ސިޓީ ކަޓުވާލުމަށްފަހު ޗެލްސީ ފައިނަލަށް

ކުޅިވަރު ފަހުގެ

އިނގިރޭސި އެފްއޭ ކަޕުގެ ސެމީ ފައިނަލުން މެންޗެސްޓާ ސިޓީ ކަޓުވާލުމަށްފަހު މުބާރާތުގެ ފައިނަލަށް ޗެލްސީ ދަތުރުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު ސެމީގެ މެޗުން ޗެލްސީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ސިޓީ ބަލިވިއިރު، މިއީ އެފްއޭ ކަޕުގެ ސެމީން ސިޓީ ޖެހިޖެހިގެން ކެޓި ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ އަހަރުގެ ސެމީގައި ސިޓީ ކަޓުވާލީ ޗެމްޕިއަންކަން ހޯދި އާސެނަލުންނެވެ. މީގެ އިތުރުން ސެމީގެ މެޗުން ސިޓީ ބަލިވިއިރު، މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އިރުޝާދުދިން ޓީމެއް އަތުން ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް އިރުޝާދުދިން ޓީމެއް މޮޅުވި ފުރަތަމަ ފަހަރެވެ.

އިޝްތިހާރު
އިޝްތިހާރު

ވެމްބްލީ ސްޓޭޑިއަމުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ. އެކަމަކު މި ހާފު ލީޑު ނަގަން ޗެލްސީގެ ބެން ޗިލްވެލަށް ވަނީ ރަނގަޅު ފުރުޞަތެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޗެލްސީން ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައެވެ. ޓިމޯ ވާނާ ތަނަވަސްކޮށްދިން ފުރުޞަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަކީމް ޒިޔެކެވެ. އަދި އޭގެ ފަހުންވެސް ލީޑު ފުޅާކުރަން ޒިޔެކަށް ވަނީ ހުސް ފުރުޞަތެއް ލިބި ބޭކާރުވެފައެވެ.

މި މޮޅާއެކު މުބާރާތުގެ ފައިނަލަށް ޗެލްސީ ދަތުރުކުރިއިރު، އެ ޓީމުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2018 ވަނަ އަހަރެވެ. އަދި މިދިޔަ އަހަރުގެ ފައިނަލުގައިވެސް ޗެލްސީ ވަނީ ވާދަކޮށްފައެވެ. އެފްއޭ ކަޕުގެ ފައިނަލުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗެލްސީން ފުރުޞަތު ހޯދިއިރު، އެ ޓީމާ ދެކޮޅަށް ފައިނަލުގައި ކުޅޭނެ ޓީމެއް އެނގޭނީ އާދީއްތަ ދުވަހުގެރޭ ކުޅޭ ސެމީގެ ދެވަނަ މެޗަށްފަހުއެވެ. އެ މެޗުގައި ބައްދަލުކުރާނީ ލެސްޓާ ސިޓީ އާއި ސައުތެމްޓަނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ