ބެޓިސްއާ އެއްވަރުވެ ރެއާލުން ފުރުސަތު ނަގާލައިފި

ޚަބަރު ފަހުގެ

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ރެއާލް ބެޓިސްއާ އެއްވަރުވެ، ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރަން ލިބުނު ފުރުސަތު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ނަގާލައިފިއެވެ.

ރެއާލުގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމަށްވެސް ވަނީ ލިޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން މެޗުގެ 25 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ރެއާލުގެ ކަރިމް ބެންޒެމާ ފޮނުވާލި ހަމަލާއެއް ބެޓިސްގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ ދިފާއުކޮށްފައެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު ރެއާލުގެ ރޮޑްރީގޯ ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

އޭގެ ފަހުން މި މެޗުގައި ބެޓިސްއަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، މެޗުގެ 65 ވަނަ މިނެޓުގައި އެ ޓީމުގެ ބޯހާ އިގްލީސިއަސްއަށް ވަނީ ހުސް ފުރުސަތެއް ލިބިފައެވެ. އެކަމަކު ހުހަށްހުރެ އޭނާ ފޮނުވާލި ބޯޅަ ރެއާލުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ. އެއަށްފަހު ރެއާލުގެ ލޫކާ މޮޑްރިޗް ފޮނުވާލި ހަމަލާއެއް ބެޓިސްގެ ގޯލްކީޕަރު ދިފާއުކުރިއިރު، ރެއާލުގެ ވިނީޝިއުސް ޖޫނިއާއަށްވެސް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު 33 މެޗުން ލިބުނު 71 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 32 މެޗުން 73 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ބާސެލޯނާއަށް ވަނީ 31 މެޗުން 68 ޕޮއިންޓް ލިބިފައެވެ. އަދި ރެއާލާ އެއްވަރުކުރި ބެޓިސް އޮތީ ތާވަލުގެ ހަވަނައިގައި 33 މެޗުން 50 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ