ޝަރުމީލާ

އަދަބިއްޔާތު ވާހަކަ ފަހުގެ

އެންމެން ދައްކަނީ ޝަރުމީލާގެ ވާހަކައެވެ. ހޮޅުއަށިތަކާއި އުނދޯލިގެތަކާއި ކާގެތަކުގައެވެ. ހޮޓާތަކާއި ރެސްޓޯރެންޓް ތަކުގައެވެ. ދެ އަންހެނަކު ބައްދަލުވިޔަސް އެ ވާހަކައެވެ. ފޯނުން ވެސް އެ ވާހަކައެވެ. ޝަރުމީލާ ކުއްލިއަކަށް ކަޅުހެދުންލީއެވެ. މޫނު ބުރުގާ ވެސް އެޅީއެވެ. އެކަމަކު ކުރިން ޝަރުމީލާ އުޅުގޮތުން މީހުންނަށް އެކަން ގަބޫލުކުރަން ދަތިވީއެވެ. ހަޖަމު ނުވަނީއެވެ. ބަލައިގަންނަން ބޭނުން ނުވަނީއެވެ.

ޝަރުމީލާއަކީ ކުރީގައި މީސް މީޑިއާގެ ހުރިހާ މަންސަ ތަކަކަށް ހެޔޮވަރު ކުއްޖެކެވެ. ޙަޤީޤަތުގައި ވެސް ރީތީގެ ރާނީއެކެވެ. ހެދިހުރި ތެދު ހަށިގަނޑަކާއި ހަމަ އިސްކޮޅެކެވެ. އިސްކޮޅާ ރޫފަ ގުޅިފައި ރީތި ދިވެހި ދޮންކުލައެކެވެ. އިންސްޓަގްރާމަށް ބަރާބަރަށް ފޮޓޯ އަޅާ ޒުވާނެކެވެ. ގަޔަށް ބާރު ކުރު ޓޮޕްކޮޅުތަކާއެކު ގައެވެ. ކަރުވަޅާއި އަތްވަޅު ބޮޑެތި ހެދުންތަކާއެކުގައެވެ. އެކި ކުލަކުލައިގެ ތުނިތުނި ނިދާ ހެދުންތައް ކަހަލަ ހެދުން ތަކުގައެވެ. ބޮލުގެ އިސްތަށިގަނޑުގައި އެކި ދުވަހު އެކި ކުލައެވެ. އެކި ސްޓައިލެވެ. ބައެއް އިރަށް ކުރެވެ. އަނެއް ބައި އިރަށް ދިގެވެ. ބުޅިކޮށާއި ފަންކޮށެވެ. ތުންފަތުގައި ވެސް އެކިއެކި ކުލައެވެ. ހެދުމާ ގުޅެއެވެ. ހިމަހިމަ ކޮށް ކުރަހާފައިވާ ހިތި ފަތު ބުމަ އެކެވެ. ބައެއް ފަހަރަށް ތަންކޮޅެއް ބޮޑަށް މޭކަޕްކޮށް ފައެވެ. އަނެއްބައި ފަހަރަށް ވަރަށް ރީތި ސާދާ މޭކަޕެކެވެ. މޭމައްޗާއި ކަނދުރާމަތި ހާމައަށް އޮތުމަކީ އޭނާއަށް މައްސަލައެއް ނޫނެވެ. ލާ ހެދުންތައް ބާރުކަމުން ގައިގެ ހުރިހާ ވަނާއެއް ފާޅުވިޔަސް އެ ގޮތް މާ ރީއްޗެވެ. ފޭސްބުކާއި ޓްވިޓާގައި ވެސް ޝަރުމީލާ ފަހަތުން ދުވާ އެތައްހާސް ރަހުމަތްތެރިންނެއް އުޅެއެވެ. ޓިކްޓޮކްތަކަށް ތަރުހީބު އޮހެނީއެވެ. އެހެން އުޅެމުން އައި ކުއްޖަކު ކުއްލިއަކަށް މޫނު ބުރުގާ އެޅީމާ މީހުން ހައިރާން ވީއެވެ. އެ ވާހަކަ ދައްކަނީއެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަން އެންމެ ރަނގަޅަށް ގަބޫލުކުރަނީ ޚުދު ޝަރުމީލާއެވެ. މިކަމާ އަހަރެން ޖެހޭނީ ހިތްވަރާއެކު ކުރިމަތިލާށެވެ. ދުވަސް ކޮޅަކުން މިހާރު މި އަރައިގެންއުޅޭ ފޯރިގަނޑު ކެނޑިދާނެއެވެ. އެކަމަކު އެކަން ގަބޫލުނުކުރަނީ އޭނާ ފުން ދެލޮކެވެ. އެ ދެ ލޮލުން ފައިބާ ކަރުނަތައް މޫނު މަތިން ވައްޓާލައިފައިވާ ކަޅު ފޮތިކޮޅު ފޯކުރަނީއެވެ.

ޝަރުމީލާއަށް ކުރިން އުޅެވެމުން އައީ ރަނގަޅަށް ނޫންކަން އެނގުނީ ފާޒު އާ ބައްދަލުވި ފަހުންނެވެ. އެއީ ފުރަތަމަ މީސް މީޑިއާގެ އެކުވެރިއެކެވެ. ފާޒަށް ޝަރުމީލާ ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމާ ހައިރާންވާހާ ވެއެވެ. އެކި ދުވަސްމަތިން ދެކެވުނު ވާހަކަތަކާއެކު ޝަރުމީލާގެ މުޅި ބިތުފަންގި އެއްކޮށް އޭނާ ހިއްލާލިއެވެ. އެކިއެކި މީހުންނާ އޮތް އެކިވަރުގެ ގުޅުންތަކެވެ. އެކި މީހުން ދީފައިވާ އެކި ވަރުގެ ހަދިޔާތަކެވެ. އޭގެ ތެރެއިން ވެސް ފާހަގަވަނީ ބޮޑެތި ވިޔަފާރިވެރިންނާ އޮތް ގުޅުމެވެ. އެ މީހުންގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި އެކިރޭ ހޭދަކުރި އުފާވެރި ވަގުތުތަކެވެ. އެ ވިޔަފާރިތަކުގައި ހޮވި އެކިއެކި ނަސީބުވެރިންގެ ނަމުގައި ޝަރުމީލާ އަދާކޮށްދިން މުހިންމު ދައުރެވެ. ގުރުއަތުން ނަސީބު ދިމާވާ މީހެއްގެ ކަންތައް ޝަރުމީލާ ހަމަޖައްސާލާ ގޮތެވެ. އެއްލައްކަ ދެލައްކަ ރުފިޔާގެ ނަސީބުވެރިންނަށް ހުޅުވާލާ ކޮންމެ ފުރުސަތެއްގައި ޙަޤީޤީ ނަސީބުވެރިޔަކީ އަބަދުވެސް ޝަރުމީލާއެވެ. ބައެއް ފަހަރު ޓީވީންނާއި ފޭސް ބުކާއި އިންސްޓަގްރާމުން ވެސް ލައިވް ކުރާނެއެވެ. އެއީ މުޅިން އޮޅުވާލުމެވެ. ދައްކާނީ ނަސީބުވެރިޔާގެ ފޯނު ނަންބަރެވެ. އެ ނަންބަރުގެ ޙަޤީޤީ ވެރި ފަރާތަކީ ޝަރުމީލާއެވެ. އެ ފައިސާއަކީ ވިޔަފާރިވެރިޔާގެ ޖީބަށް އަނބުރާ ވަންނަ އެއްޗެކެވެ. އެކަން ފާޒު އޮތީ ހޯދާފައެވެ.

ފާޒަށް އެ ހުރިހާކަމެއް އެނގުނީ ކިހިނެތްކަމެއް ނޭނގެއެވެ. އޭނާ ދައްކަނީ ޙަޤީޤީ ވާހަކައެވެ. މުޅިން ތެދެވެ. މި ހިސާބުން ދެން ސަލާމަތްވާން އޮތީ މޫނު ބުރުގާ އަޅައިގެންނެވެ.

ޝަރުމީލާ ގަބޫލުކުރާ ގޮތުގައި މައްސަލައަކީ މޫނު ބުރުގާ އަޅާފައި ނެގި ފޮޓޯ ފޭސްބުކުގައި ހިއްސާ ކުރުމެވެ. ނޫނީ ކުރިން އަޅާފައިހުރި ހުރިހާ ފޮޓޯއެއް ނެގުމެވެ. ޝަރުމީލާއަށް ވިސްނެނީ މިހެންނެވެ.

ޝަރުމީލާގެ ވާހަކަ ހުރިހާ ނޫހެއްގައި ޖަހައިފިއެވެ. ކުރިން ނުދަންނަ އެތައް ބަޔަކު ވެސް ޝަރުމީލާ ދަސްކޮށްފިއެވެ. ރަހުމަތްތެރިވާން މީސްމީޑިއާގައި އާދޭސް ފޮނުވަން ފަށައިފިއެވެ. މި ފޯރިގަނޑެއް މި އެރީ ޝަރުމީލާ މޫނުބުރުގާ އެޅުމާއެކުގައެވެ. ހީވަނީ މީސް މީޑިއާއަށް ބޮޑު ސުނާމީއެއް އެރައިގެން އުޅޭހެންނެވެ. ރާއްޖޭގައި ތިބީ ޝަރުމީލާ ކިޔާ 106 މީހުންކަން ހޯދައިފިއެވެ. އަދި އައިޝަތު ޝަރުމީލާ ކިޔާ 15 މީހުންކަން ވެސް ހޯދައިފިއެވެ. އަޅެ މީ ކޮން ކަމެއް ހެއްޔެވެ. ނޫސްތަކުގައި ލިޔާ ޝަރުމީލާގެ ޚަބަރުތަކަށް ޚިޔާލުތައް އޮއްސަނީއެވެ. ނުލިޔާ ހަޑިހުތުރު ވާހަކައެއް ނެތެވެ. އަޅުވާ ނުކިޔާ މީހަކު ނެތެވެ. ޢާއިލީގޮތުން ކައިވެނި ހުއްދަވާ މީހެއް އެހެން މީހެއް ނުބަލައެވެ. ނުކުރާ ތުހުމަތެއް ނެތެވެ. “ދެން އިވޭނީ ކޮންމެ ވެސް ބޭރު ޤައުމަކަށް ޖިހާދަށް ދިޔަ އަޑު” ޝަރުމީލާ ހިތަށް އެރިއެވެ. ސަހަރޯއެވެ. އެފަދަ އެއްވެސް ވިސްނުމެއް އަހަރެންގެ ނެތެވެ.

“ﷲ އަކުބަރު. އުޚުތާއަށް ސާބިތުކަން ދެއްވާށި. މީހުން ދައްކާ ވާހަކައަށް ނުބަލާ. ޙައްޤުމަގުގައި ކުރިއަށްދޭ. މާޝާﷲ” އެހެން މީހެއްގެ ޚިޔާލެވެ. ޝަރުމީލާ މޫނުބުރުގާ އަޅައިގެން އެއް ބަޔަކު އޭނާއާ ދިމާކޮށް ހަދާއިރު އަނެއް ބަޔަކު ހިތްވަރު ދެނީއެވެ. ހީވަނީ ލޮލުން ފައިބާ ކަރުނަތައް ފޮހެދޭ ހެންނެވެ. ބުރަކަށީގައި ފިރުމާ ހެންނެވެ.

ޝަރުމީލާއަށް ހީވަނީ ފުން އަނދިރިގަނޑެއްގެ ތެރެއަށް ވަދެވޭ ހެންނެވެ. ދުވަހަކު ވެސް ފާޒު ހަމަ ލޮލަކަށް ނުފެނެއެވެ. އެކަމަކު ބަރާބަރަށް ވާހަކަ ދައްކައެވެ. ކަމެއްގައި ދަތިވެގެން ހުންނާކަށް ނުޖެހެވެ. ފައިސާ ފޮނުވައެވެ. އެކަމަކު ހިތްހަމަ ޖެހުމެއް ނުލިބެއެވެ. އެންމެ ބޮޑަށް ހިތް ނުތަނަވަސް ވަނީ އަލަތު ކައިވެނި ދުވަހަކު ވެސް ނުދެކޭ މީހަކާ ކުރަންޖެހޭތީއެވެ. އެއީވެސް ހަތަރު ވަނަ އަނތްބެއްގެ ގޮތުގައެވެ. ކޯޓުން ވެސް ބޭރުގައެވެ. މައިންބަފައިން ނަށް ވެސް ސިއްރުންނެވެ.

ޝަރުމީލާއަށް ހޭލެވުނީ އޭނާ އޮތް ފޭލިގެއަށް ބަޔަކު ހަމަލާދޭން ފެށުމުންނެވެ. ދެކޮޅުން ބަޑިޖަހަނީއެވެ. އަވަސް އަވަހަށް މޫނުގެ ފޮތިގަނޑު ވައްޓާލިއެވެ.

“މަންމާ. މަންމާ އާދޭ އާދޭ އަވަހަށް އާދޭ” ޝަރުމީލާގެ އަތުގައި ދަރިފުޅު ދަމަންފެށިއެވެ. އޭރު އެހެން މީހުން ދަރިންކޮޅު ކިހިލި ޖަހައިގެން ރޮމުންރޮމުން ބޭރަށް ނިކުންނަނީއެވެ. މުޅިތަނަށް ވެރިވެފައިވަނީ ރުއިމުގެ އަޑާއި ބަޑީގެ އަޑެވެ. އެއީ ސީރިއާގައި އެންމެ ގިނަ ދިވެހިން ތިބި ފޭލިގެއެވެ. ގިނައީ ޝަރުމީލާގެ ދެމައިން ފަދަ ޔަތީމު ތުއްތުތުއްތު ކުދިންނާއި ހުވަފަތް އަންހެނުންނެވެ.

ޝަރުމީލާ ބޭރަށް ނިކުންނަށް ދުއްވައިގަތެވެ. އެކަމަކު ދުއްވައި ގަނެވޭނީ ކިހިނެތް ހެއްޔެވެ. ދުވަސް ފުރިފައިވާ ބޮޑު ބަޑާއެކު ދަރިފުޅުގެ އަތުގައިހިފައިގެން ފޭލިގެއިން ނުކުތެވެ. އެ ވަގުތަކީ ބޮލާ މޫނު ނިވާކޮށްގެންހުރި ހަނގުރާމަ ވެރިޔަކު ފޭލިގޭ ކުރިމައްޗަށް ކުއްލިއަކަށް ނުކުމެ ބަޑިން ސްޕްރޭ ކޮށްލި ވަގުތެވެ. ޝަރުމީލާ ސަރަހާގެ ހިރަފުސް ވެލިގަނޑުގެ ތެރެއަށް ވެއްޓެނީއެވެ. މޫނު ވަތަށެވެ. އޭނާގެ ދަރިފުޅު ރޮމުންރޮމުން އައިސް ޝަރުމީލާގެ ގައިމައްޗަށް ވެއްޓިގަތެވެ. މަންމާއެވެ. މަންމާއެވެ. ހިތްވަރުކޮށްފައި ލޯހުޅުވާލެވޭތޯ ޝަރުމީލާ މަސައްކަތްކުރިއެވެ. ބޯ ހިއްލާލެވޭތޯ ބެއްޔެވެ. ޝަރުމީލާއަށް ފެނުނީ އޭނާގެ ކުރިމަތީގައި ބަޑިއެއް ހިފައިގެން ފާޒު ހުއްޓައެވެ. މޫނު ނިވާކޮށްގެން ހުއްޓަސް އެ ދެލޯ އޭނާ ހިތުދަހެވެ. “ފަ ފަ ފާ ޒު….” ކުއްލިކުއްލިއަށް ޝަރުމީލާއަށް ލެވެމުންދިޔަ ކުރު ނޭވާ ހިމޭންވިއެވެ. (ނިމުނީ)

ނޯޓް: މިއީ ފޭސްބުކްގައި 25 ޖޫން 2020 ވަނަދުވަހު ޢަބްދުﷲ ސަޢީދު ލިޔުވަފައިވާ ލިޔުމުގެ ނަކަލެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ