ރައީސް ޞާލިޙް ޑާކާގެ ދެ މިއުޒިއަމަކަށް ޒިޔާރަތްކުރައްވައިފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޑާކާގެ ނޭޝަނަލް މާޓިއަރޒް މެމޯރިއަލްއަށާއި، ބަންގަބަންދު މެމޯރިއަލް މިއުޒިއަމަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ނޭޝަނަލް މާޓިއަރޒް މެމޯރިއަލަކީ ބަންގްލަދޭޝުގެ މިނިވަންކަމަށްޓަކައި 1971 ވަނަ އަހަރު ކުރެވުނު ހަނގުރާމައިގައި ދުނިޔެ ދޫކުރި ސިފައިންގެ ހަނދާނުގައި ޤާއިމްކޮށްފައިވާ މަގުބަރާއެކެވެ. މި މަގުބަރާއަށް ކުރެއްވި ޒިޔާރަތުގައި، އެ ސިފައިންގެ ހަނދާނުގައި މާފަތި ބޭއްވުމަށް ކުރިޔަށްގެންދިއަ ރަސްމިއްޔާތެއްގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ގޮތުން އެ ތަނުގައި ގަހެއް އިންދަވައި، މެހެމާނުން ސޮއިކުރައްވާ ފޮތުގައި، ރައީސް ޞާލިޙް ވަނީ ސޮއިކުރައްވާފައެވެ.

ބަންގަބަންދު މެމޯރިއަލް މިއުޒިއަމަށް ކުރެއްވި ޒިޔާރަތުގައި، އެ ތަނުގައި ހިމެނޭ ބަނގްލަދޭޝްގެ ތާރީޚާއި ގުޅޭ މުހިއްމު ތަންތަން ރައީސް ޞާލިޙް ވަނީ ބައްލަވައިލައްވާފައެވެ.

އެ މިއުޒިއަމަކީ ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރައްވާ އެ ޤައުމުގައި ރައީސްކަމާއި ބޮޑުވަޒީރުކަން ކުރެއްވި ބަންގަބަންދު ޝެއިޚް މުޖީބުއްރަޙްމާންގެ ގެކޮޅެވެ.

އެ ގެކޮޅު ފަހުން މިއުޒިއަމަކަށް ބަދަލުކުރެވުމާއެކު އެ މަނިކުފާނުގެ މަޤުބޫލު ލަޤަބުފުޅެއް ކަމަށްވާ ބަންގަބަންދުގެ ނަމުން އެ ތަނަށް ނަން ދެވިގެންދިޔައެވެ. އެ ތަން ޚާއްސަކުރެވިފައިވަނީ އެ މަނިކުފާނުގެ ހަޔާތުގައި ބަންގްލަދޭޝްގެ މިނިވަންކަމަށާއި ކުރެއްވި ގިނަގުނަ ޚިދުމަތްތަކުގެ މައްޗަށެވެ.

ބަންގަބަންދު ޝެއިޚް މުޖީބުއްރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބަތުގައި މިރޭ ޚާއްސަ ރަސްމިއްޔާތެއް ބާއްވަން ހަމަޖެހިފައިވާއިރު، ޝަރަފުވެރި މެހެމާނެއްގެ ގޮތުން ރައީސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޞާލިޙް ގަތަރަށް ކުރެއްވި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން ބަންގްލަދޭޝަށް ވަޑައިގެންނެވިއިރު، އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުުރުފުޅެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ