ފުލުހުންގެ އިސްތިއުނާފް ކޮމިޓީއަށްް ޞާދިޤާއެކު 5 ބޭފުޅުން

ޚަބަރު ފަހުގެ

އަލަށް އަމަލުކުރަންދާ ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ އިސްތިއުނާފް ކޮމިޓީ އެކުލަވާލާ އެ ކޮމެޓީއަށް މެމްބަރުން އައްޔަންކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ އިސްތިއުނާފް ކޮމިޓީ އެކުލަވާލުމުގެ ބާރު ދީފައިވަނީ ހޯމް މިނިސްޓަރަށެވެ. ހޯމް މިނިސްޓަރ ޢިމްރާން އަބްދުﷲ މި ކޮމެޓީއަށް އެކުލަވާލި މެމްބަރުންގެ ތެރޭގައި ފުލުހުންގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ މުހައްމަދު ޞާދިޤް ހިމެނިވަޑައިގަންނަވައެވެ. ދެން ތިއްބެވި މެމްބަރުންނަކީ އަލްއުސްތާޛް އަޒްމީން ރަޝީދު، ޗަނބޭލީވިލާ / ގދ. ރަތަފަންދޫ
ފާތިމަތު ލީނާ، މ. ސަލްޖަމްގެ، އަލްއުސްތާޛާ މިންނާ ނާފިޛް، މ. ލިލީސް އަދި އަލްއުސްތާޛް އަހްމަދު ޝިހާދު، ބްލެސް / ހއ. ހޯރަފުށިއެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުންގެ އިސްތިއުނާފް ކޮމިޓީގައި ހިމެނޭ މެމްބަރުން
1- ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް މުހައްމަދު ޞާދިޤް/ ދަފްތަރު ނަންބަރު 6613
2- އަލްއުސްތާޛް އަޒްމީން ރަޝީދު، ޗަނބޭލީވިލާ / ގދ. ރަތަފަންދޫ
3- ފާތިމަތު ލީނާ، މ. ސަލްޖަމްގެ
4- އަލްއުސްތާޛާ މިންނާ ނާފިޛް، މ. ލިލީސް
5- އަލްއުސްތާޛް އަހްމަދު ޝިހާދު، ބްލެސް / ހއ. ހޯރަފުށި

ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ވާގޮތުން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި ޢާންމު ރައްޔިތުންގެ ތެރެއިން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިސްތިއުނާފު ކޮމިޓީއެއް ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި ޕޮލިސް ބޯޑުގެ ލަފާގެ މަތިން ވަޒީރު އެކުލަވާލަންވާނެކަމަށެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެހެންކަމުން އެ ޤާނޫނަށް ޢަމަލުކުރަމުންދާތާ މިއަދަށް އެއް މަސްދުވަސް ހަމަވާނެއެވެ.

އެ ޤާނޫނުގައިި ވަނީ އިސްތިއުނާފު ކޮމިޓީގެ މެންބަރުންނަކީ ފުލުހުންގެ ޚިދުމަތުގައި ވަޒީފާއަދާކުރާ ބަޔަކު ކަމުގައި ވެގެން ނުވާނެކަމަށެވެ. އަދި އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް އެ ކޮމިޓީން ބަލައި ގޮތެއް ނިންމުމުގައި ޢަމަލުކުރަންވާނީ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އެ ބޯޑުން ޢަމަލުކުރުމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށްވެސް ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ