11 އަހަރު ކުއްޖާ ރޭޕް ކުރުމުގެ ތުހުމަތުކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ޚަބަރު އިޖުތިމާޢީ ފަހުގެ

އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހާގެ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރެއް ހޯދުމަށް ކޯޓަށް ހުށަހަޅައިދިނުމަށް ޕޮލިސް ކަމިޝަނަރު މުހައްމަދު ހަމީދު ވަނީ ޕްރޮސިކިއުޓާ ޖެނެރަލް ހުސަން ޝަމީމް އަރިހުން އެދިވަޑައިގެންފައި ކަމަށެވެ. އަދި ޕްރޮސިކިއުޓަރު ޖެނެރަލްގެ ފަރާތުން އެފަދަ އަމުރަކަށް އެދި ހުށަހެޅުމުން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމެއްގައި ވަނީ އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ޖަހައިދީފަ އެވެ. ކްރިމިނަލް ކޯޓުން އެ އަމަރު ދިނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މާލޭގެ ގެސްޓު ހައުސްއަކަށް ކުއްޖަކު ގެންގޮސް ރޭޕްކުރި ކަމުގެ ތުހުމަތު ކުރަނީ ހއ. ބާރަށު، އަނީސް ހިލްމީ 38، ގެ މައްޗަށެވެ. އޭނާ ހައްޔަރުކޮށް، ފުލުހުން ވަނީ ފޮޓޯ ވެސް އާއްމުކޮށްފަ އެވެ.

ޚާއްސަ އިސްކަމެއް ދީގެން ތަހުގީގުކުރާ މި މައްސަލައިގައި ފުލުހުންގެ އެދުމުގެ މަތިން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ފުރަތަމަ އެދުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓާށެވެ. އެކަމަކު، އަނީސް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ފުރަތަމަ ދިނީ ހަތް ދުވަހެވެ. އެއީ، ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތަށް އޭނާ އެދުމުންނެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ އަނީސްގެ މައްސަލައިގެ ތަހުގީގުގައި ބެލިބެލުމުން، އެ ކުއްޖާ ރޭޕްކުރީ ގްރޫމްކޮށްގެންކަން ވަނީ އެނގިފައިވާ ކަމަށެވެ.

ގްރޫމް ކުރުމަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރަން ފައިސާ އާއި އެ ނޫން ވެސް މާއްދީ އެއްޗެއް އެ ކުއްޖާގެ ބެލެނިވެރިން ނުވަތަ ބަލަން ހަވާލުވެފައިވާ ބަޔަކަށް ދީ، އިތުބާރު ހޯދުމަށް މަސައްކަތް ކުރުމެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖާ ގްރޫމް ކޮށްފި މީހެއްގެ އަދަބަކީ 10 އަހަރަށް ޖަލަށް ލުން ކަން ވެސް މި ކޭސްއާ ގުޅިގެން އާއްމުކުރި ހޭލުންތެރި ކުރުވުމުގެ މައުލޫމާތުތަކުގައި ގާނޫނުތަކާ ހަވާލާދީ ފުލުހުން ހަނދާން ކޮށްދީފައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ