މިރޯދަމަހު މާލޭ ސަރަޙައްދުގައިވެސް ތަރާވީޚް ނަމާދުކުރާނީ ޖަމާއަތުގައި

ޚަބަރު ފަހުގެ

މި ފެށޭ ރަމަޞާންމަހު މާލޭގެ މިސްކިތްތަކުގައިވެސް ތަރާވީޙް ނަމާދު ޖަމާއަތުގައި ކުރާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރު ރާއްޖޭގައި ކޯވިޑް 19 ހަލުވިކަމާއެކު ފެތުރެމުން ދިޔުމާއި ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލިއެވެ. އަދި މާކެ ސަރަހައްދު ފުރަބަންދުކޮށްފައި އޮތުމުގެ ސަބަބުން މިދިޔަ އަހަރުގެ ރޯދަމަސް ދިވެހިންވެސް ނިންމާލީ ގޭތެރޭގައި ތިބެއެވެ. މިސްކިތްތަކުގައި ޖަމާއަތްތައް ހުއްޓާލާފައި އޮތުމުން ތަރާވީޚް ނަމާދުވެސް ފުރިހަމަކުރީ ގޭގައި އައިލީ މީހުންނާއި އެކު ޖަމާއަތް ހަދައިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

advertisement

ރާއްޖޭގެ އިތުރަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައިވެސް ހާއްސަކޮށް އިސްލާމީ ބޮޑެތި ޤައުމުތައްވެސް މިދިޔަ އަހަރު ނިންމާލީ ކޯވިޑްގެ ނުރައްކަލުގެ ތެރޭގައެވެ. އެހެންކަމުން އިސްލާމީ ބޮޑެތި ޤައުމުތަކުގައިވެސް މިދިޔަ އަހަރު ޖަމާއަތްތައް މެދުކަނޑާލުމާއި ގުޅިގެން މިސްކިތްތަކުގައި ތަރާވީޚް ނަމާދު ނުކުރެވިފައެވެ.

ރޯދަ މަހަކީ އަޅުކަމުގެ މައްސަރަށްވުމާއި އެކު ދިވެހިންނަކީވެސް ތަރާވީޚް ނަމާދަށް ހާއްސަ ސަމާލުކަމެއްދޭ ބައެކެވެ. ތަރާވީޚް ނަމާދުގެ އިތުރުން ރޯދަމަހު ދަމު ނަމާދުގެ ޖަމާއައްތަކުގައިވެސް ގިނަ އަދަދެއްގެ ދިވެހިން އަންނަނީ ބައިވެރިވަމުންނެވެ. ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ރަމަޞާން މަސް ފެށޭ ތާރީޚަކީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢޫލޫމަތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާ މިހާރުވެސް މިސްކިތްތަކުގައި ޖަމާއަތުގައި ގައިދުރުކަމާއެކު ނަމާދުކުރަމުން އަންނަ އުޞޫލާ އެއްގޮތަށް ތަރާވީސް ނަމާދު މިފަހަރު ކުރާނެކަމަށެވެ. އަދި ރަށްރަށުގައި މިހާރުވެސް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރާ އުޞޫލުން ތަރާވީޚް ނަމާދު ކުރެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އެހެން އަހަރުތަކާ ޚިލާފަށް ރާއްޖެއިން ބޭރުން ތަރާވީޚް ނަމާދު ކުރަން ގެންނަ ހާފިޒުން މިއަހަރު ނުގެނެވުމަކީ އެކަށީގެންވާކަމެއްކަމަށާއި އޭގެ ބަދަލުގައި އެރަށެއްގައި ތިބި އިމާމުން ތަރާވީޚް ނަމާދު އިސްވެ ކުރާގޮތަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑާއި ގުޅިގެން މިދިޔަ އަހަރު އެޅި ފިޔަވަޅުތަކަށް ލުއިތައްދީ މިސްކިތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީންވަނީ ދެއްވާފައެވެ. މިގޮތުން ވީހާވެސް ބޮޑަށް ނަމާދުގެ ދިގުމިން ކުރުކުރުމަށް އަންގާ ހުކުރު ޚުތުބާވެސްވަނީ ކުރުކޮށްފައެވެ. މީގެ އިތުރުން މިސްކިތައް އަންނައިރު އެމީހެއްގެ އަމިއްލަ މުޞައްލައެއް ގެނައުމާއި ގެއިން ވުޞޫކޮށްގެން އައުމާއި މިސްކިތާއި މިސްކިތުން ބޭރުގައިވެސް ގައިދުރުކަން އިސްކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޯވިޑްގެ ކޭސްތައް އިތުރުވާން ފެށުމުން ޖަމާއަތުގައި ގައިދުކޮށް ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ. މިގޮތުން މިސްކިތްތަކުގައި މީހުން ތިބެންޖެހޭ ދުރުމިން ފާހަގަކުރުމަށް ނިޝާންތައްވެސް ވަނީ ޖަހާފައެވެ. ޤައިދުރުކޮށް ޖަމާއަތުގައި ނަމާދުކުރުމުގައި ބައެއް ހިޔާލު ތާފާތުވުންތައް ހުރި ނަމަވެސް މިހާލަތުގައި ގައިދުރުކޮށް ޖަމާޢަތުގައި ނަމާދުކުރުމަކީ ހުއްދަކެމެއްކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވަނީ ވިދާޅުވެފައެވެ. އަދި އިސްލާމީ ބޮޑެތި ޤައުމުތަކުގައިވެސް އަދި ޖަމާއަތުގައި ނަމާދުކުރަމުން އަންނަނީ މިގޮތަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ