ލިވަޕޫލް އަތުން އެއްވަރުވެ ރެއާލް ސެމީއަށް

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ލިވަޕޫލް އަތުން އެއްވަރުވެގެން މުބާރާތުގެ ސެމީ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކޮށްފިއެވެ.

ބުދަ ދުވަހުގެރޭ ލިވަޕޫލުގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެކަމަކު އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ރެއާލް ވަނީ 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން ރެއާލަށް ކުރި ލިބުނީ 3-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި ލަނޑު ޖެހުމަށް ލިވަޕޫލަށް ވަނީ ގިނަ ފުރުޞަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު ލިވަޕޫލުގެ މުޙައްމަދު ސަލާހަށް ހުސް ފުރުޞަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ރެއާލުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ. އަދި މެޗުގެ 10 ވަނަ މިނެޓުގައި އޭރިއާ ބޭރުން ލިވަޕޫލުގެ ޖޭމްސް މިލްނާ ނުރައްކާތެރި ހަމަލާއެއް އުފެއްދިއިރު، އެ ހަމަލާވެސް ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ.

އަދި އޭގެ ފަހުން ފުރަތަމަ ހާފުގައި ރެއާލުންވެސް ނުރައްކާކުރިއިރު، އޭރިއާ ތެރެއިން އެ ޓީމުގެ ކަރިމް ބެންޒެމާ ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ. ނަމަވެސް މި މެޗުގައި ލަނޑު ޖެހުމަށް ގިނަ ފުރުޞަތުތަކެއް ލިބިފައިވަނީ ލިވަޕޫލަށެވެ. އެގޮތުން ފުރަތަމަ ހާފުގެ ފަހުކޮޅު ލިވަޕޫލުގެ ސަލާހާއި ޖިއޮޖީނިއޯ ވައިނަލްޑަމަށް އޭރިއާ ތެރެއިން ރަނގަޅު ފުރުޞަތުތަކެއް ލިބުނު ނަމަވެސް، އެ ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތައްވެސް ދިޔައީ ގޯލާ އަމާޒުނުވެއެވެ. އަދި މެޗުގެ ދެވަނަ ހާފުގައިވެސް ލިވަޕޫލުން ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ރެއާލުން ވަނީ ރަނގަޅަށް ޑިފެންސްކޮށް، ލިވަޕޫލް ހުއްޓުވާފައެވެ.

މި ނަތީޖާއާއެކު ޗެމްޕިއަންސް ލީގުގެ ސެމީއަށް ރެއާލް ދަތުކުރުއިރު، އެ ޓީމަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެގޮތުން ރެއާލުން ވަނީ މިހާތަނަށް 13 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ޒިނެދިން ޒިދާނުގެ އިރުޝާދުގެ ދަށުން ރެއާލް ސެމީއަށް ދަތުރުކުރިއިރު، މީގެ ކުރިން ޒިދާނާއެކު ސެމީއަށް ރެއާލް ދަތުރުކުރި ތިން ފަހަރުވެސް، އެ ޓީމުން ވަނީ މި މުބާރާތް ކާމިޔާބުކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ ސެމީގެ މެޗުތައް މި މަހުގެ ފަހުކޮޅު ފަށާއިރު، ސެމީގައި ރެއާލް ބައްދަލުކުރަންޖެހޭނީ ޗެލްސީއާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ