ބ. އަތޮޅު މަދަރުސާގެ 1442 ވަނަ އަހަރުގެ މަދަހަ މުބާރާތް މިދިޔަ ބުރާސްފަތި ދުވަހު ބާއްވައިފިއެވެ. މި މުބާރާތް ބާއްވާފައިވަނީ އެ މަދަރުސާގެ ކުލާސްތަކުގެ މެދުގައެވެ. އެގޮތުން ވަކި ވަކި މަދަހަތަކާއި ގްރޫޕް މަދަހަތައް މި މުބާރާތުން ފެނިގެންދިޔައެވެ. މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ ބ.މާޅޮސް ސްކޫލްގެ ތިން ބޭފުޅުންނެވެ.
މުސާބަޤަތުލް އަފްނާން ގެ ނަމުގައި ބ.އަތޮޅު މަދަރުސާގެ އިސްލާމިކް ފޯރަމުން ރާވާ އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި މަދަހަ މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ، ދަރިވަރުންގެ ހިތްތަކުގައި އިސްލާމީ ރޫހު އާލާކޮށްދިނުމާއި، ކީރިތި ރަސޫލާގެ މަތިވެރި ސިޔަރަތު ދަރިވަރުންގެ ހިތްތަކުގައި އާލާކޮށް، އެކަމުން އިބުރަތް ހާސިލްކުރުމުގެ މަގު ފަހިކޮށްދިނުމާއި، މަދަހަ ކިޔުމުގެ ހުނަރު އާލާކުރުމާއެކު ދީނީ ޅެންވެރިކަމުގެ ޝައުގު ދަރިވަރުންގެ ހިތްތަކުގައި އަށަގެންނެވުމެވެ
މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައި ވަނީ ހުކުރު ދުވަހު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ބައިވެރިންނާއި މުހާތަބުކޮށް ވާހަކަ ދައްކަމުން ބ.އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އަލްފާޟިލާ ނާޒްނީން އަބްދުﷲދީދީ ވިދާޅުވީ، މިފަދަ މުބާރާތެއް ކާމިޔާބުކަމާއެކު ނިންމާލެވޭނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި އެ ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ވަނަ ލިބުމާއި ނުލިބުމަކީ މުބާރާތެއްގެ ބައެއް ކަމަށާއި، އެކަން ގަބޫލުކުރަން ވާނެ ކަމަށް ނަސޭހަތްތެރިވިއެވެ.
ބ.އަތޮޅު މަދަރުސާގެ 1442 ވަނަ އަހަރުގެ މަދަހަ މުބާރާތުގެ މުޅި މުބާރާތުގެ ނަތީޖާތައް ތިރީގައި އެވަނީއެވެ.
މަދަހަ ހުށަހެޅުމުން މުޅި މުބާރާތުގެ ގަދަ 5 ގައި ހިމެނުނު ދަރިވަރުން
ޢާއިޝަތު އައިކާ ޚަލީލް (ގްރޭޑް 4)
އާއިޝަތު މިޝްޔާ ޙަސަން ވާޙިދު (ގްރޭޑް 4)
ޒީން މުޙައްމަދު ނަޝީދު (ގްރޭޑް 4)
އަޙުމަދު ޔަޢީޝް ޝަހީމް (ގްރޭޑް 9)
ޒައިނާ ޚާލިދު (ގްރޭޑް 12)

ގްރޫޕް މަދަހަ ހުށަހެޅުމުން މުޅި މުބާރާތުން އެއްވަނަ ހާސިލްކޮށްފައި ވަނީ ގްރޭޑް 8 ގެ ދަރިވަރުންނެވެ.



