އިކާޑީގެ ހެޓްރިކާއެކު ޕީއެސްޖީ ސެމީއަށް

ކުޅިވަރު ފަހުގެ

ފްރެންޗް ކަޕުގެ ކުއާޓާ ފައިނަލުގައި އެންޖާސް އަތުން ފަސޭހަކަމާއެކު މޮޅުވެ، މުބާރާތުގެ ސެމީ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ދަތުރުކޮށްފިއެވެ.

ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި ޕީއެސްޖީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ މައުރޯ އިކާޑީއެވެ. އަދި މެޗުގެ 23 ވަނަ މިނެޓުގައި ޕީއެސްޖީން ލީޑު ފުޅާކުރިއިރު، މި ލަނޑަކީ އެންޖާސްގެ ވިންސެންޓް މެންކާއު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ޕީއެސްޖީން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 65 ވަނަ މިނެޓުގައި ނޭމާ ވަނީ ޕީއެސްޖީގެ ތިންވަނަ ލަނޑު ޖަހާފައެވެ. އޭގެ ފަހުން މި ހާފުގައި އިތުރު ދެ ލަނޑު ކާމިޔާބުކޮށް، މެޗުގައި މޮޅު ކުޅުމެއް ދެއްކި އިކާޑީ ވަނީ ހެޓްރިކް ހަދާފައެވެ.

މި މޮޅާއެކު ފްރެންޗް ކަޕުގެ ސެމީއަށް ޕީއެސްޖީ ދަތުރުކުރިއިރު، އެ ޓީމަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެގޮތުން ޕީއެސްޖީން ވަނީ މިހާތަނަށް 13 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ