ކެނަބިސް ޓްރެފިކް ކުރި ހިރިމަރަދޫ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

ޚަބަރު ފަހުގެ

މަސްތުވާތެކެތީގެ މައްސަލައެއްގައި އުމުރުދުވަހުގެ ޖަލު ހުކުމެއް މީހަކަށް އިއްވައިފިއެވެ.

ކެނަބިސް ޓްރެފިކް ކުރިކަމަށް މިއަދު ހައިކޯޓުން ހުކުމް ކޮށްފައިވަނީ ހދ. ހިރިމަރަދޫ، ހިޔާވަހި، އަޙްމަދު ނަބީޙުގެ މައްޗަށެވެ.

އިޝްތިހާރު
އިޝްތިހާރު

ހައިކޯޓުން މިހުކުމް ކޮށްފައިވަނީ އަޙްމަދު ނަބީޙު ކެނަބިސް ޓްރެފިކް ކުރިކަން ސާބިނުވާކަމަށް ހދ. ހިިރިމަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމެއް ބާތިލް ކުރުމަށްފަހުއެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ، ތިލަންދުންމަތީ ދެކުނުބުރީ ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2016/ޞ6ޝ/04 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، ޤާނޫނު ނަންބަރު 17/2011 (މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނު)ގެ 108 ވަނަ މާއްދާ (ކުރީގެ 106)ގެ (ހ)ގެ ދަށުން، ހދ. ހިރިމަރަދޫ، ހިޔާވަހި، އަޙްމަދު ނަބީޙުގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ޤަނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ އެކަށީގެންވާ ޝައްކެތްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާކަމުގައި ކަނޑައަޅައި، ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ޢުޤޫބާތެއްގެގޮތުން ޤާނޫނު ނަންބަރު 17/2011 (މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާ (ކުރީގެ 106) ގެ އެމާއްދާގެ (ނ) ގެ ދަށުން އަޙްމަދު ނަބީޙު އުމުރަށް ޖަލަށްލުމާއެކު -/100،000 (އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ނިންމައި ޙުކުމް ކުރާކަމަށެވެ.

ހދ.ހިރިމަރަދޫ ގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ މީހުން ހޯދުމަށްޓަކައި ފުލުހުން ހިންގި ޚާއްސަ އޮޕްރޭޝަނެއްގައި ހދ. ހިރިމަރަދޫ ، ހިޔާވަހި އަޙްމަދު ނަބީޙު މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން 12 ފެބްރުވަރީ 2016 ދުވަހުގެ 35:00 އެހައިކަންހާއިރު، އަޙްމަދު ނަބީޙު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އަޙްމަދު ނަބީޙު އާ ސުވާލުކުރެވުނެވެ. އަޙްމަދު ނަބީޙު އާ ސުވާލުކުރުމުން ހދ.ހިރިމަރަދޫ ހުޅަނގުފަރާތު ހޮޅުއަށީގައިހުރި ހޮޅުގަނޑެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުންނާނެކަމަށް އަޙްމަދު ނަބީޙު ފުލުހުންގެ ގާތުގައި ބުނެފައިވެއެވެ. އަދި އަޙްމަދު ނަބީޙު އާއެކު ފުލުހުން އެތަނަށްގޮސް އަޙްމަދު ނަބީޙު ގެ ހާޟިރުގައި ފުލުހުން އެތަން ބަލައި ފާސްކުރިއިރު، ހޮޅުއަށީގައިހުރި ހޮޅުތަކުގެ ތެރެއިން އަޙްމަދު ނަބީޙު ދެއްކި ހޮޅުގަނޑެއްގެ ތެރޭގައި އޮތް ނ ކުލައިގެ ރަބަރު ކޮތަޅެއްގެ ތެރެއިން ކެނެބިސް ހުރިކަމަށް ބެލެވޭ 06(ހައެއް) ސެލޯފިންކޮޅު ފެނިފައިވެއެވެ. އަދި އޭގެ ބަރުދަނު ގައި 8204.0 ގްރާމް ކެނެބިސް ހުރިކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން ވަނީ ދައްކާފައެވެ.

އަޙްމަދު ނަބީޙު އާ ފުލުހުން އިތުރަށް ސުވާލުކުރުމުން، ހދ.ހިރިމަރަދޫ ދެކުނު ފަރާތުގައި ހުރި ގަސްތަކެއްގެ ތެރޭގައި މަސްތުވާތަކެތި ވަޅުލާފައި ހުންނާނެކަމަށް އަޙްމަދު ނަބީޙު ބުނެފައިވެއެވެ. އެހެންވެ އަޙްމަދު ނަބީޙު އާއިއެކު ފުލުހުން އެސަރަހައްދަށް ގޮސް، އަޙްމަދު ނަބީޙު ދެއްކި ތަން ފުލުހުން ކޮނެގެން ބެލިއިރު، އެތަނުން ފެނުނު ޕްރިންގުލެސް (ޕްރިން ގްލްސް) ބްރޭންޑްގެ 02 (ދޭއެއް) ޗިޕްސް ދަޅުގެ ތެރެއިން އެއްދަޅުން ކެނެބިސް ހުރިކަމަށް ބެލެވޭ 97 (ނުވަދިހަ ހަތެއް) ސެލޯފިންކޮޅު ފެނިފައިވެއެވެ. އަދި އޭގައި 7025.9 ގްރާމް ކެނެބިސް ހުރިކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން ވަނީ ދައްކާފައެވެ. އަނެއް ދަޅުން ކެނެބިސް ހުރިކަމަށް ބެލެވޭ 144 (ސަތޭކަ ސާޅީސް ހަތަރެއް) ސެލޯފިންކޮޅު ފެނިފައި ވެއެވެ. އަދި އޭގައި 9196.9 ގްރާމް ކެނެބިސް ހުރިކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން ވަނީ ދައްކާފައެވެ.

އަޙްމަދު ނަބީޙު އަކީ 2015 އިން ފެށިގެން މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށާއި، ފުލުހުންނަށް ދައްކާފައިވާ މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތިކަމަށާއި، އެ ތަކެތި ގަތުމަށް ރައްޓެއްސެއްގެ އަތުން 6000 ރުފިޔާގެ ލޯނެއް ނަގައި ހަރަދުކޮށްފައިވާނެ ކަމަށާއި، މަސްތުވާތަކެތި ގެނައީ މާލޭގައިހުރި ރައްޓެއްސަކަށް ރުފިޔާ ފޮނުވައިގެން ބަހާދަރު ބޯޓުން ކުޅުދުއްފުށި މަގުން ކަމަށް ބުނެ ތަހުގީގުގައި އޭނާ ވަނީ އިއުތިރާފު ވެފައެވެ. އަދި އޭނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވެއެވެ. އެ މައްސަލައިގައި ނަބީހުގެ މައްޗަށް ދައުލަތުން އުފުލީ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.

ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ބެލުމަށް ފަހު ނިންމާފައި ވަނީ ނަބީހުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. ދަށު ކޯޓުން އެގޮތަށް ހުކުމްކުރީ ދައުވާއަށް އަހްމަދު ނަބީހު ޝަރީއަތުގައި އިންކާރުކޮށްފައިވާތީ، ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން އެއްވެސް ޝައްކެއްނެތް މިންވަރަށް ދައުވާ ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާތީ ކަމަށް ބުނެއެވެ. އެހެންކަމުން ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ހައިކޯޓުން ވަނީ މިއަދު މައްސަލަ ނިންމައި ހުކުމް ކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ