ވެސްޓް ހޭމް އަތުން ޗެލްސީއަށް މުހިންމު މޮޅެއް

ކުޅިވަރު ފަހުގެ

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން މޮޅުވެ ގަދަ ހަތަރެއްގެ ރޭހުގައި ޗެލްސީން މުހިންމު މޮޅެއް ހޯދައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި ޗެލްސީން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ބެން ޗިލްވެލް ދިން ބޯޅައަކުން މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ޓިމޯ ވާނާއެވެ. މިއީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުން އޭނާ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ. އަދި މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ވާނާ ކާމިޔާބުކުރި ހަވަނަ ލަނޑެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ޗެލްސީއަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައިރު، މޭސަން މައުންޓް ފޮނުވާލި ނުރައްކާތެރި ހަމަލާ ވެސްޓް ހޭމުގެ ގޯލްކީޕަރު ދިފާއުކުރިއިރު، ހުހަށްހުރެ ވާނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނެވެއެވެ. އަދި މި ހާފުގައި ވެސްޓް ހޭމުގެ ޖެސޭ ލިންގާޑް ނުރައްކާތެރި ހަމަލާއެއް އުފެއްދި ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

އެކަމަކު ވެސްޓް ހޭމުން މި މެޗު ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ފަބިއަން ބަލްބުއޭނާއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް ރަތް ކާޑެއް ދެއްކީ ޗެލްސީގެ ޗިލްވެލްއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހުއެވެ.

މި މޮޅާއެކު ޗެލްސީން ވަނީ ތާވަލުގެ ހަތަރުވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެގޮތުން ޗެލްސީއަށް ކުޅުނު 33 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ވެސްޓް ހޭމް އޮތީ ތާވަލުގެ ފަސްވަނައިގައި 33 މެޗުން 55 ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ހަވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް 33 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ