ބ. އަތޮޅު މަދަރުސާގެ ތަޢުލީމީ ދަންމަރަށް ބަޔާޅީސް އަހަރު

ޚަބަރު ފަހުގެ

ބ.ދަރަވަންދޫ ފާރޮށިގޭގައި ދިއްލިގެންދިޔަ ތަޢުލީމީ ދަންމަރު ކަމުގައިވި ދަރަވަންދޫ ޕްރައިމަރީ ސްކޫލް، ޖަޕާނުގެ ހިލޭ އެހީގެ ދަށުން އެޅުނު ސްކޫލާއެކު ބ.އަތޮޅު މަދަރުސާއަށް ބަދަލުވެގެންދިޔައެވެ. އެ މަދަރުސާ މިހާރު ގުނަމުން އެދަނީ ބަޔާޅީސް ވަނަ އަހަރެވެ. މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެ މަދަރުސާ ވަނީ ދުނިޔޭގެ ފެންވަރުގެ ވަނަތައް ހާސިލްކޮށްފައެވެ. އެ ކާމިޔާބީތަކަކީ ކުޅަދާނަ މުޢައްލިމުންނާއި ދަރިވަރުންގެ ހިތްވަރުން ހޯދުނު ކާމިޔާބީތަކެއް ކަން ކަށަވަރެވެ. 

ބ.އަތޮޅު މަދަރުސާއަށް ބަޔާޅީސް އަހަރު ފުރުމުގެ މުނާސަބަތުގައި އެ މަދަރުސާގައި މިއަދު ވަނީ ހާއްސަ އެސެމްބުލީއެއް ބާއްވާފައެވެ. އެގޮތުން، އެ އެސެމްބުލީގައި ހާއްސަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދިނެވެ. އެ ޕްރެޒެންޓޭޝަންގައި ކުރީގެ ޙިދުމަތްތެރިންނާއި، އެ މަދަރުސާއިން ތަޢުލީމު ހާސިލްކުރި ދަރިވަރުންތަކުގެ ތެރެއިން ބައެއް ދަރިވަރުންގެ ޝުޢޫރުތައް ފާޅުކުރިއެވެ. 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މީގެ އިތުރުން، ބ.އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އަލްފާޟިލާ ނާޒްނީން ޢަބްދުﷲދީދީ ޖަލީސުންނާއި މުޚާތަބުކޮށް ވާހަކަ ދެއްކެވިއެވެ. ޕްރިންސިޕަލް ނާޒްނީން ފުރަތަމަވެސް ފާހަގަ ކުރެއްވި ކަމަކީ، ބ.އަތޮޅު މަދަރުސާއަށް ޚިދުމަތް ކޮށްދިނުމަށް ލިބުނު ފުރުޞަތަކީ ޝަރަފެއް ކަމުގައި ދެކޭ ކަމެވެ. ވާހަކަ ކުރިއަށް ގެންދަމުން، އެންމެހާ ދަރިވަރުންނަކީ މުސްތަޤުބަލުގައި ހަރުދަނާ، އިޙްތިރާމް ލިބޭ ބަޔަކަށް ވުމަށް ހިތްވަރާއެކު މަސައްކަތް ކުރުމަށް ދަރިވަރުންނަށް ގޮވާލެއްވިއެވެ. ހަމައެއާއެކު، އެކުއްޖަކު ބޭނުންވާ ލަނޑުދަނޑިއެއް ޙާސިލްކުރުމަށް ގަދައަޅާ މަސައްކަތް ކުރަންވާނެ ކަމަށާއި، މުސްތަޤުބަލުގައި ރަށަށާއި މަދަރުސާއަށް ޚިދުމަތް ކޮށްދޭ ބަޔަކަށްވުމަށްވެސް ޕްރިންސިޕަލް ނަސޭޙަތްތެރިވިއެވެ. އަދި މިހާ ގިނަ ދުވަހު ޚިދުމަތުގައި ތިބެވުނީ ލޮބުވެތި ބެލެނިވެރިންނާއި، ހީވާގި މުދައްރިސުންގެ މިންނަތް މަސައްކަތުން ކަމަށްވާތީ، އެބޭފުޅުންނަށް ހާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.

މި ހާއްސަ އެސެމްބުލީގައި 2021 ވަނަ އަހަރުގެ ފަރުކޮއެ ޕްރޮގްރާމާއި، ޕާރލޭ އެއާރ ޗެލެންޖް ވަނީ އިފްތިތާޙުކޮށްދީފައެވެ. ބ.އަތޮޅު މަދަރުސާއަކީ އަބަދުވެސް ތިމާވެއްޓާއި ރައްޓެހި މަދަރުސާއަކަށް ހެދުމަށް ރަށު ކައުންސިލްއާއި ގުޅިގެން ގިނަ ކަންތައްތަކެއް ކުރިއަށް ގެންދަމުން އަންނަ މަދަރުސާއެއްކަން ފާހަގަކޮށްލެވެއެވެ. މި ހަރަކާތްތައް ހިންގުމުގެ އެންމެ ބޮޑު މަޤުޞަދަކީ، މުސްތަޤުބަލުގައި މަދަރުސާއިން މުޖުތަމަޢުއަށް ނިކުންނަ ދަރިވަރުން ތިމާވެއްޓާއި މެދު ހޭލުންތެރި ކުރުމާއި، ތިމާވެށި ރައްކާތެރިކުރާނެ ބަޔަކު އުފެއްދުންކަމަށް އެ މަދަރުސާގެ ޕްރިންސިޕަލް ވިދާޅުވިއެވެ. 

ބ.އަތޮޅު މަދަރުސާގެ ބަޔާޅީސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވުނު ހާއްސަ އެސެމްބުލީ ނިންމާލުމުގެ ކުރިން، މުނާސަބަތާއި ގުޅުވައިގެން ހާއްސަ ލަވައެއް އެ މަދަރުސާގެ ދަރިވަރުން ހުށަހަޅައިދިނެވެ. އަދި އެއަށްފަހު ދުވަހާއި ގުޅޭ ހާއްސަ ދުޢާއެއް ކުރެވުނެވެ. އެސެމްބުލީ ނިންމާލީ، ދުވަހުގެ ހާއްސަ ކޭކު ފެޅުމުންނެވެ. ކޭކު ފެޅުމުގައި މަދަރުސާގެ ޕްރިންސިޕަލްގެ އިތުރުން ހޮވާލެވިފައިވާ ދަރިވަރުންތަކެއް ބައިވެރިވިއެވެ. މި އުފާވެރި ދުވަހުގެ ހާއްސަ އެސެމްބުލީގައި މަދަރުސާގެ އެންމެހައި ދަރިވަރުންނާއި، މުވައްޒަފުން ބައިވެރިވިކަން ފާހަގަ ކޮށްލެވެއެވެ. 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ