. މި މުބާރާތުގެ ފިރިހެން ކެޓަގަރީ ކުރިއަށް ގެންދިއުމަށް ރާވާލެވިފައިވަނީ ބައިވެރިވި ހަ ޓީމް ދެ ގްރޫޕަކަށް ބަހާލުމަށްފަހު ކޮންމެ ގްރޫޕަކުން އެއްވަނަ ހޯދާ ޓީމަކަށް ފައިނަލުގެ ޖާގަ ލިބިގެންދާ ގޮތަށެވެ.

ފިރިހެން ކެޓަގަރީގެ ގްރޫޕް 1 ގައި ހިމެނޭ ޓީމް ތަކަކީ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބް، ނޭކުރެންދޫ ވޮލީ ޓީމްގެ އިތުރުން ހިރިމަރަދޫ ހިރިޒިލްއެވެ. ގްރޫޕް 2 ގައި ހިމެނޭ ޓީމް ތަކަކީ ޓީމް ކުޅުދުއްފުށީ، ހަނިމާދޫ ސާއްބަ އެކުވެރި ކުލަބްގެ އިތުރުން ވައިކަރަދޫ ވޮލީ ޓީމެވެ. މި މުބާރާތުގެ ފިރިހެން ކެޓަގަރީގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 28 މާޗް 2021 ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ