ޒިކުރާ މިސްކިތް ހުރި ބިމުގެ ވަގުތީ މިސްކިތުގައި ހުކުރު ދުވަހު ނަމާދު ކުރަން ފެށޭނެ: އިސްލާމިކް މިނިސްޓްރީ

ޚަބަރު ފަހުގެ

ޒިކުރާ މިސްކިތް ހުރި ބިމުގެ ވަގުތީ މިސްކިތުގައި އަންނަ ހުކުރު ދުވަހު ނަމާދު ކުރަން ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޒިކުރާ މިސްކިތް ހުރި ބިމުގައި އަޅާ ވަގުތީ މިސްކިތުގެ ތަޅުން އަޅައި ހިޔާކޮށް ނިމިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކުރީގެ ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އިމާރާތް ކުރުމަށް ކޮންނަމުން ދަނިކޮށް ވަނީ ބައެއް އާދަޔާ ޚިލާފު ތަކެތި ވެސް ފެނިފައެވެ. އެގޮތުން އެންމެ ފުރަތަމަ އެ ބިމުން ފެނުނީ މިނިކަށި ތަކެކެވެ. މި މަހުގެ 6 ވަނަ ދުވަހު މިނިކަށިތައް ފެނުނު ނަމަވެސް، މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ދިޔައީ ކުރިއަށެވެ.

އެއަށްފަހު މި މަހުގެ 7 ވަނަ ދުވަހު އެ ބިމުން ފެނުނީ ބައެއް އާސާރީ ތަކެއްޗެވެ.

ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ ޒިކުރާ މިސްކިތް ހުރި ސަރަޙައްދު ކޮންނަމުން ދަނިކޮށް ފެނުނު ތަކެއްޗާއި ބިނާތަކުގެ ތެރެއިން ފެނުނު ތަކެތި ކަމާގުޅޭ ފަންނީ ފަރާތްތަކުން ބަލައި ދިރާސާކޮށްފައިވާ ކަމަށެވެ.

އެގޮތުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ އެ ސަރަޙައްދުން ފެނުނު ތަކެތީގެ ތެރޭގައި މައްޗަންގޯޅީ ބައުމިސްކިތުގެ ތަރަހަ ކަމަށް ބެލެވޭ ހިރިގަލު ބިނާއެއްގެ ތަރަހަ ފެނިފައިވާ ކަމަށާއި ހިރިގަލު 8 ކަން ވަޅަކާއި ދިވެހި އަދި ޢަރަބި ލިޔުން ކަނޑާފައިވާ މަހާނަ ގަލާއި ފެނާ ކާބޯތަކެތި އެޅުމަށް ބޭނުންކުރާ ކަންވާރު ފަދަ ތަކެތީގެ ބައިތަކެއް ފެނިފައިވާ ކަމަށެވެ. އެ ތަކެތި ވަނީ ތަރަކައިގެ މަރުކަޒުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ވަގުތީ މިސްކިތުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އެ ތަނަށް ޒިޔާރަތްކުރެއްވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ