ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ޚަބަރު ފަހުގެ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ވިދާޅުވީ، މި ތަކެތި ނައްތާލާފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުން އިއްޔެ ދޫނިދޫގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އިއްޔެ ނައްތާލާފައިވަނީ 42 އިންސިޑެންޓެއްގައި ހިމެނޭ އެވިޑެންސްތަކާއި 2012 ވަނަ އަހަރުގެ އެއް މައްސަލައަކާއި 2017 ވަނަ އަހަރުގެ އެއް މައްސަލައެއްގެ އިތުރުން 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ނައްތާނުލެވިހުރި ޖުމްލަ 210 މައްސަލައެއްގައި ހިމެނޭ ތަކެތި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެގޮތުން ފުލުހުން ވިދާޅުވީ، މި ތަކެތީގެ ތެރޭގައި ހިމެނެނީ 210 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 5،510 ފުޅިއާއި 290 ޕެޓްފުޅިއާއި 4،947 ބިޔަރު ދަޅުގެ އިތުރުން  24 ހަމާއި ފަސް ލީޓަރުގެ 9 ފުޅިއާއި 9 ޓައްޕު އަދި 192 އެހެނިހެން ތަކެތި ކަމަށެވެ. ނައްތާލާފައިވާ އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނެނީ ސާމްޕަލް ކަޕާއި ކޮތަޅާއި ނޫސް ކަރުދާހާއި ކަރުދާސް ފޮށިގަނޑާއި ދަބަހާއި ލަގެޖް ފޮއްޓާއި ތައްޓާއި ބާލިދީ އާއި ގޭސް އުނދުން އަދި ގޭސް ފުޅިފަދަ ތަކެއްޗެވެ.

މިމައްސަލަތަކުގެ ތެރެއިން ނައްތާލާފައިވަނީ ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ އަދި ނައްތާލުމުގެ ހުއްދަ ޕީޖީ އޮފީހުން ދީފައިވާ މައްސަލަތަކާއި ދައުވާނުކުރުމަށް ނިންމައި ފައިލްކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރަން އަންނަ ފަތުރުވެރިންގެ އަތުން ނެގިފައިވާ ބަނގުރަލާއި ވަކިފަރާތަކަށް ތުހުމަތު ނުކުރެވޭގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ.

އިއްޔެ ދޫނިދޫގައި ނައްތާލި ތަކެއްޗާއެކު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި ހިމެނޭ ބަނގުރާއާއި އެކި ސަބަބުތަކާއި ހެދި ނައްތާނުލެވޭ ތަކެތީގެ އިތުރުން  ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ އެއް މައްސަލައިގެ ތަކެތި ފިޔަވައި އެހެން ހުރިހާ ބަނގުރާ ނައްތާލާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ