ޔުނައިޓެޑް ކެޓިއިރު، ޗެލްސީ ސެމީއަށް

ކުޅިވަރު ފަހުގެ

އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ކެޓިއިރު، ސެމީ ފައިނަލުގެ ޖާގައެއް ޗެލްސީން ހޯދައިފިއެވެ.

މި މުބާރާތުން ޔުނައިޓެޑް ކެޓީ އާދީއްތަ ދުވަހުގެރޭ ރަށުން ބޭރުގައި ކުޅުނު މެޗުން ލެސްޓާ ސިޓީ އަތުން 3-1 ގެ ނަތީޖާއަކުން ބަލިވުމާ ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ލެސްޓާގެ ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީވެސް އެ ޓީމުންނެވެ. އެގޮތުން މެޗުގެ 24 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ފްރެޑް ހެދި ގޯހެއްގެ ފައިދާ ނަގައި، ލެސްޓާއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ކެލެޗީ އިހެނާޗޯއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 38 ވަނަ މިނެޓުގައި މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި ލެސްޓާއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ޔޫރީ ޓިއެލެމަންސް ކާމިޔާބުކުރި ލަނޑުންނެވެ. އަދި މެޗުގެ 78 ވަނަ މިނެޓުގައި އިހެނާޗޯ ވަނީ އިތުރު ލަނޑެއް ޖަހައި، ލެސްޓާއަށް ސެމީގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.

މި ނަތީޖާއާއެކު އެފްއޭ ކަޕުގެ ކުއާޓާއިން ޔުނައިޓެޑް ކެޓިއިރު، އެ ޓީމުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2016 ވަނަ އަހަރެވެ. އަދި މުބާރާތުގެ ސެމީއަށް ލެސްޓާ ދަތުރުކުރިއިރު، އެ ޓީމުން އެންމެ ފަހުން އެފްއޭ ކަޕުގެ ސެމީގައި ކުޅުނީ 1982 ވަނަ އަހަރެވެ.

މީގެ އިތުރުން މި މުބާރާތުގެ ސެމީއަށް ޗެލްސީ ދަތުރުކުރީ އާދީއްތަ ދުވަހުގެރޭ ކުއާޓާ ފައިނަލުގައި ޝެފީލްޑް ޔުނައިޓެޑް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުން ޗެލްސީ މޮޅުވިއިރު، އެ ޓީމުގެ ކޯޗުކަމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން ޗެލްސީން ކުޅުނު 14 މެޗުންވެސް ބަލިވެފައެއް ނުވެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޗެލްސީން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލިޑު ނަގާފައެވެ. މިއީ މެޗުގެ 24 ވަނަ މިނެޓުގައި ޝެފީލްޑުގެ އޮލީ ނޯވުޑް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ޗެލްސީން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަކީމް ޒިޔެކް ކާމިޔާބުކުރި ލަނޑުންނެވެ.

މި މޮޅާއެކު މުބާރާތުގެ ސެމީއަށް ޗެލްސީ ދަތުރުކުރިއިރު، އެ ޓީމުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2018 ވަނަ އަހަރެވެ. އަދި މިދިޔަ އަހަރުގެ ފައިނަލުގައި ޗެލްސީ ވަނީ ވާދަކޮށްފައެވެ.

ކުއާޓާގެ މެޗުތަކަށްފަހު މުބާރާތުގެ ސެމީގެ ގުރުލުން ބޭއްވިއިރު، ސެމީގައި ޗެލްސީ ބައްދަލުކުރަން ޖެހުނީ މެންޗެސްޓާ ސިޓީއާއެވެ. އަދި ލެސްޓާ ބައްދަލުކުރާނީ ސައުތެމްޓަނާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ