ތިރީގައި ހުށަހަޅާލެވިފައިވަނީ ‘މުޚްތަޞަރު ޞަޙީޙު އަލްބުޚާރީ’ގެ ފުރަތަމަ ބާބުގެ ދިވެހި ތަރުޖަމާއެކެވެ. އިތުރު ބާބުތައް ކުރިއަށް އޮތް ދުވަސްތަކުގައި، އިރާދަކުރެއްވިއްޔާ، ގެނެސް ދެވޭތޯ ބަލާނަމެވެ. މި ތަރުޖަމާގެ މުގައްދިމާއެއްގެ ގޮތުން އިމާމު އަލްބުޚާރީގެ ކުރު ތަޢާރުފަކާއި އަދި ހަދީސް ޖަމާކުރަން ފެށުނު ގޮތުގެ މައްޗަށް އަވަސް ނަޒަރެއް ހިންގާލަން ގަސްދުކުރަމެވެ.
އަލްއިމާމު އަލްބުޚާރީގެ ނަންފުޅަކީ އަބޫ ޢަބްދުﷲ މުޙައްމަދު ބިން އިސްމާޢީލު އެވެ. އޭނާ އުފަންވެވަޑައިގަތީ ހިޖުރައިން 194ވަނަ އަހަރުގައި ބުޚާރާގަ އެވެ. ބުޚާރާއަކީ، ހިޖުރީ ތިންވަނަ ގަރުނާއި ހަތްވަނަ ގަރުނާއި ދެމެދު ގާއިމުވެފައި އޮތް، މިނިވަން އިސްލާމީ ސާމާނީ ދައުލަތުގެ ވެރިކަންކުރި ރަށެވެ. އޭގެ އެންމެ ފުރިހަމަ ގޮތުގައި އޮތް އިރު، ސާމާނީ ދައުލަތުގެ އިމުގެ ތެރޭގައި ބޮޑުސަރަހައްދެއް ހިމެނުނެވެ. އަދުގެ މުޅި އަފްޣާނިސްތާނާއި، އަދި އަދުގެ އީރާން، އުޒްބެކިސްތާން، ތާޖިކިސްތާން، ކިރިގިސްތާން، ޚާޒާކިސްތާން، އަދި ޕާކިސްތާން، މިގައުމުތަކުގެ ބައިބައިވެސް ސާމާނީ ދައުލަތުގެ ސަރަހައްދުގެ ތެރޭގައި ހިމެނުނެވެ. ސާމާނީ ދައުލަތުގެ ރަންޒަމާނުގައި ބުޚާރާ ހިމެނިފައި އޮތީ، އެ ދުވަސްވަރުގެ ބަޣްދާދު ފަދަ، އިސްލާމީ އިލްމީ މައި މަރުކަޒެއްގެ ގޮތުގައެވެ. ބުޚާރާއަކީ، މިއަދު، އުޒްބެކިސްތާނުގެ ބައެކެވެ.
އިމާމު އަލްބުޚާރީ، ޙަދީސްގެ މަސައްކަތް، ވަރަށް ތުއްޕުޅުއިރު ފެށްޓެވިއެވެ. ހިޖުރީގޮތުން އެއްވަނަ ގަރުނާއި ދެވަނަ ގަރުނުގެ ހަދީސް އިލްމުވެރިންގެ ތެރޭގައި ހިމެނުނު، އަދި އަމީރު އަލްހަދީސްގެ ނަމުން މަޝްހޫރުވެފައިވާ، އިބުނު އަލްމުބާރަކުގެ ރިވާޔަތްތައް، އުމުރުފުޅުން ގާތްގަނޑަކަށް 11ވަރަކަށް އަހަރުގައި އިމާމު އަލްބުޚާރީ ހިތުދަސްކުރެއްވި އެވެ. އަދި އުމުރުފުޅުން 16 އަހަރުގައި މަންމާފުޅުގެ އަރިހުގައި މައްކާއަށް ވަޑައިގެން ހައްޖު ކުރެއްވުމަށް ފަހު، ހަދީސް ޖަމާ ކުރެއްވުމުގެ މަސައްކަތް ފެށްޓެވިއެވެ. ހަދީސް ޖަމާ ކުރުމުގެ ގޮތުން، އެދުވަސްވަރުގެ އިސްލާމީ މައި މަރުކަޒުތަކަށް ވަޑައިގަތެވެ. ނީސާޕޫރުއަށާއި މައްކާއަށާއި މަދީނާއަށެވެ. ބަސްރާއަށާއި ކޫފާއަށާއި އަދި ބަޣުދާދަށެވެ. ދިމިޝްގަށާއި ފުސްތާތަށެވެ. އަވަހާރަވީ އުމުރުފުޅުން ފަސްދޮޅަސް އަހަރުގައި ހިޖުރައިން 256 ވަނަ އަހަރުގައި ސަމަރުގަންދު ކައިރީގައި އޮންނަ ޚަރްތަންކު އޭ ކިޔުނު ރަށެއްގައެވެ. މާތްﷲ އޭނާގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލައްވާށިއެވެ. އާމީން!
ދެން، ޙަދީސް ޖަމާ ކުރުމުގެ މަސައްކަތް ފެށުނު ގޮތުގެ މައްޗަށް، ކުރުގޮތަކަށް ނަމަވެސް، ބަލާލަމާތޯ އެވެ. އެކަމުގެ ތަސައްވުރެއް ހިތަށް ނެގިދިޔުމަށްޓަކަ އެވެ.
އެއްވެސް ޝައްކެއްނެތް ގޮތުގައި ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ ދުނިޔޭގައި ހުންނެވި ދުވަސްވަރު މުސްލިމުންނަށް، އެމީހުންނަށް ކުރިމަތިވާ މައްސަލަތަކާ ބެހޭގޮތުން އިރުޝާދުދެއްވައި އެކަންކަމުގެ ޝަރުޢީ ހައްލު ވިދާޅުވެދެއްވިއެވެ. އަދި، އެކަލޭގެފާނުގެ އަމަލުފުޅުތައް، މީސްތަކުން ދެކި، އެކަން ކަން އެމީހުންގެ ހިތްތަކުގައި ނޯޓުކުރިއެވެ. އަދި، ކީރީތި ރަސޫލާ އަވަހާރަވުމަށް ފަހު، އެކަލޭގެފާނުގެ އިރުޝާދުތަކާއި އަދި، އެކަލޭގެފާނުގެ އަމަލުފުޅުތައް ހުރިގޮތާ ބެހޭ ވާހަކަތައް ދެކެވި، އެވާހަކަތަކުގެ މައްޗަށް ވިސްނުމުގެ ނަޒަރު ހިންގިއެވެ. މުސްލިމުންނަށް ކުރިމަތިވާ ދީނީ އަދި ދުނިޔަވީ އެކިއެކި މައްސަލަތައް، ކީރިތި ޤުރްއާނާއި އަދި މާތްރަސޫލާގެ ސުންނަތުގެ، މާނައަކީ އެކަލޭގެފާނުގެ އަމަލުފުޅުތަކުގެ، ކަންކަން އަމަލީ ގޮތުން ކުރެއްވި ގޮތުގެ، އަލީގައި ހައްލު ކުރުމަށްޓަކައެވެ. މިކަން، އެދުވަސްވަރުގެ އިސްލާމީ ދައުލަތުގެ އެކި ރަށްރަށުގައި ހިނގަމުންދިޔައެވެ. ހިޖާޒުކަރައިގެ މައްކާއާއި މަދީނާގައެވެ. އިރާގުގެ ކޫފާއާއި ބަސްރާގައެވެ. ޝާމްކަރައިގެ ދިމިޝްގުގައެވެ. މިސުރުގެ ފުސްޠާޠުގަ އެވެ. އަދިވެސް މިނޫން އެހެން އިސްލާމީ ރަށްރަށުގައިވެސް މެއެވެ. އިސްލާމީ ދައުލަތް ބޮޑުވެ ފުޅާވުމާއި ވިދިގެން، ކީރިތި ރަސޫލާގެ ބައެއް އަސްހާބު ބޭކަލުން އިސްލީމީ ދައުލަތުގެ އިމުގެ ތެރޭގައި ހިމެނޭ، ދެންމެ މިންނަންގަތް ފަދަ، ރަށްތަކަށް ހިޖުރަކުރެއްވި އެވެ. އަދި، އެބޭކަލުން ކީރިތި ރަސޫލާގެ ހަދީސްތައް ކިޔަވާ ދެއްވިއެވެ. އަދި، އެބޭކަލުންގެ ކިޔަވައި ދެއްވުމުގެ ހަލަގާތަކުގައި އެހަދީސްތައް ދިރާސާކުރައްވައި ބަހުސް ކުރެއްވިއެވެ. އާދެ ހަދީސްތައް ދިޔައީ ދިރާސާކުރެވި މާނަކުރެވެމުންނެވެ.
އަސްހާބު ބޭކަލުންގެ ފަހުން، އެބޭބޭކަލުންގެ އިސްދަރިވަރުން، އެމަސައްކަތް ކުރިއަށް ގެންދެވިއެވެ. އާދެ، ހަދީސްތައް މާނަކުރެއްވުމާއި އަދި އެމާނަވެސް މާނަކުރެއްވުމުގެ މަސައްކަތެވެ. ދެން، އެއަށްފަހު، އެބޭކަލުންގެ ދަރިވަރުންގެ ދަރިވަރުން، ހަމަ މިފަދައިން، ހަދީސް ކިޔަވައިދެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އަދި، ހިޖުރީ ސަނަތުގެ ފުރަތަމަ ސަތޭކަ އަހަރު ހުސްވެ، ދެވަނަ ގަރުނަށް އެޅުނުއިރު މިމަސައްކަތް ކުރިއަށް ދިޔަކަމާއި އަދި، އެމަސައްކަތް ގޮއްސައިއޮތް ހިސާބު އަންގައިދޭ މުހިއްމު ދެތިން ލިޔުމެއް އަޅުގަނޑުމެންގެ އަތުގައި މިއަދުވެސް ފެންނާން އެބައޮތެވެ. އެއީ ހައްމާމު ބިން މުނައްބިހުގެ ސަޙީފާ އާއި ޢަބްދު އައްރައްޒާގު އައްޞަންޢާނީގެ އަލްމުޞައްނަފު އާއި އަދި އަލްއިމާމު މާލިކުގެ އަލްމުވައްޠައު، މިތިން ފޮތެވެ.
ހައްމާމު ބިން މުނައްބިހު އަވަހާރަވީ ހިޖުރައިން ގާތްގަނޑަކަށް 101 ހާ ހިސާބުގައެވެ. މީނާއަކީ، ގިނަ ޙަދީސްތަކެއް ރިވާކުރެއްވި އަސްހާބުބޭކަލެއް ކަމުގައިވާ އަބޫހުރައިރާގެ ދަރިވަރެކެވެ. ހައްމާމު ބިން މުނައްބިހުގެ ޞަޙީފާގައި 138 ހަދީސް ނޯޓުކުރައްވައި ލިޔުއްވާފައި ވެއެވެ.
އަލްމުޞައްނަފުގެ މުއައްލިފު ޢަބްދު އައްރައްޒާޤު އައްޞަންޢާނީ އުފަންވެވަޑައިގަތީ 126ހ ގައެވެ. އަދި އަވަހާރަވީ 211ހ ގައެވެ. އޭނާގެ އަލްމުޞައްނަފުގައި އެގާރަ ޖިލްދު އެކުލެވިގެން ވެއެވެ. މީނާއަކީ ތާބިއީ ބޭކަލެއް ކަމުގައިވާ މަޢުމަރު ގެ ދަރިވަރެކެވެ. އަދި އަލްއިމާމު އަޙްމަދު ބިން ޙަންބަލުގެ އުސްތާޒެއްވެސް މެއެވެ. އޭނާގެ އަލްމުޞައްނަފު އަކީ އިމާމު އަލްބުޚާރީ އޭނާގެ ޞަޙީޙު ލިޔުއްވުމުގައި ބޭނުންކުރެއްވި އެއް މަސްދަރުވެސް މެއެވެ.
އަލްމުވައްޠައުގެ މުސައްނިފު އިމާމު މާލިކު އުފަންވެވަޑައިގަތީ ހިޖުރައިން 93ވަނަ އަހަރުއެވެ. އަވަހާރަވީ ގާތްގަނޑަކަށް ހިޖުރައިން 175 ވަނަ އަހަރާއި 179 އަހަރާއި ދެމެދުގަ އެވެ. އޭނާގެ މުވައްޠައު ރަމްޒުކޮށް ދެނީ ޙަދީސް އިލްމު މަޑުމަޑުން ފިޤުހު އިލްމަށް ބަދަލުވެގެން ދިޔުމުގެ ފެށުމުގެ މަރުހަލާއެވެ. އަލްމުޥައްޠައު ގައި އެކިއެކި ހަދީސްތައް ބަޔާން ކުރެވުމަށްފަހު، އެހަދީސްތަކުން ލިބިގަނެވިދާނޭ ފިގުހީ ހުކުމްތައް ބަޔާން ކުރެވިފައިވެއެވެ. އަދި ޖުމްލަގޮތެއްގައި އެކިއެކި ބާބުތައްވެސް ފިގުހީފޮތްތަކުގެ ބާބުތަކާއި އެއްގޮތް ކަހަލަ ގޮތަކަށް އަތުރާލެވިފައި ވެއެވެ.
އިމާމު މާލިކު އަވަހާރަވި އިރު، އާދެ، ހިޖުރައިން ދެވަނަ ގަރުނުގެ ފަހު ފަންސަވީހަށް އެޅުނުއިރު، އިސްލާމީ ދުނިޔޭގެ އެކިއެކި އިލްމީ މަރުކަޒުތަކުގައި، ކީރީތި ގުރްއާނާއި ސުންނަތުގެ އަލީގައި، އިސްލާމީ ޝަރީޢަތާއި ބެހޭ ހުކުމްތަކުގެ ބަހުސްތައް ކުރެވެމުން ދިޔައެވެ. އަދި، މިގޮތުން، ފިޤުހު އިލްމު ތަރައްގީ ކުރެވެމުން ދިޔައެވެ. ވަރަށް މިނިވަން ކަމާއިއެކު، ކީރިތި ޤުރްއާނާއި މާތް ރަސޫލާގެ ސުންނަތުގެ ނައްސުތައް ދިރާސާ ކުރައްވައި، އިލްމުވެރިން ގެ އިޖުތިހާދުގެ އަލީގައި، އެނައްސުތައް މާނަކުރެވިގެންނެވެ. އަދި މިކަމުގެ ސަބަބުން ފިގުހުގެ ގިނަގުނަ މަޒުހަބުތަކެއް ވެސް ވަނީ އުފަންވެ އުފެދިފައެވެ. އަދި، މައްސަލަތަކާއި ބެހޭގޮތުން، އެކިއެކި ނައްސުތައް، އިޖުތިހާދުގެ އަލީގައި މާނަކޮށް އަމިއްލަ ރައުޔުތައް ނެރެވި، މަޒްހަބުތައް ގިނަވުމުގެ ސަބަބުން، ބައެއްފަހަރު، ކަމަކާއި ބެހޭ އެންމެ ރަގަޅު ގޮތަކީ ކޮބައިކަން ކަނޑައަޅާލާނީ ކިހިނެއްކަމާ މެދު ސުއާލުވެސް ވަނީ އުފެދިފައެވެ.
މިހިސާބުން، ހުކުމްތައް ނެރެގަތުމުގެ ހަރުދަނާ އިލްމީ މަންހަޖެއް ކަނޑައަޅާލަން ޖެހިއްޖެ ކަމުގެ ބޭނުން އުފެދުނެވެ. މިބޭނުން ފުދިގެން ދިޔައީ އިމާމު އައްޝާފިޢީގެ އުސޫލު އަލްފިޤުހާއި ބެހޭ ރިސާލަތު ލިޔުއްވުމުންނެވެ. އާދެ، އިސްލާމީ ޝަރީޢަތުގެ ނައްސުތައް ބޭނުންކޮށްގެން ހުކުމްތައް އިސްތިންބާތުކޮށް ނެރުމުގެ އުސޫލު އައްރިސާލަތުގައި ތަފްސީލީގޮތެއްގައި ފުރަތަމަފަހަރަށް ކަނޑައަޅާލެވި ބަޔާވެ، ތަދުވީނުކުރެވިގެން ދިޔައެވެ.
އަޅުގަނޑުމެންގެ މައުޟޫއާއި މިފޮތާއި ގުޅޭ އެއްމެ މުހިއްމު ނުކުތާއަކީ އިސްލާމީ ޝަރީއަތުގެ ހުކުމްތައް ބިނާވެފައި އޮންނަން ޖެހޭނީ ކިހިނެއްކަން އައްޝާފިއީ ކަނޑައަޅުއްވައިފައިވާ ގޮތެވެ. އެކަން އޮންނަން ޖެހޭނީ، އިމާމު އައްޝާފިޢީ ދެކެވަޑައިގަންނަވާ ގޮތުގައި، ޝަރުޢީ ނައްސެއްގެ މައްޗަށް ބިނާވެފަ އެވެ. އާދެ، ކީރިތި ޤުރްއާނުގެ އާޔަތެއް ނުވަތަ މާތްރަސޫލާގެ ހަދީސެއްގެ މައްޗަށް ބިނާވެފައެވެ. އިޖުތިހާދުގެ އަލީގައި ނެރެވޭ ރައުޔަކީ އެރައުޔު ޝަރުއީ ދަލީލެއްގެ މައްޗަށް ބިނާވެގެން ނުވާނަމަ، އެއަށް ބުރަދަން ލިބޭ އެއްޗަކަށް ނުވެއެވެ. އާދެ، ބުރަދަނެއް އޮތް ހަމަ އެކަނި، ދަލީލަކީ، ހެއްކަކީ، ކީރިތި ޤުރްއާނުގެ އާޔަތެއް ނޫނީ ހަދީސްގެ ނައްސެކެވެ.
އިމާމު އައްޝާފިޢިގެ މިދެންނެވި މަންހަޖުގެ ކުރީގައި އިޖުތިހާދުގެ މައްޗަށް ބިނާވާ ރައުޔުއަށް ބުރަދަން ލިބުނުގޮތް ވެސް ބަލާލަން ޖެހެއެވެ. ކީރިތި ރަސޫލާ އަވަހާރަވުމަށްފަހު، އިސްލާމީ ޝަރިއަތުގެ ހުކުމްތައް، އާދެ، އިސްލާމީ ފިގުހު، އިސްލާމީ ދައުލަތުގެ އޮނިގަނޑުގެ ތެރޭގައި ތަރައްގީ ކުރެވެމުން ދިޔަ ދުވަސްވަރު، އާދެ، ޚުލަފާއު އައްރާޝިދޫންގެ ދުވަސްވަރު، މިކަން އޮތްގޮތުގެ މައްޗަށް، އެއްމެ ފުރަތަމަ ބަލާލަމާތޯ އެވެ. މިދުވަސްވަރު، އެކިއެކި މައްސަލަތައް ދިމާވުމުން، އެއްމެ ފުރަތަމަ، އެމައްސަލައަކާ ބެހޭގޮތުން، ކަމުވޮށިވެގެންވާ، އަސްހާބު ބޭކަލުންގެ މެދުގައި މަޝްވަރާ ކުރެވެއެވެ. ކީރިތި ޤުރްއާންއާއި މާތް ރަސޫލާގެ ސުންނަތުގެ އަލީގައެވެ. ދެން، އެކިބޭބޭކަލުން، އެބޭކަލުންގެ ކުރިފުޅުމަތީގައިވާ މައްސަލައާ ގުޅޭ، މިދެމަސްދަރުގެ ނައްސުތައް މާނަކުރައްވައި، ކޮންމެ ބޭކަލަކަށްވެސް ވިސްނިވަޑައިގަންނަވާ ގޮތް ވިދާޅުވެއެވެ. އާދެ، އެބޭކަލުންގެ އިޖުތިހާދުގެ އަލީގައި ނެރެވޭ ރައުޔު ފާޅުކުރެވެއެވެ. ދެން، އެރައުޔުތައް، އެބޭކަލުންގެ މެދުގައި ބަހުސްވެސް ކުރެވެއެވެ. އަދި، އެންމެފަހުން، މައްސަލައާއި ބެހޭގޮތުން، ހައްލަކާ ހަމައަށް ދެވެއެވެ. އެހައްލާއި މެދު އިޖުމާއުވެވި އެއްބަސްވެވިގެންނެވެ.
މީގެ ދެތިން މިސާލު ލިޔެލާނަމެވެ. އެއްމެ ފުރަތަމަ، އަބޫބަކުރުގެފާނުގެ ދުވަސްވަރު، ކީރިތި ޤުރްއާނު އެއްކުރެވި، ޖަމާ ކުރެވުނު ގޮތާމެދު ވިސްނާލައްވާށެވެ. އެއި ކުރަންވާނެ ކަމެއްތޯ ނުވަތަ ނޫންތޯ ބަހުސް ކުރެވި، ކީރިތި ރަސޫލާ އެކަން ނުކުރައްވާ އޮތްކަމުގައި ވިޔަސް، އުއްމަތުގެ މަސްލަހަތު ނިޔާ ކުރާގޮތަކީ، ކީރިތި ޤުރްއާން އެއްކޮށް، ޖަމާކޮށް ފޮތެއްގެ ސިފައިގައި ލިޔުން ކަމުގައި، އަސްހާބު ބޭކަލުންގެ މެދުގައި އެއްބަސްވުމަކަށް އާދެވުނެވެ. އާދެ، އެކަމާމެދު އިޖުމާއު ވެވުނެވެ. ހަމަ، އެހެންމެ، އިރާގުކަރަ، ފަތަހަ ކުރެވި، އެކަރައިގެ ބިމާ ބެހޭގޮތުން އަމަލު ކުރާނީ ކިހިނެއްތޯ ސުއާލު އުފެދުމުން، އުއްމަތަށް އެއްމެ މަސްލަހަތު ބޮޑީ އެބިމަކީ ބަންޑާރަބިމެއް ކަމުގައި ކަނޑައަޅައި މީސްމީހުންނަށް ކުއްޔަށް ދީ، އެބިމުން ދައުލަތަށް ފައިދާ ލިބޭގޮތަށް ކަންތައް ކުރުން ކަމާމެދު ވެސް އެއްބަސްވެވި އިޖުމާއު ވެވުނެވެ. ކީރތި ރަސޫލާގެ ދުވަސްވަރު، މިފަދަ ބިންބިމަކީ ހަނގުރާމަވެރިންގެ މެދުގައި ބަހާލެވުނު ޣަނީމާ މުދާކަމުގައި ބެލެވިފައިއޮތް ކަމުގައި ވިޔަސް ވެހެވެ. އަދި، ހަމަ އެހެންމެ ޢުޘްމާނުގެފާނުގެ ޚިލާފަތުގައި ފުރަތަމަ ދިމާވި މުހިއްމު އެއް މައްސަލަ އަކީ ޢުމަރުގެފާނުގެ ދަރިކަލުން ޢުބައިދުﷲގެފާނު، އެކަލޭގެފާނުގެ ބައްޕާފުޅު އަވަހާރަކޮށްލެވުމާއި ގުޅިގެން، އެކަމުގެ ބަދަލު ހިއްފެވުމުގެ ގޮތުން، ޢުމަރުގެފާނުގެ ގާތިލުގެ ގާތް ތިންމީހަކު މަރާލެއްވި މައްސަލަ އެވެ. އަސްހާބު ބޭކަލުންތެރެއިން، އެއްބަޔަކު ދެކިވަޑައިގަތީ ޢުބައިދުﷲ ގެ މައްޗަށް ގިސާސު ހިފެން ޖެހޭނޭ ކަމެވެ. އަދި އެހެން ބައެއް އަސްހާބު ބޭކަލުންގެ ރައުޔަކަށްވީ އެކަން ކޮށްގެން ނުވާނޭ ކަމެވެ. ސަބަބަކީ އުބައިދުﷲ އެކަންކުރެއްވީ ކުރިންރާވަައިގެން ނޫންކަމެވެ. ވަގުތީ ޖަޒުބާތެއްގައި ޖެހި، އަމިއްލަ ނަފްސު ކޮންޓުރޯލުން ދޫވެގެން ކަމަށވާތީއެވެ. އެންމެފަހުން، މައްސަލަ ނިމުނީ ދިޔަދޭންޖެހޭ ގޮތަށް، އިޖުމާއުވެވި އެއްބަސްވެވިގެންނެވެ.
އަލްޚުލަފާއު އައްރާޝިދޫންގެ ދުވަސްވަރު ނިމުމުން، އިސްލާމީ ފިގުހު ތަރައްގީ ކުރުން، އިސްލާމީ ދައުލަތުގެ އިދާރީ އޮނިގަނޑުން ބޭރުވެގެން ދިޔައެވެ. އަދި، މުސްލިމު އިލްމުވެރިންގެ އަތްމަތީ މުސްތަގިއްލު ގޮތެއްގައި އެކަން ކުރިއަށް ދިޔައެވެ. މިގޮތުން ފިގުހު ތަރައްގީ ކުރެވުނުއިރު، ޝަރުޢީ ނައްސުތަކުން، ފިގުހުގެ ހުކުމްތައް އިސްތިންބާތު ކުރުމުގައި އެނައްސުތަކުން ގަސްދުކުރެވޭ މަގުސަދުތަކަށް އިސްކަން ދެވި، އަމިއްލަ އިޖުތިހާދާއި ވިސްނުނުމުގެ އަލީގައި ޝަރުޢީ ހުކުމްތައް އިސްތިންބާތުކުރެވި ނެރެވުނެވެ.
މި މަންހަޖު ގެންގުޅުއްވި އެންމެ މަޝްހޫރު އެއްބޭފުޅަކީ އިމާމު އަބޫ ޙަނީފާއެވެ. މިމަންހަޖުގެ މިސާލެއްގެ މައްޗަށް ބަލާލަމާތޯ އެވެ. ކީރިތި ރަސޫލާގެ ހަދީސްފުޅެއްގައި، ގޭގައި ގެންޅޭ ކަންވާރެއްގެ ތެރެއަށް ކުއްތާއެއް ދޫލައިފިނަމަ، އެކަންވާރެއް ހަތްފަހަރު ދޮވުމާއި އަދި، އެހަތް ފަހަރުން އެއްފަހަރު ވެލިލައިގެން ދޮވެ ސާފުކުރުމަށް އިރުޝާދު ދެވިފައި އޮވެއެވެ. މިޙަދީސްގައިވާ އިރުޝާދާއި ބެހޭގޮތުން އަބޫޙަނީފާ ވިދާޅުވަނީ، އެފަދަ ކަންވާރެއް އެއްފަހަރު ދޮވުމުން ވެސް ފުދޭނޭކަމުގައެވެ. މާނައަކީ، ހަދީސްގެ މަގުސަދަކީ ކަންވާރު ރަގަޅަށް ސާފުކުރުމެވެ. އެއްފަހަރު ދޮވެގެން އެކަންވާރު ސާފުކުރެވިއްޖެނަމަ، މަގުސަދު ހާސިލުވީއެވެ. އަދި، ކޮންމެހެން، ހަތްފަހަރު ދޮވުމާއި، އެއްފަހަރު ވެލިލައިގެން، ދޮވުން ލާޒިމެއް ނޫނެވެ. މިފަދަ މައްސަލަތައް – އިމާމު އަބޫ ހަނީފާ ނައްސުތަކުގެ މަގުސަދުގެ މައްޗަށް ބިނާކޮށް ނިންމަވާފައި ހުރި މައްސަލަތައް – އިމާމު ޝައިބާނީ އޭނާގެ މުސައްނަފުގައި ލިޔުއްވާފައި ވެއެވެ.
މިއާ ޚިލާފަށް، މަދީނާގެ އިލްމުވެރިން، އެކިއެކި ކަންކަމާ ބެހޭ ޝަރުޢީ ހުކުމްތައް ކަނޑައެޅުއްވީ މަދީނާގައި ކަންތައްތައް ކުރެވެމުން އައިގޮތުގެ މައްޗަށްވެސް ބައްލަވައި އެކަމަށް ރިއާޔަތް ކުރައްވައިންގެންނެވެ. ކޮންމެހެން ނައްސެއްގެ ލަފްޒީމާނައަށް ބުރަވެވަޑައިގެންނެއް ނޫނެވެ. މިކަން އެންމެރަނގަޅަށް ފެނިގެންދަނީ އިމާމު މާލިކުގެ މުވައްޠައު އިންނެވެ. ބައެއް ނައްސުތައް ބަޔާން ކުރެއްވުމަށްފަހު، އިމާމު މާލިކު ވިދާޅުވަނީ، އެނައްސުގައި ވަކިގޮތެއް ކަނޑައެޅިފައި އޮތަސް، މަދީނާގައި ކަންތައް ކުރެވިފައިއޮތީ މިވެނިގޮތަކަށް ކަމުގައެވެ. މީގެ މާނައަކީ، މަދީނާގައި ކަންކުރެވެމުން އައިގޮތަކީ ކީރިތި ރަސޫލާގެ ދުވަސްވަރުއްސުރެން އެކަން ކުރެވެމުން އައިގޮތް ކަމެވެ. ނައްސެއްގައި މިގޮތާ ޚިލާފަށް އޮތުމަކުން، މަދީނާގައި އެކަން ކުރެވެނީ ރަގަޅަށް ނޫންކަމަށް ކޮންމެހެން ވާކަށް ނުޖެހޭ ކަމެވެ.
އާދެ، މިހިސާބުން އައްޝާފީއީގެ މަންހަޖަށް އެނބުރިލަމާތޯ އެވެ. ޝަރުޢި ޙުކުމްތައް ބިނާވާން ޖެހޭނީ ޝަރުއީ ނައްސެއްގެ، އާދެ، ކީރިތި ޤުރްއާނުގެ އާޔަތެއް ނުވަތަ މާތް ރަސޫލާގެ ހަދީސެއްގެ މައްޗަށެވެ. މިއުސޫލު، އާއްމުގޮތެއްގައި އެންމެންހެންވެސް ބަލައިގަތެވެ. އަދި، މިކަމުގެ ސަބަބުން، އެކިއެކި ނައްސުތައް މާނަކުރުމުގައި ނިކުންނަ ޚިޔާލުގެ ތަފާތުކަން ކުޑަކޮށްލެވުނެވެ. އަދި، މިމަންހަޖު ބަލައިގަތުން، ‘ހަދީސް’ ހޯދައި ޖަމާ ކުރުމުގެ މަސައްކަތްތައް ފެށުމަށް ބާރުއަޅައި ހިތްވަރު ދިނެވެ. އާދެ، މިހިސާބުން، ‘އިލްމު’ އެބަހީ ‘ހަދީސް’ ހޯދުމުގެ ރިޙްލާތައް، ދަތުރުތައް ފެށުނެވެ. މިމަސައްކަތުގެ ރާއިދެއް ކަމުގައި އިމާމު އަލްބުޚާރީވެ ވަޑައިގަތެވެ.
މިތާގައި މުހިއްމު ނުކުތާއެއް ފާހަގަކޮށްލަން ޖެހެއެވެ. ކުރިން ވެސް ނަންގަނެވުނު ފަދައިން، ހަދީސްގެ ދިރާސާތައް، މުސްލިމުންގެ އިހުގެ ޖީލުތަކުގައި ކުރެވެމުން ދިޔައިރު ހަދީސްތަކުގެ މާނަކުރެވެމުން ދިޔައެވެ. އަދި، ޖީލުތައް ބަދަލުވަމުން ދިޔަހެން، އެ މާނަކުރުން ވެސް ދިޔައެވެ. އެހެންވެ، ހަދީސްގެ ރެހެލާތުތައް ފެށުނުއިރު، ހަދީސްގެ މާއްދާ އޮތީ ވަރަށްވެސް ގިނަވެ، ބޮޑުވެފައެވެ. އޭގެ ތެރޭގައި ކީރިތި ރަސޫލާގެ ދޫފުޅުން ނިކުތް ބަސްފުޅުތަކާއި އެބަސްފުޅުތަކުގެ މާނަކުރުންތަކާއި އަދި އެ މާނަކުރުންތަކުގެ މާނަކުރުންތައް ވެސް ހިމެނެއެވެ. އަދުގެ ހަދިސް ފޮތްތަކުގައި ހިމަނައި އެކުލަވާލެވިފައި ވަނީ މިހުރިހާ އެއްޗިއްސެވެ.
ކުރިންވެސް ނަންގަނެވި ދިޔަފަދައިން، އިމާމު އަލްބުޚާރީ ހަދީސް އެއްކުރެއްވުމަށް ޓަކައި އެދުވަސްވަރުގެ އިސްލާމި ދުނިޔޭގެ އިލްމީ މައި މައިމަރުކަޒުތައް ކަމުގައި ހިމެނުނު، ޝާމުކަރައިގެއާއި ހިޖާޒުކަރައިގެއާއި އިރާގުކަރައިގެއާއި އަދި މިސުރުގެ ރަށްތަކަށް ވަޑައިގަތެވެ. އަދި މިތަންތަނުން އެއް ހާހަށްވުރެ ގިނަ ބޭކަލުންގެ އަރިހުން ހަދީސްތައް އައްސަވައި ހަ ލައްކައެއްހާ ހަދީސް ހިތުދަސްފުޅު ކުރެއްވިއެވެ. އަދި، ފަހުން، އޭނާގެ އުފަން ރަށްކަމުގައިވި ބުޚާރާއަށް އެނބުރިވަޑައިގެން، އޭނާގެ، “އަލްޖާމިޢު އަލްމުސްނަދު އަލްޞަޙީޙު އަލްމުޚްތަޞަރު މިން އުމޫރި ރަސޫލިﷲ ވަ ސުނަނިހީ ވަ އައްޔާމިހީ”، އާދެ، މަޝްހޫރު ނަމުންނަމަ ‘ޞަޙީހު އަލްބުޚާރީ’ ތަސްނީފު ކުރެއްވިއެވެ. މި ފޮތުގެ ނަމަށް ބަލާލުމުން ވެސް، ދެންމެ މިނަންގަތް ހަގީގަތް – ހަދީސްގެ މާއްދާގައި ހިމެނޭ އެއްޗެހި – ކޮންމެވެސް ވަރަކަށް ދޭހަކޮށްގަންނަން އެނގެއެވެ.
އިމާމު ބުޚާރިގެ ޞަޙީޙުގައި ހަތްހާސް ދުއިސައްތަ ހަތްދިހަ ފަސް ހަދީސް ހިމެނިފައި ވެއެވެ. ފިގުހުގެ ބާބުތަކައި އެއްގޮތަކަށް ހަދީސްތައް އަތުރާލެވި، ފިގުހުގެ މައްސަލަތައް، ރައުޔުގެ މައްޗަށް ބިނާކުރުމުގެ ބަދަލުގައި، ހަދީހުގެ ނައްސެއްގެ މައްޗަށް ބިނާކުރުމަށް އެހީވުމުގެ ގޮތުންނެވެ.
އިމާމު އަލްބުޚާރީގެ ޞަޙީޙުގެ ފުރިހަމަ ނަމަށް ބަލައިލުމުން، އެފޮތުގައި އަލަށް ކުރެވިފައިވަނީ ކޮންކަމެއްކަން ފާހަގަކުރެވެއެވެ. އާދެ، އެފޮތަށް އޭނާ ދެއްވާފައިވާ ނަމަކީ، ދެންމެ ނަންގެނުވުނު ފަދައިން، “އަލްޖާމިޢު އަލްމުސްނަދު އަލްޞަޙީޙު އަލްމުޚްތަޞަރު މިން އުމޫރި ރަސޫލިﷲ ވަ ސުނަނިހީ ވަ އައްޔާމިހީ” މިއެވެ. މާތްﷲގެ ރަސޫލާގެ ކަންތައްތަކާއި އަދި އެކަލޭގެފާނު އަމަލުކުރެއްވިގޮތާއި އަދި އެކަލޭގެފާނުގެ ދުވަސްވަރާއި ބެހޭގޮތުން ޚުލާސާކުރެވި ‘އިސްނާދު ކުރެވިފައިވާ’ ސައްހަ ހަދީސްތައް އެއްކުރެވި ޖަމާކުރެވިފައިވާ ފޮތް’ މިއެވެ. މިނަމުގައި ހިމެނޭ އެއްމެ މުހިއްމު އެއްލަފްޒަކީ ‘އިސްނާދު ކުރެވިފައިވުން’ މިއެވެ. އާދެ، މި ފޮތުގައި އެއްކުރެވިފައިވާ ހަދީސްތައް، އެ ހަދީސްތައް އިމާމު އަލްބުޚާރީ އަޑު އެއްސެވި ބޭބޭފުޅުންނާއި އަދި އެބޭބޭފުޅުން މިހަދީސްތައް ހޯއްދެވީ ކޮންކޮން ބޭބޭފުޅުންގެ ފަރާތްޕުޅުން ކަމާއި އަދި މިބޭބޭފުޅުން އެހަދީސްތައް ހޯއްދެވީ ކޮންބޭބޭފުޅުންގެ ފަރާތްޕުޅުންކަމާއި މިހެންގޮސް ކީރިތި ރަސޫލާއާއި ހަމައަށް ދާންދެން، މިރާވީންގެ ސިލްސިލާގެ ބޮޅުތައް ހަމަ ކުރައްވައި އެހުރިހާ ބޭބޭފުޅުންގެ ނަންފުޅުތައް ހިމަނުއްވައިފައިވެއެވެ. އާދެ، އިސްނާދު ކުރެވުމަކީ މިއެވެ. ހަދީސް ރިވާކުރެއްވި ބޭބޭފުޅުންގެ ސިލްސިލާގެ ހުރިހާ ބޮޅެއް، ކީރިތި ރަސޫލާހަމައަށް ފޯރުމަށް ދާންދެން، ފުރިހަމަ ކުރުމެވެ. އެކަން ބިނާވެފައި އޮތީ އިޖުތިހާދުގެ މައްޗަށެވެ. މީގެ މާނައަކީ މިވެނި ބޭކަލަކު ކިޔަވާ ވިދާޅުވީ ކޮން ބޭކަލެއްގެ އަރިހުން ކަމަށް ބެލި، އެބޭކަލަކު ހަދީސް ހޯއްދަވާފއިވާނީ އޭނާގެ އުސްތާޒުގެ ކިބައިކަމަށް ދުށުމެވެ.
ކޮންމެއަކަސް މިއީ ވަރަށްވެސް ބޮޑު މަސައްކަތެކެވެ. އެކިބޭބޭފުޅުން ހަދީސް ހޯއްދަވައިފައިވާނީ ކިހިނެއްކަމާއި މިބޭބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅަކާއި ބައްދަލުވެވަޑައިގަތުމުގެ އިހުތިމާލު އޮތްތޯއާއި މިބޭބޭފުޅުންގެ ހިތުދަސްކުރެއްވުމާއި ހަނދާންނުގެ ވަރުގަދަކަން ނުވަތަ ނޫންކަން، އެބޭބޭފުޅުންގެ އުމުރުފުޅަށާއި އަދި އެނޫންވެސް އެބޭބޭފުޅުންނާއި ބެހޭ މައުލޫމާތުގެ އަލީގައި ހޯދުމާއި، މިހުރިހާ ކަމަށް ބަލަން ޖެހޭތީ އެވެ. ކޮންމެއަކަސް އިމާމު އަލްބުޚާރީގެ ޞަޙީޙު މަގްބޫލުވެގެން ދިޔައީ މިފަދަ ބޮޑު މަސައްކަތްތަކެއް ވަރަށް ފުރިހަމަގޮތެއްގައި ކުރެވިފައިވާކަމަށް ބެލެވި ގަބޫލު ކުރެވުނީމައެވެ.
އިމާމު އަލްބުޚާރީގެ ޞަޙީޙު މީސްތަކުންގެ ތެރޭގައި މަގުބޫލުވުމުން، އެފޮތް، އެތައް އިލްމުވެރިންނެއް ޝަރަޙަކުރެއްވިއެވެ. މިޝަރަޙަތަކުގެ ތެރެއިން އެއްމެ މަޝްހޫރު އެއް ޝަރަޙައަކީ އިބްނު ޙަޖަރު އަލްޢަސްޤަލާނީގެ ޝަރަޙައެވެ. އިމާމު އަލްބުޚާރީގެ ޞަޙީޙުގެ ޝަރަޙަތައް ލިޔުމުގެ އިތުރުން، ބައެއް ޢިލްމުވެރިން، އެފޮތް އިޚްތިސާރުކޮށް، ޚުލާސާވެސް ކުރެއްވިއެވެ. އަޅުގަނޑު މިހުށަހަޅާލަން ގަސްދުކުރާ ތަރުޖަމާ ބިނާވެވަފައިވަނީ މިފަދަ މުޚްތަސަރުތަކުގެ ތެރޭގައި ހިމެނޭ އައްޒުބައިދީގެ އައްތަޖްރީދު އައްޞަރީޙު، މިމުޚްތަޞަރުގެ މައްޗަށެވެ.
ފުރަތަމަ ބާބު: ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާއަށް ވަޙީ ބާވާލެއްވެން ފެށުނު ގޮތާބެހޭ ފޮތް
މުތަރުޖިމުގެ ނޯޓެއް: މިބާބުގައި ހިމެނޭ ހަދީސްތަކުގެ ކުރު ޚުލާޞާއެއް
މިބާބުގައި ހިމެނެނީ ހަތް ހަދީސެވެ. ފުރަތަމަ ހަދީސަކީ އާއްމުކޮށް ހަދީސްފޮތްތައް ފެށުމުގައި ބަޔާން ކުރެވޭ ހަދީސެކެވެ. ބާބުގެ މައުޟޫއުއާއި ގުޅޭ ހަދީސެއް ނޫނެވެ. އަޅުކަމާއި އެހެނިހެން ކަންކަންވެސް ސައްހަވުމާއި ނުވުން ބިނާވަނީ ނިޔަތުގެ މައްޗަށްކަން ބަޔާންކޮށްދިނުމުގެ ގޮތުން ލިޔެވޭ ހަދީސެކެވެ. އެއަށްފަހު، ދެން އޮތީ، އިތުރު އެކަލޭގެފާނަކީ ނަބީބޭކަލެއްކަމާއި އަދި އެކަލޭގެފާނުގެ މައްޗަށް ވަޙީ ބާވާލެއްވުނު ސިފައާއި ބެހޭގޮތުން އައިސްފަ ހުރި ހަދީހެވެ. އެއަށްފަހު، އެކަލޭގެފާނުގެ ނަބީކަމުގެ ދައުވަތުގެ ޞައްޙަކަން ބަޔާންކޮށްދިނުމުގެ ގޮތުން ބައިޒަންޓަންގެ ވެރިޔާ އާއި އަބޫސުފްޔާނާއި ދެމެދު ދެކެވުނު ވާހަކައަކާއި ބެހޭ ހަދީސެކެވެ. (އ.ހ)
ތަރުޖަމާ
މާތް ﷲ ރުއްސުންލެއްވި ޢުމަރު ބިން އަލްޚައްޠާބު ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތް ލެއްވި މާތްﷲގެ ރަސޫލާ ވިދާޅުވިބަސްފުޅު ތިމަންކަލޭގެފާނު އަޑުއެއްސެވީމުއެވެ. “ހަމަކަށަވަރުން އަމަލުތައް ބިނާވެގެންވާހުށީ ނިޔަތުގެ މައްޗަށެވެ. ކޮންމެ މީހަކަށްވެސް (ޖަޒާ ލިބުން) އޮތީ އޭނާ ނިޔަތްގަތް ގޮތުގެ (މައްޗަށް ބެލެވިގެންނެވެ). އެހެންވެ، އޭނާ ހިޖުރަކުރީ (އެބަހީ، މައްކާއިން މަދީނާއަށް ހިޖުރަކުރީ) މާތްﷲއާއި އެކަލާނގެ ރަސޫލާއަށްޓަކައި ކަމަށްވަންޏާ، އޭނާގެ ހިޖުރުކުރުން ވާނީ މާތްﷲއަށާއި އެކަލާނގެ ރަސޫލާއަށްޓަކައި ކުރެވުނު ހިޖުރައަކަށެވެ. އަދި ހަމައެފަދައިން، އޭނާ ހިޖުރަކުރީ ދުނިޔެއިން މަންފާއެއް ލިބިގަތުމުގެ އެދުމުގައި ކަމަށްވަންޏާ ނޫނީ (ކޮންމެވެސް) އަންހެނަކާ ކައިވެނިކުރުމުގެ އެދުމުގައި ކަމަށްވަންޏާ އޭނާގެ ހިޖުރަކުރުން ބެލެވޭނީ އޭނާ އެކަމެއްގެ އެދުމުގައި ކުރި ހިޖުރައެއްގެ ގޮތުގައެވެ.
މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާގެ އަރިހުގައި، މާތްﷲ ރުއްސުންލެއްވި އަލްޙާރިޘު ބިން ހިޝާމު އެއްސެވިއެވެ. “މާތް ﷲގެ ރަސޫލާއެވެ! ކަލޭގެފާނު ގާތަށް ވަހީގެ ބަސްފުޅު ފޮނުއްވެނީ ކިހިނެއްތޯއެވެ؟” ދެން ސަލަމާއި ޞަލަވާތްލެއްވި މާތްﷲގެ ރަސޫލާ ވިދާޅުވިއެވެ. “ބައެއްފަހަރު ވަހީގެ ބަސްފުޅު ފޮނުއްވެނީ ރަނގަބީލެއްގެ އަޑުއަންނަ ގޮތަކަށެވެ. މިއީ ތިމަން ކަލޭގެފާނަށް (ވަހީގެ ބަސްފުޅު ތަހައްމުލު ކުރައްވަން) އެންމެ އުނދަގޫފުޅު ގޮތެވެ. ދެން ވަހީގެ ބަސްފުޅު ކެނޑިދެއެވެ. އަދި އެއިރު ތިމަންކަލޭގެފާނަށް އޮންނަނީ އެހާލަތުގައި އިއްވުނު ބަސްފުޅު ރަނގަޅަށް ފަހުމުވެ ވަޑައިގެންފައެވެ. އަނެއްބައިފަހަރު (ވަހީގެ) މަލާއިކަތާ ފިރިހެނެއްގެ ސޫރައިގައި ވަޑައިގެން ތިމަން ކަލޭގެފާނާއި ވާހަކަފުޅު ދައްކަވައެވެ. އަދި މަލާއިކަތާ އިއްވެވި ވަހީގެ ބަސްފުޅު ތިމަން ކަލޭގެފާނަށް ރަނގަޅަށް ފަހުމުވެވަޑައިގަނެއެވެ.” މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނު ވިދާޅުވިއެވެ. “ފިނިކަން ގަދަ ދުވަހުގައި، އެކަލޭގެފާނުގެ މައްޗަށް ވަހީގެ ބަސްފުޅު ބާވާލެއްވޭތަން، ތިމަންކަމަނާފާނު ދެކެވަޑައިގަތީމެވެ. ވަހީގެ ބަސްފުޅު ކެނޑިދާއިރު، އެކަލޭގެފާނުގެ ނިތްކުރިފުޅުން، ދާފޮދު ފައިބަމުންދެއެވެ.”
މާތް ﷲ ރުއްސުން ލެއްވި އުއްމުލް މުއުމިނީން (މުއުމިނުންގެ މައިކަމަނާ) ޢާއިޝަތުގެފާނު އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. އެކަމަކުން، ސަލާމާއި ޞަލަވާތްލެއްވި މާތްﷲގެ ރަސޫލާއަށް، ވަހީގެ ބަސްފުޅު އިއްވުން ފެށުނުކަމަކީ، އަވަހާރަފުޅުގައި ހެޔޮ (އެބަހީ، ސީދާ) ހުވަފެންފުޅު (ދެކެވަޑައިގަތުމެވެ). އެގޮތުން އެހުވަފެންފުޅު، ހެނދުނުގެ ސާފު އަލިކަން ފަދައިން (ސީދާ ނުވާ) ހުވަފެންފުޅެއް އެކަލޭގެފާނު ދެކެވަޑައެއް ނުގަންނަވައެވެ. ދެން އެއަށްފަހު އެކަހެރިވެ ވަޑައިގެން އުޅުއްވުން އެކަލޭގެފާނަށް ލޯބިފުޅު ކުރެއްވުނެވެ. އަދި ހިރާ ފަރުބަދައިގެ ހޮހޮޅައިގައި އެކަހެރިވެ ވަޑައިގެން އިންނަވައި ތަޙައްނުޘުގެ އަޅުކަމުގައި އެތަނުގައި އިންނަވާން ފެށްޓެވިއެވެ. ތަޙައްނުޘަކީ، އެކަލޭގެފާނުގެ، (ގެކޮޅަށް)، އަނބިކަމަނާގެ އަރިހަށް އެނބުރި ވަޑައިގެންނެވުމުގެ ކުރިން، ވިދިވިދިގެން އެތަކެއް ރޭވަންދެން (އެތަނުގައި އެކަނި އިންނަވައި، މާތްﷲ މަތީން ހަނދުމަކޮށް، އެކަލާނގެއަށް) އަޅުކަން ކުރެއްވުމެވެ. މިކަމަށްޓަކައި ފަރިއްކޮޅު ތައްޔާރު ކުރައްވައެވެ. ދެން ތަޙައްނުޘުގެ އަޅުކަމަށްފަހު ޚަދީޖަތުގެފާނުގެ އަރިއަހަށް އެނބުރި ވަޑައިގަންނަވައެވެ. ދެން އަނެއްކާވެސް ހަމަ އެފަދަ ރޭތަކަކަށް ފަރިއްކޮޅު ތައްޔާރު ކުރައްވައި (ތަހައްނުޘުގެ އަޅުކަންކުރެއްވުމަށް ހިރާ ފަރުބަދައިގެ ހޮހޮޅައަށް ވަޑައިގަންނަވަ)އެވެ. (އަދި މިގޮތަށް އަމަލުކުރެއްވުން މަތީ އެކަލާގެފާނު ދެމިހުންނެވިއެވެ. އެއީ) ހިރާ ފަރުބަދައިގެ ހޮހޮޅައިގައި އިންނަވަނިކޮށް، ވަހީގެ ބަސްފުޅު، އެކަލޭގެފާނުގެ މައްޗަށް ބާވާލެއްވުމަށް ދާންދެނެވެ. ދެން، (ވަހީގެ) މަލާއިކަތާ އެކަލޭގެފާނު އަރިއަހަށް ވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ. “ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ” އެކަލޭގެފާނު ވިދާޅުވިއެވެ. “ކިޔަވާ ވިދާޅުވާބޭކަލަކު ކަމުގައި ތިމަންކަލޭގެފާނު ވެވަޑައެއްނުގަންނަވަމުއެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. “ދެން އެމަލާއިކަތާ ތިމަން ކަލޭގެފާނުންގެ ގައިކޮޅުގައި ހިއްޕަވައި ގެންނަވައި، ބައްދަވައި ފިއްތާލެއްވިއެވެ. ދެން އިތުރަށް ކެތް ނުކުރެއްވޭވަރު ވުމުން، އެމަލާއިކަތާ ތިމަންކަލޭގެފާނު ދޫކޮށްލެއްވިއެވެ.” އަދި އަނެއްކާވެސް އެމަލާއިކަތާ ވިދާޅުވިއެވެ. “ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ.” ތިމަންކަލޭގެފާނު ވިދާޅުވީމެވެ. “ކިޔަވާ ވިދާޅުވާބޭކަލަކު ކަމުގައި ތިމަންކަލޭގެފާނު ވެވަޑައެއްނުގަންނަވަމު އެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. “ދެން އެމަލާއިކަތާ ދެވަނަފަހަރަށް ތިމަން ކަލޭގެފާނުން ހިއްޕަވައި ގެންނަވައި، ބައްދަވައި ފިއްތާލެއްވިއެވެ. ދެން އިތުރަށް ކެތް ނުކުރެއްވޭ ވަރުވުމުން، އެމަލާއިކަތާ ތިމަންކަލޭގެފާނު ދޫކޮށްލެއްވިއެވެ.” އަދި އަނެއްކާވެސް އެމަލާއިކަތާ ވިދާޅުވިއެވެ. “ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ” ދެން ތިމަންކަލޭގެފާނު ވިދާޅުވީމެވެ. “ކިޔަވާ ވިދާޅުވާ ބޭކަލަކު ކަމުގައި ތިމަންކަލޭގެފާނު ވެވަޑައެއްނުގަންނަވަމުއެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. “ދެން އެމަލާއިކަތާ ތިންވަނަ ފަހަރަށް ތިމަން ކަލޭގެފާނުން ހިއްޕަވައި ގެންނަވައި، ބައްދަވައި ފިއްތާލެއްވިއެވެ. ދެން އިތުރަށް ކެތް ނުކުރެއްވޭ ވަރުވުމުން، އެމަލާއިކަތާ ތިމަންކަލޭގެފާނު ދޫކޮށްލެއްވިއެވެ. އަދި ވިދާޅުވިއެވެ. ކަލޭގެފާނު ހެއްދެވި ކަލޭގެފާނުގެ ސާހިބުވަންތަ ރަސްކަލާނގެ އިސްމުފުޅުން (ފަށައިގެން) ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ. ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ އުފެއްދެވިއެވެ. ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ. ކަލޭގެފާނުގެ ސާހިބުވަންތަ ރަސްކަލާނގެ އަކީ އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ.” ދެން މިވަހީބަސްފުޅު (އިވިވަޑައި)ގެން (ބިރުފުޅުގެން ވަޑައިގެން) ހިތްޕުޅު ބާރަށް ތެޅިތެޅިއޮތް ހާލު، ސަލާމާއި ޞަލަވާތްލެއްވި މާތްﷲގެ ރަސޫލާ (ގެކޮޅަށް) އެނބުރިވަޑައިގަނެ، (އެކަލޭގެފާނުގެ އަނބިކަނބަލުން) ޚަދީޖާ ބިންތު ޚުވައިލިދުގެ އަރިއަހަށް ވެދެވަޑައިގެން، ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު ގައިކޮޅުގައި ރަޖާ އަޅުއްވައި ދެއްވާށެވެ، ތިމަން ކަލޭގެފާނު ގައިކޮޅުގައި ރަޖާ އަޅުއްވައި ދެއްވާށެވެ! ދެން (ޚަދީޖަތުގެފާނު) އެކަލޭގެފާނުގެ ގައިކޮޅުގައި ރަޖާ އަޅުއްވައި ދެއްވިއެވެ. އަދި، އެކަލޭގެފާނު ކިބައިން ބިރު ފިލާދިޔުމުން ޚަދީޖަތުގެފާނު އަރިހުގައި (އެކަލޭގެފާނު ދެކެވަޑައިގަތް ކަންތަކުގެ ވާހަކަ) ވިދާޅުވެ، އެކަމަނާއަށް އެވާހަކަ ކިޔައި ދެއްވިއެވެ. (އަދި އެއަށްފަހު ވިދާޅުވިއެވެ) “ތިމަންކަލޭގެފާނުގެ ނަފުސުގެ މައްޗަށް ބިރުވެތިވެ ވަޑައިގެންވީމުއެވެ.” ދެން ޚަދީޖަތުގެފާނު ވިދާޅުވިއެވެ. “ފަހަރެއްގައިވެސް އެހެނެއް ނުވާނެއެވެ. މާތްﷲ ގަންދެއްވައި ވިދާޅުވަމެވެ. ދުވަހެއްގައިވެސް މާތްﷲ، ކަލޭގެފާނަށް، ދެރަ ނިކަމެތި ގޮތެއް މެދުވެރިއެއް ނުކުރައްވާނެއެވެ. ހަމަކަށަވަރުން، ގާތްތިމާގެކަމުގެ ގުޅުންތައް، ކަލޭގެފާނު، ދަމަހައްޓަވައެވެ. އަދި ބުރަ އުފުއްލަވައެވެ. (އެބަހީ ނިކަމެތީންނަށް އެހީތެރިވެ ވަޑައިގަންނަވައެވެ.) އަދި މުދާ ހޯއްދަވައި އެއިން ފަގީރުންނަށް ހޭދަކުރައްވައެވެ. އަދި މެހެމާނުންނަށް މެހެމާނުދާރީ އަދާ ކުރައްވައެވެ. އަދި މުސީބާތް ލައިގަތުމުން އެހީތެރިވެ ވަޑައިގަންނަވައެވެ. (މިހެންވިދާޅުވެ) ޚަދީޖަތުގެފާނު އެކަލޭގެފާނު ގޮވައިގެން ހިންގަވާ ވަޑައިގެން ވަރަގާ ބިން ނައުފަލު ބިން އަސަދު ބިން އަބްދުލް ޢުއްޒާގެ އަރިއަހަށް ވެދެވަޑައިގަތެވެ. ވަރަގާއަކީ ޚަދީޖަތުގެފާނުގެ ބޮޑުބޭބޭފުޅުގެ ދަރިކަލެކެވެ. ވަރަގާ އަކީ ޖާހިލީ ޒަމާނުގައި ނަސާރާދީނަށް ވެދެވަޑައިގެންނެވި ބޭކަލެކެވެ. އަދި އިބްރާނީ ބަސް (ހީބްރޫބަސް) ލިޔެ(ކިޔުއްވާ) އުޅުއްވައެވެ. އަދި އިންޖީލުން މާތްﷲ މިންވަރުކުރެއްވި ވަރަކަށް އެކަލޭގެފާނު ލިޔުއްވައި ހައްދަވައެވެ. ވަރަގާ ވަނީ ވަރަށް މުސްކުޅިފުޅުވެ ލޯފުޅު އަނދިރި ވެފައެވެ. ޚަދީޖަތުގެފާނު ވިދާޅުވިއެވެ. “ބޮޑުބޭބެގެ ދަރިކަލުންނޭވެ! ކަލޭގެފާނުގެ ބޮޑުބޭބެގެ ދަރިކަލުން (ވިދާޅުވާއެއްޗެއްގެ) އަޑު އައްސަވާ ބައްލަވާށެވެ. ދެން ވަރަގާ ވިދާޅުވިއެވެ. “ބޮޑުބޭބެގެ ދަރިކަލުންނޭވެ! ކަލޭގެފާނު ދެކެވަޑައިގަތީ ކޮންކަމެއްތޯއެވެ؟” ދެން އެކަލޭގެފާނު ދެކެވަޑައިގެން ކަންތަކުގެ ވާހަކަ، ސަލާމާތް ސަލަވާތްލެއްވި މާތްﷲގެ ރަސޫލާ، ވަރަގާއަށް، ކިޔުއްވައި ދެއްވިއެވެ. ދެން ވަރަގާ ވިދާޅުވިއެވެ. ތިޔަ (ދެކެވަޑައިގެންނެވީ ސިއްރުތައް ރައްކާކޮށް ބަލަހައްޓަވާ މަލާއިކަތާއެވެ. (އެބަހީ ޖިބުރީލުގެފާނެވެ.) އެމަލާއިކަތަކީ، މޫސާގެފާނުގެ އަރިއަހަށް(ވެސް) މާތްﷲ ފޮނުއްވި މަލާއިކަތާއެވެ. ތިމަންކަލޭގެފާނު ޅަފަތުގައި ވީނަމަތާއެވެ! ކަލޭގެފާނުގެ ގައުމުގެ މީހުން ކަލޭގެފާނު (ރަށުން) ބޭރުކޮށްލާ ދުވަހު، ތިމަން ކަލޭގެފާނު ދިރިހުންނާނެ ނަމަ ތާއެވެ!” ދެން ސަލާމާ ސަލަވާތްލެއްވި މާތްﷲގެ ރަސޫލާ ވިދާޅުވިއެވެ. އެބައިމީހުން ތިމަން ކަލޭގެފާނު (ރަށުން) ހަމަ ބޭރުކޮށްލާނެ ހެއްޔެވެ؟” ވަރަގާ ވިދާޅުވިއެވެ. “އާދޭހެވެ. އެބޭކަލަކާ ދޭތެރޭ އަދާވާތްތެރިވެ ނުގަނެވޭ އެއްވެސް ބޭކަލަކު، ކަލޭގެފާނު ތިޔަވަޑައިގެންނެވިފަދަ ކަމަކައިގެން، ވަޑައިގެންފައެއް ނުވެއެވެ. ކަލޭގެފާނަށް އެކަން ކުރިމަތިވާ ދުވަސް ތިމަންނާއާ ހަމައަށް އަތުވެއްޖެނަމަ (އެބަހީ އެދުވަހު ތިމަންނާ ދިރިހުންނަވާނޭ ނަމަ) އެއްމެ ފުރިހަމަ ގޮތުގައި ކަލޭގެފާނަށް ތިމަންކަލޭގެފާނު ނަސްރު ދެއްވާނަމެވެ. ދެން އެއަށްފަހު، މާގިނަ ދުވަސްތަކެއް ނުވެ، ވަރަގާ އަވަހާރަ ވެއްޖެއެވެ. އަދި ވަހީވެސް މެދުކެނޑިގެން ދިޔައެވެ.
ޖާބިރު ބިން އަބްދުﷲގެ – މާތް ﷲ އެދެބޭކަލުންނަށްވެސް ރުއްސުންލައްވާށި! – ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވަހީ މެދުކެނޑިފައި އޮތްއޮތުމާއި ބެހޭގޮތުން (ސަލާމާއި ސަލަވާތްލެއްވި މާތްﷲގެ ރަސޫލާގެ) ވާހަކަފުޅު ދައްކަވަމުން ވަޑައިގެން، އެވާހަކަފުޅުގައި ވިދާޅުވިއެވެ. “ތިމަން ކަލޭގެފާނު ހިންގަވާފައި ވަޑައިގަންނަވަނިކޮށް، ތިމަން ކަލޭގެފާނަށް އުޑުމަތިން އަޑެއް އިވިވަޑައިގަތެވެ. ދެން ތިމަންކަލޭގެފާނު އިސް އުފުއްލައްވައި ބައްލަވައި ލެއްވީމެވެ. ދެން ކުއްލިއަކަށް ތިމަން ކަލޭގެފާނަށް ފެނިވަޑައިގަތީ ހިރާ ފަރުބަދައިގައި ވަޑައިގެންވަނިކޮށް، ތިމަން ކަލޭގެފާނު އަރިހަށް ވަޑައިގެންނެވި މަލާއިކަތާ، އުޑާއި ބިމާއި ދެމެދުގައި ގޮނޑި ދާންކޮޅެއްގައި އިށީނދެވަޑައިގެން އިންނަވަނިކޮށެވެ. ދެން ތިމަން ކަލޭގެފާނު ބިރުފުޅުގެން ވަޑައިގެން އެނބުރި (ގެކޮޅަށް) ވަޑައިގެން (ޚަދީޖަތުގެފާނު އަރިހުގައި) ވިދާޅުވީމެވެ. ތިމަންކަލޭގެފާނު ގައިކޮޅުގައި ރަޖާ އަޅުއްވައި ދެއްވާށެވެ! ތިމަން ކަލޭގެފާނު ގައިކޮޅުގައި ރަޖާ އަޅުއްވައި ދެއްވާށެވެ! ދެން އަރަހުށި މާތްﷲ (މި)އާޔަތްކޮޅު ބާވާލެއްވިއެވެ. “އޭ، ގައިކޮޅުގައި ދިޘާރު (ރަޖާކޮޅު) އަޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ! ތެދުވެވަޑައިގެން އިންޒާރު ދެއްވާށެވެ! އަދި ކަލާގެފާނުގެ ސާހިބުވަންތަ ރަސްކަލާނގެއަށް ތަކުބީރު ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ހެދުންކޮޅު، ސާފުތާހިރު ކުރައްވާށެވެ! އަދި ބުދުތަކާއި ދުރުހެލިވެ ވަޑައިގަންނަވާށެވެ!” ދެން ވަހީބާވާލެއްވުން ހޫނުވެގެން، (އެބަހީ، މެދުކެނޑުމެއްނެތި ކުރިއަށް) ދިޔައެވެ.
(ކީރިތި ޤުރްއާނުގެ އަލްޤިޔާމަތު ސޫރަތުގެ 16ވަނައާޔަތާއި އަދި 17ވަނަ އާޔަތާއި ބެހޭ ގޮތުން އިބްނު ޢައްބާސް ވިދާޅުވި ވާހަކައެއް. މިދެއާޔަތުގައިވަނީ ވަހީ ބާވާލެއްވޭ ވަގުތު، އެވަހީގެ ބަސްފުޅު، ހަނދާނުގައި ހަރުކޮށްލެއްވުމަށްޓަކައި ކީރިތި ރަސޫލާ ކަންތައް ކުރެއްވި ގޮތާއި، އެގޮތަށް ކަންތައް ނުކުރައްވައި، ވަހީގެ ބަސްފުޅު ކަނުލައި އަޑުއެއްސެއްވުމަށް އިރުޝާދު ދެވިފައެވެ – މުތަރްޖިމް)
މިއީ، އަރަހުށި މާތްﷲގެ (މި)ބަސްފުޅާ ބެހޭގޮތުން އިބްނު އައްބާސު – މާތް ﷲ އެދެކަލުންނަށް ރުއްސުން ލައްވާށި-، ވިދާޅުވިބަސްފުޅެކެވެ. “އެކަން (ކީރިތި ޤުރްއާނުން ބާވާލެއްވޭ ބާވާލެއްވުންތައް) އަވަހަށް (ހިއްޕުޅަށް ނެންގެވުމަށް) އެދިވަޑައިގެން، ކަލޭގެފާނުގެ ދޫފުޅު އަވަސްއަވަހަށް ހަރަކާތްތެރިކުރައްވައި، ނުތަޅުއްވާށެވެ.” (އެބަހީ ކަލޭގެފާނަށް، ކީރިތި ޤުރްއާނުގެ އާޔަތްތައް ބާވާލެއްވޭ ހިނދު، އެއާޔަތްތައް، ހަނދާނުގައި ހަރުކޮށްލެއްވުމަށް ޓަކައި، އެބާވާލެއްވޭ ހިނދު، އެއާޔަތްތައް ކިޔަވާވިދާޅުވާން ނުހައްދަވާށެވެ. އެވަގުތު، އެއާޔަތްތައް ކަނުލައި އައްސަވާށެވެ. މުތަރުޖިމް) (މިއާޔަތާއި ބެހޭ ގޮތުން) އިބްނު އައްބާސު ވިދާޅުވިއެވެ. ސަލާމާއި ސަލަވާތްލެއްވި މާތްﷲގެ ރަސޫލާ، ވަހީ ތަހައްމަލު ކުރެއްވުމުގެ ބުރަ ލުއިކުރެއްވޭތޯ މަސައްކަތް ކުރެއްވިއެވެ. އަދި މިގޮތުން ކުރެއްވި ކަންތައްތަކުގެ ތެރޭގައި އެކަލޭގެފާނުގެ ދެތުންފަތްޕުޅު ހަރަކާތް ކުރެއްވުން ހިމެނުނެވެ. ދެން އިބްނު ޢައްބާސު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުވެސް (ޤުރުއާން ކިޔަވާ ވިދާޅުވާއިރު) ދެތުންފަތްޕުޅު ހަރަކާތްކުރެއްވީމެވެ. ސަލާމާއި ސަލަވާތްލެއްވި މާތްﷲގެ ރަސޫލާވެސް ދެތުންފަތްޕުޅު ހަރަކާތް ކުރެއްވި ފަދައިންނެވެ. ދެން އަރަހުށި މާތްﷲ (މި ދެ އާޔަތް) ބާވާލެއްވިއެވެ. “އެކަން (ކީރިތި ޤުރްއާނުން ބާވާލެއްވޭ ބާވާލެއްވުންތައް) އަވަހަށް (ހިއްޕުޅަށް ނެންގެވުމަށް) އެދިވަޑައިގެން، ކަލޭގެފާނުގެ ދޫފުޅު އަވަސްއަވަހަށް ހަރަކާތްތެރިކުރައްވައި، ނުތަޅުއްވާށެވެ. (ކީރިތީ) ޤުރުއާން (ކަލޭގެފާނުގެ ހިތްޕުޅުގައި) ޖަމާކުރައްވައި (އެބަހީ، ހަރުކޮށްލައްވައި) ޤުރުއާން (ހިތުން) ކިޔަވާ ވިދާޅުވުމުގެ (ކުޅަދާނަކަށް ކަލޭގެފާނަށް ދެއްވުން) އެއީ ތިމަންﷲއަށް އޮތްކަމެކެވެ.” (ސޫރަތު އަލްޤިޔާމަތު: 17-16) އިބްނު ޢައްބާސް ވިދާޅުވިއެވެ. (މީގެ މާނައަކީ) ކަލޭގެފާނުގެ ހިތްޕުޅުގައި އެއްކުރައްވައި ހަރުކޮށްލެއްވުމެވެ. ކަލޭގެފާނު ކިޔަވާވިދާޅުވެ ދިޔުމަށްޓަކައެވެ. “ތިމަންރަސްކަލާނގެ އެ(ޤުރްއާން) ކިޔަވައިދެއްވާ ހިނދު (އެބަހީ، ކީރިތި ޤުރްއާން ކަލޭގެފާނު މައްޗަށް ބާވާލެއްވޭ ހިނދު) އެބާވާލެއްވުމަށް ތަބާވާން ހުންނަވާށެވެ. (އެބަހީ، ކަނުލައި އަޑުއައްސަވާށެވެ.)(ސޫރަތު އަލްޤިޔާމަތު: 18)” އިބްނު އައްބާސު ވިދާޅުވިއެވެ. (އޭގެ މާނައަކީ) ކަނުލައި އަޑުއައްސަވާން ހުންނަވާށެވެ. “ދެން އެއަށްފަހު (ކަލޭގެފާނަށް،) ބާވާލެއްވުނު އެއްޗެއް ސާފުކޮށްދެއްވުން (ވެސް) އޮތީ ތިމަން ﷲއަށެވެ. (ސޫރަތު އަލްޤިޔާމަތު: 19)” (އިބުނު އައްބާސް ވިދާޅުވިއެވެ. މީގެ މާނައަކީ) ‘އެއަށްފަހު، ކަލޭގެފާނަށް އެ ކިޔަވާ ވިދާޅުވެވޭނެ ގޮތް ހެއްދެވުން އޮތީ ތިމަން ﷲއަށެވެ. ދެން މިއަށްފަހު، ސަލާމާއި ސަލަވާތްލެއްވި މާތްﷲގެ ރަސޫލާ އެކަލޭގެފާނުގެ އަރިއަހަށް ޖިބުރީލުގެފާނު (ވަހީބަސްފުޅައިގެން) ވަޑައިގެންފިނަމަ، އަޑުއައްސަވާން އިންނަވައެވެ. އަދި ޖިބުރީލު އެނބުރި ވަޑައިގަތުމުން، ނަބިއްޔާގެ މައްޗަށް ބާވާލެއްވުނު އެއްޗެއް، ޖިބުރީލުގެފާނު ބާވާލެއްވިގޮތާއި އެއްގޮތަށް ކިޔަވާވިދާޅުވެއެވެ.
އަދިވެސް މާތް ﷲ ރުއްސުންލެއްވި (އިބްނު އައްބާސުގެ) ކިބައިން، އެކަލޭގެފާނު ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. ސަލާމާތް ސަލަވާތްލެއްވި މާތް ﷲގެ ރަސޫލާ ހިމެނި ވަޑައިގަންނަވަނީ މީސްތަކުންގެ ތެރޭގައިވާ އެންމެ ދީލަތި ކަލޭގެފާނު ކަމުގައެވެ. އަދި ޖިބުރީލުގެފާނާއި އެކަލޭގެފާނު ބައްދަލުކުރައްވާ މައްސަރުކަމުގައިވާ ރަމަޟޯންމަހު، އެކަލޭގެފާނުގެ ދީލަތިކަން އެންމެ ބޮޑުވެގެންދެއެވެ. ރަމަޟޯންމަހުގެ ކޮންމެ ރެއެއްގައި ޖިބުރީލުގެފާނު ކީރިތި ރަސޫލާއާއި ބައްދަލު ކުރައްވައެވެ. އަދި ޖިބުރީލުގެފާނު އެކަލޭގެފާނަށް ޤުރްއާން ކިޔަވާވިދާޅުވެ ދެއްވައި ދަސްކޮށް ދެއްވައެވެ. ހަމަކަށަވަރުން (މިމައްސަރުގައި) ސަލާމާއި ސަލަވާތްލެއްވި މާތްﷲގެ ރަސޫލާ ހެޔޮކަންތައް ކުރައްވައި ދީލަތިވެ ވަޑައިގަތުމުގައި (ހެޔޮ ނިޢުމަތާއިގެން) ފޮނުއްވޭ ވާރޭއަށް ވުރެވެސް އެކަލޭގެފާނުގެ ދީލަތިކަން ބޮޑުވެގެން ވެއެވެ.
އަދިވެސް މާތް ﷲ ރުއްސުންލެއްވި (އިބްނު އައްބާސު) ކިބައިން ރިވާވެގެންވެއެވެ. އަބޫސުފްޔާނު އިބްނު ޙަރްބު، އެކަލޭގެފާނުގެ އަރިހުގައި ދެންނެވި ވާހަކައެކެވެ. ޤުރައިޝުންގެ ވިޔަފާވެރި ބަޔަކާއެކު (ވިޔަފާރި) ގާފިލާއެއްގައި ޝާމުކަރައިގައި ވަނިކޮށް ހިރަގުލް އެމީހުންގެގާތަށް (ބަޔަކު) ފޮނުއްވިއެވެ. މިކަން ހިނގީ އަބޫސުފްޔާނާއި މައްކާގެ ކާފިރުންނާއި ސަލާމާއި ޞަލަވާތް ލެއްވި މާތްﷲގެ ރަސޫލާ (ޙުދައިބިއްޔާގެ ސުލްޙަ) ގާއިމުކުރެވިފައިވީ މުއްދަތުގެ ތެރޭގައެވެ. ދެން، ޤުރައިޝުންގެ ވިޔަފާރިވެރީންގެ މިޖަމާއަތް ހިރަގުލްގެ އަރިހަށް އީލިޔާއަށް (ޖެރޫސަލަމްއަށް) ދިޔައެވެ. ދެން ހިރަގުލް، މިވެރީން (އެމަނިކުފާނުގެ ދަރުބާރަށް) ގެނެވުމަށް ގޮވާލެއްވިއެވެ. އެއިރު ރޫމުގެ ބޮޑުންވެސް އެމަނިކުފާނުގެ އަރިހުގައި ތިއްބެވިއެވެ. ދެން އެމީހުން އެމަނިކުފާނުގެ އަރިހަށް ހާޒިރު ކުރެވުނެވެ. އަދި ތަރުޖަމާނަކުވެސް ގެނެވުނެވެ. އަދިއެއަށްފަހު ހިރަގުލް ވިދާޅުވިއެވެ. ‘ނަބީކަމަށް ދައުވާކޮށްގެން މިއުޅުއްވާ ބޭކަލަކާއި، ކަލޭމެންގެ ތެރެއިން، ނަސަބުގެގޮތުން އެންމެ ގާތީ ކާކު ހެއްޔެވެ؟’ ދެން، އަބޫސުފްޔާނު ބުންޏެވެ. ތިމަންނާ ދެންނެވީމެވެ. ‘އެންމެގާތީ އަޅުގަނޑެވެ.’ ދެން ހިރަގުލް ވިދާޅުވިއެވެ. “އޭނާ (އަބޫ ސުފްޔާނު) ތިމަންގެ ކައިރިއަށް ގެންނާށެވެ. އަދި އޭނާގެ އެކުވެރިން އޭނާގެ ކައިރިއަށް ގެނެސް އޭނާގެ ފުރަގަހުގައި ބައިތިއްބާށެވެ. ދެން ހިރަގުލް އޭނާގެ ތަރުޖަމާނަށް ވިދާޅުވިއެވެ. “އެމީހުންގާތު ބުނާށެވެ. (ނަބީކަމަށް ދައުވާކޮށްގެން މިއުޅޭ) ބޭކަލަކާއި ބެހޭގޮތުން މީނާއާ (އަބޫސުފްޔާނުއާ) ތިމަން ސުއާލު ކުރާހުށީމެވެ. ތިމަންގާތު، އޭނާ ދޮގުހަދާކަމަށް ވަންޏާ، އޭނާގެ އެކުވެރީން، އޭނާގެބަސް ދޮގުކަމުގައި ބުނަންވާނެއެވެ.” އަދި އަބޫ ސުފްޔާނު ބުންޏެވެ. “މާތްﷲ ގަންދީ ބުނަމަވެ. އަހަރެންގެ އެކުވެރިން އަހަރެންނަށް ފުރަގަސްދީ އަހަރެންނަކީ ދޮގުހަދާ މީހެއްކަމަށް ބުނެފާނެ ކަމާދޭތެރޭ އަހަރެން ލަދުނުގަންނާނޭ ނަމަ އަހަރެން އެކަލޭގެފާނާ ބެހޭގޮތުން (ކީރިތި ރަސޫލާއާ ބެހޭގޮތުން) ހެދީހީ ދޮގެވެ.
ދެން އެކަލޭގެފާނާއި ބެހޭގޮތުން ކުރެވުނު ފުރަތަމަ ސުއާލުކުރައްވަމުން ހިރަގުލް ވިދާޅުވިއެވެ. “ކަލޭމެންގެ ތެރޭގައި އެކަލޭގެފާނުގެ (މުހައްމަދުގެފާނުގެ) ނަސަބުފުޅު އޮތީ ކިހިނަކުން ހެއްޔެވެ؟ (އެބަހީ އެކަލޭގެފާނުގެ އާއިލާއަކީ ކަލޭމެންގެ ތެރޭގައި ގަދަރުވެރި އާއިލާއެއް ހެއްޔެވެ؟) ތިމަން ދެންނެވީމެވެ. “އެކަލޭގެފާނަކީ އަޅުގަނޑުމެންގެ ތެރޭގައި ނަސަބު އުފުލިގެންވާ ބޭކަލެކެވެ.” (އެބަހީ އެކަލޭގެފާނުގެ އާއިލާއަކީ ތިމަންމެންގެ ތެރޭގައި ގަދަރުވެރި އާއިލާއެކެވެ.) ދެން ހިރަގުލް އެއްސެވިއެވެ. “އަޅެފަހެ، އެހެންވިއްޔާ އެކަލޭގެފާނުގެ ކުރިން އެއްވެސް މީހަކު މިވާހަކަ (ނަބީކަމުގެ ވާހަކަ) ދުވަހެއްގާވެސް، ދެއްކި ހެއްޔެވެ؟” ތިމަން ދެންނެވީމެވެ. “ނޫނެކެވެ.” ދެން ހިރަގުލް އެއްސެވިއެވެ. “އެކަލޭގެފާނުގެ ކާބަފައިކަލުންގެ ތެރޭގައި ރަސްކަލަކުވޭ ހެއްޔެވެ؟” ތިމަން ދެންނެވީމެވެ. “ނޫނެކެވެ.” ހިރަގުލް ވިދާޅުވިއެވެ. “އެކަލޭގެފާނަށް ތަބާވެގެން އުޅެނީ (ރަށުގެ) ގަދަރުވެރި ބޮޑެތީން ހެއްޔެވެ؟ ނުވަތަ (ރަށުގެ) ދެރަ ނިކަމެތީން ހެއްޔެވެ؟” ތިމަން ދެންނެވީމެވެ. “ދެރަ ނިކަމެތީންނެވެ.” ދެން ހިރަގުލް އެއްސެވިއެވެ. “(އެކަލޭގެފާނަށް ތަބާވާ މީހުންގެ އަދަދު ދަނީ) ގިނަވެ، އިތުރުވަމުން ހެއްޔެވެ؟ ނުވަތަ (އެއަދަދު) ދަނީ މަދުވެ، އުނިވަމުން ހެއްޔެވެ؟” ތިމަން ދެންނެވީމެވެ. “ދަނީ ގިނަވެ، އިތުރު ވަމުންނެވެ.” ދެން ހިރަގުލް އެއްސެވިއެވެ. “އެކަލޭގެފާނުގެ ދީން ގަބޫލު ކުރުމަށްފަހު، އެދީނާ މެދު ހިތްހަމަނުޖެހިގެން އެކަކުވެސް ދީން ދޫކޮށްފައި ދޭ ހެއްޔެވެ؟ ތިމަން ދެންނެވީމެވެ. “ނޫނެކެވެ.” ހިރަގުލް އެއްސެވިއެވެ. “ދެން އެހެންވިއްޔާ ކަލޭމެން، އެކަލޭގެފާނު މިހާރު އެވިދާޅުވާ އެއްޗެއް ވިދާޅުވުމުގެ ކުރީން (އެބަހީ ދީނަށް ގޮވާލެއްވުމުގެ ކުރިން،) އެކަލޭގެފާނު އިތުރުފުޅު ހައްދަވާކަމަށް ތުހުމަތުކުރީމު ހެއްޔެވެ؟” ދެން ތިމަން ދެންނެވީމެވެ. ނޫނެކެވެ. ދެން ހިރަގުލް އެއްސެވިއެވެ. “އެކަލޭގެފާނު ޣަދަރުވެރިވެ ވަޑައިގަންނަވާ ހެއްޔެވެ؟ (އެބަހީ އެކަލޭގެފާނު ކުރައްވާ ވައުދު ނުފުއްދަވައި އަދި ކުރައްވާ އަހުދުތައް، އެއްބަސަވުންތައް، އުވާލައްވައި ޚިޔާނަތްތެރިވެ ވަޑައިގަންނަވާ ހެއްޔެވެ؟)” ތިމަން ދެންނެވީމެވެ. “ނޫނެކެވެ. އަހަރުމެން މިވަނީ (ސުލްހަވެރިވެފައިވާ) މުއްދަތެއްގެ ތެރޭގައެވެ. މިމުއްދަތުގެ ތެރޭގައި އެކަލޭގެފާނު ކަންތައް ކުރައްވާނީ ކިހިނެއްކަމެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ.” އަބޫ ސުފްޔާނު (ފަހުން) ވިދާޅުވިއެވެ. “މިބަސް ނޫނީ (އެކަލޭގެފާނާ ބެހޭގޮތުން ބުނެ) އިތުރުކޮށްލާނޭ (ދެރަ)ބަހެއް އަހަންނަކަށް ނޭނގުނެވެ.” ހިރަގުލް ވިދާޅުވިއެވެ. “އަޅެފަހެ ކަލޭމެން އެކަލޭގެފާނާ ހަނގުރާމަކޮށްފީމު ހެއްޔެވެ؟” ތިމަން ދެންނެވީމެވެ. “އާދޭހެވެ.” ހިރަގުލު އެއްސެވިއެވެ. “ކަލޭމެންގެ ދެމެދުގައި ކުރެވުނު ހަނގުރާމައިގެ ނަތީޖާއަކީ ކޮބާހެއްޔެވެ؟” ތިމަން ދެންނެވީމެވެ. “އަހަރުމެންގެ ދެމެދުގައި ކުރެވުނު ހަނގުރާމައިގެ ނަތީޖާ އޮންނަނީ ހަމަހަމަ ކަހަލަ ގޮތަކަށެވެ. (ދެފަރާތްވެސް ބަލިވާފަހަރާއި ދެފަރާތަށްވެސް ކުރިލިބޭފަހަރު އާދެއެވެ.) ބައެއްފަހަރު އެކަލާގެފާނު އަޅުގަނޑުމެންގެ މައްޗަށް (ކާމިޔާބު) ހޯއްދަވައެވެ. އަނެއްބައިފަހަރު އެކަލޭގެފާނުގެ މައްޗަށް އަޅުގަނޑުމެން (ކާމިޔާބު) ހޯދަމުއެވެ.” ދެން ހިރަގުލް އެއްސެވިއެވެ. “އަކަލޭގެފާނު ކަލޭމެންނަން ގޮވާލައްވަނީ ކޮންކޮން ކަމަކަށް ހެއްޔެވެ؟” ތިމަން ދެންނެވީމެވެ. “އެކަލޭގެފާނު ގޮވާލައްވަނީ: ހަމައެކަނި މާތް ﷲއަށް އަޅުކަން ކުރުމަށެވެ. އެކަލާނގެއާ އެހެން އެއްވެސް އެއްޗެއް ޝަރީކަ ނުކުރުމަށެވެ. އަދި ނަމާދު (ގާއިމު) ކުރުމަށާއި ތެދުވެރިވުމަށާއި އިއްފަތްތެރިވުމަށާއި (ތީމާގެ ކަމުގެ) ގުޅުން (ދެމެހެއްޓުމަށް) އެކަލޭގެފާނު އަމުރުފުޅު ކުރައްވައި ގޮވާލައްވައެވެ.”
ދެން ހިރަގުލް ތަރުޖަމާ ކުރާމީހާއާ މުޚާތަބުކޮށް ވިދާޅުވިއެވެ. “އޭނާ (އެބަހީ އަބޫސުފްޔާނު) ގާތު ބުނާށެވެ. އެކަލޭގެފާނުގެ ނަސަބާ ބެހޭގޮތުން، ތިމަން، އިނބަކުރެން އެއްސެވީމުނޫން ހެއްޔެވެ؟ ދެން، އެކަލޭގެފާނަކީ ކަލޭމެންގެ ތެރޭގައިވި ނަސަބުވެރި ބޭކަލެއްކަމުގައި އިނބަ ބުނީމު ނޫން ހެއްޔެވެ. ރަސޫލު ބޭކަލުން ފޮނުއްވެނީ އެގޮތުގެ މަތީންނެވެ. އެބޭކަލުންގެ ގައުމުގެ މީހުންގެތެރޭގައިވާ ގަދަރުވެރި އާއިލާތަކުގެ ތެރެއިންނެވެ. ދެން އިނބަކުރެން ތިމަން ސުއާލުކުރެއްވީމު ނޫންހެއްޔެވެ؟ އެކަލޭގެފާނުގެ ކުރިން، ކަލޭމެންގެ ތެރެއިން އެއްވެސް މީހަކު، މިބާވަތުގެ ވާހަކައެއް (އެބަހީ ނަބީކަމަށް ދައުވާކުރުމުގެ ވާހަކައެއް) ދައްކާފައިވި ހެއްޔެވެ؟ ދެން އިނބަ، ނޫނެކޭ، ބުނީމު ނޫން ހެއްޔެވެ. އެކަލޭގެފާނުގެ ކުރިން އެހެން މީހަކު މިފަދަ ވާހަކައެއް ބުނެ (ނަބީކަމަށް ދައުވާކޮށްފާވި ނަމަ) އަހުރެން ހިތަށް އެރީހީ، އަދި އަހަންނަށް ބުނެވުނީހީ، އެކަލޭގެފާނުގެ ކުރިން އައިސް ގޮސްފައިވި މީހަކު އުޅުނު މަގުން އެކަލޭގެފާނުވެސް ހިންގަވަނީ ކަމަށެވެ. ދެން އިނބަ ކުރެން ތިމަން ސުއާލު ކުރެއްވީމު ނޫން ހެއްޔެވެ؟ އެކަލޭގެފާނުގެ ކާބަފައިކަލުންގެ ތެރޭގައި ރަސްކަލަކު ހިމެނުނު ހެއްޔެވެ؟ ދެން އިނބަ ނޫނެކޭ ބުނީމު ނޫން ހެއްޔެވެ. އެކަލޭގެފާނުގެ ކާބަފައިންގެ ތެރޭގައި ރަސްކަލަކު ހިމެނުނުނަމަ، އަހުރެންނަށް ހީކުރެވުނީހީ އަދި ބުނެވުނީހީ، އެކަލޭގެފާނު އެއުޅުއްވަނީ އެކަލޭގެފާނުގެ ކާބަފައިންގެ ރަސްކަން ހޯއްދަވާށެވެ. ދެން ތިމަން އިނބަކުރެން ސުއާލު ކުރެއްވީމު ނޫން ހެއްޔެވެ؟ (ނަބީކަމުގެ) ވާހަކަ ދެއްކެވުމުގެ ކުރިން، އެކަލޭގެފާނު، އިތުރުފުޅު ހައްދަވާކަމަށް، ކަލޭމެން، އެކަލޭގެފާނުގެ މައްޗަށް، ތުހުމަތު ކުރީމު ހެއްޔެވެ؟ ދެން، އިނބަ ނޫނެކޭ ބުނީމު ނޫން ހެއްޔެވެ. އެކަލޭގެފާނު، ކަލޭމެން ކައިރީގައި އިތުރުފުޅު ހެއްދެވުން ދޫކުރައްވައިފައި، މާތްﷲގެ މައްޗަށް އިތުރުފުޅު ނުހައްދަވާނޭކަން އަހަންނަށް ރަނގަޅަށް އެނގެއެވެ. އަދި އަހަރެން އިނބަ ކުރެން އެހީމު ނޫން ހެއްޔެވެ؟ އެކަލޭގެފާނަށް ތަބާވަނީ (ރަށުގެ) ބޮޑުން ހެއްޔެވެ؟ ނޫނީ ނިކަމެތިން ހެއްޔެވެ؟ ދެން އިނބަ ބުނީމު ނޫން ހެއްޔެވެ. އެކަލޭގެފާނަށް ތަބާ ވަނީ ނިކަމެތީންނެވެ. ރަސޫލު ބޭކަލުންނަށް ތަބާވާ ބައަކީ ނިކަމެތީންނެވެ. އަދި އަހަރެން އިނބަ ކުރެން އެހީމު ނޫންހެއްޔެވެ؟ އެކަލޭގެފާނަށް ތަބާވާ މީހުން ދަނީ ގިނަވެ އިތުރުވަމުން ހެއްޔެވެ؟ ނޫނީ އެމީހުންގެ އަދަދު ދަނީ މަދުވެ އުނިވަމުން ހެއްޔެވެ؟ ދެން އިނބަ ބުނީމު ނޫން ހެއްޔެވެ. އެމީހުން ވަނީ އިތުރުވެ. އީމާން ކަމުގެ ދައުވަތު، އެދައުވަތު ފުރިހަމަ ވެއްޖައުމަށް ދާންދެން، ކުރިއަށް ދަނީ މިގޮތުގައެވެ. އަދި އަހަރެން އިނބަ ކުރެން އެހީމު ނޫން ހެއްޔެވެ؟ އެކަލޭގެފާނުގެ (ދީން ގަބޫލުކޮށް) އެދީނަށް ވަނުމަށްފަހު، އެކަލޭގެފާނުގެ ދީނާ ދޭތެރޭ ނުރުހި ހިތްހަމަ ނުޖެހިގެން އެއްވެސް މީހަކު، އެކަލޭގެފާނުގެ ދީން ދޫކޮންލާ ހެއްޔެވެ؟ ދެން އިނބަ ބުނީމު ނޫންހެއްޔެވެ. ދޫކޮށެއް ނުލައެވެ. އީމާންކަމަކީ އެކަހަލަ ކަމެކެވެ. (އީމާންކަން) ހިތް ހުޅުވާލަދީ ހިތުގައި އަށަގަނެއެވެ. (އެބަހީ، އެއަށްފަހު، ހިތަކުން އީމާންކަން ފިލާނުދާނެއެވެ.)
[މިއިބާރާތް އިބްނު އިސްޙާޤުގެ ރިވާޔަތުގައި އޮންނަނީ މިފަދައިން ނެވެ. “وكذلك حلاوة الإيمان لا تدخل قلبا فتخرج منه.” އީމާން ކަމުގެ ފޮނި (ރަހައަކީ) މިކަހަލަ ކަމެކެވެ. ހިތުގެ ތެރެއަށް އެރަހަ ވަދެފިނަމަ، (އެބަހީ އެރަހަ ބެލިއްޖެ ނަމަ،) ހިތަކުން އެ ނުނިކުމެއެވެ. (މާނައަކީ ހިތަކުން އޭގެ ރަހަ ފިލައިގެން ނުދެއެވެ.) މިރިވާޔާތް މިތަނުގައި އަޅުގަނޑު މިހިމަނާލީ ކުރީގެ ރިވާޔަތުގެ އިބާރަތް ފަހުން ނަންގަތް ރިވާޔަތުގެ އިބާރަތުން އިތުރަށް ސާފުވާކަމަށް ފެންނާތީއެވެ. –މުތަރުޖިމު. އ.ހ.]
އަދި އަހުރެން އިނބަ ކުރެން އެހީމު ނޫން ހެއްޔެވެ؟ އެކަލޭގެފާނު އަހުދާ ޚިލާފު ވެވަޑައިގަންނަވާ ހެއްޔެވެ؟ ދެން އިނބަ ބުނީމު ނޫން ހެއްޔެވެ. ވެވަޑައިނުގަންނަވައެވެ. ރަސޫލު ބޭކަލުންގެ ގޮތަކީ މިއެވެ. އަހުދާއި ޚިލާފުވެވަޑައެއް ނުގަންނަވާނެއެވެ. އަދި އަހުރެން އިނބަ ކުރެން އެހީމު ނޫން ހެއްޔެވެ؟ އެކަލޭގެފާނު ކަލޭމެންނަށް އަމުރު ކުރައްވަނީ ކޮންކަމެއް ކުރަން ހެއްޔެވެ؟ ދެން އިނބަ ބުނީމު ނޫން ހެއްޔެވެ. އެކަލޭގެފާނު އަމުރު ކުރައްވަނީ ހަމައެކަނި މާތްﷲއަށް އަޅުކަން ކުރުމަށެވެ. އަދި ޝިރުކުނުކުރުމަށާއި، އެއްވެސް އެއްޗެއް އެ އަޅުކަމުގައި ބައިވެރި ނުކުރުމަށެވެ. އަދި، ބުދުތަކަށް އަޅުކަން ކުރުން، ކަލޭމެންނަށް ނަހީ ކުރައްވާ ކަމެވެ. އަދި ނަމާދު ކުރުމަށާއި ތެދުވެރިވުމަށާއި އިއްފަތްތެރިވުމަށް އަމުރު ކުރައްވާ ކަމެވެ. އިނބަ ތިބުނަނީ ތެދުހަގީގަތް ކަމަށްވާނަމަ، ތިމަންގެ ދެފައިތިލަ މިވާތަން، އެކަލޭގެފާނު މިލްކު ކުރައްވާނެއެވެ. ނަބިއްޔަކު ފާޅުވާން އުޅޭކަން، ހަމަރަގަޅަށްވެސް، އަހުރެން ދެނެ ހުރީމެވެ. ނަމަވެސް، އެކަލޭގެފާނު ފާޅުވާނީ ކަލޭމެންގެ ތެރެއަކުން ކަމެއް އަހުރެން ހިއެއް ނުކުރަމެވެ. އެކަލޭގެފާނު އަރިހަށް ދެވިދާނޭކަން އަހުރެނަށް އެނގޭނޭނަމަ، އަހަރެން އެކަލޭގެފާނާއި ބައްދަލު ކުރުމަށް ދިޔުމަށް އަވަސް ވެގަތީމުހެވެ. (މިތަނުގައި އިޝާރަތް ކުރެވެނީ، ހިރަގުލްގެ ރަސްކަމުގެ މަސައްކަތާއި އޭނާގެ ގައުމުގެ މީހުން، އެރަސްގެފާނު، ރަސޫލާ އަރިހަށް ދިޔުމަށް ހުރަސްއަޅާ ކަމަށެވެ. –މުތަރުޖިމު. އ.ހ.) އަދި، އެކަލޭގެފާނު އަރިހަށް ދެވޭނެނަމަ، އެކަލޭގެފާނުގެ ފައިންޕުޅު ދޮވުނީމުހެވެ. ދެން، ހިރަގުލް މާތްﷲގެ ރަސޫލާގެ ފަތްކޮޅު ގެނައުމަށް އެންގެވިއެވެ. މިފަތްކޮޅަކީ ކީރިތި ރަސޫލާ، ދިޙްޔަތުގެފާނު އަތްޕުޅުގައި، ބުސްރާގެ ވެރިޔާއަށް ފޮނުއްވި ފަތްކޮޅެކެވެ. އޭނާ މިފަތްކޮޅު ހިރަގުލުއަށް ފޮނުއްވިއެވެ. އެފަތްކޮޅުގައި (ލިޔެވިފައި) ވެއެވެ. ރަޙުމަތް ވަންތަ، ރަޙުމަތް ލައްވާ، (މާތް)ﷲގެ އިސްމުފުޅުން (ފަށްޓަވަމެވެ). މާތްﷲގެ އަޅާއި އެކަލާނގެ ރަސޫލާ، މުހައްމަދުގެފާނުގެ ފަރާތްޕުޅުން ހިރަގުލް، ރޫމުގެ (ބައިޒަންޓައިނުގެ) އެމްޕަރަރުއަށް (ވެރިޔާއަށް، މިފަތްކޮޅު ލިޔުއްވަމެވެ). ހިދާޔަތުގެ މަގަށް ތަބާވި މީހާއަށް އަމާންކަން ލިބިގެންވެއެވެ. އެއަށްފަހު ވިދާޅުވަމެވެ. ތިމަންކަލޭގެފާނު ކަލޭގެފާނަށް އިސްލާމް ދީނުގެ ގޮވާލުމުން ގޮވާލައްވަމެވެ. އިސްލާމް ވެވަޑައިގަންނަވާށެވެ. އޭރުން ކަލޭގެފާނަށް ރައްކާތެރިކަން ލިބިވަޑައިގަންނަވާނެއެވެ. އަދި، މާތްﷲ، ކަލޭގެފާނަށް، ދެގުނައަށް، ސަވާބު ދެއްވާނެތެވެ. ކަލޭގެފާނު (މިދައުވަތަށް) ފުރަގަސް ދެއްވައިފިނަމަ، (ކަލޭގެފާނުގެ) ދަނޑުވެރިންގެ (އެބަހީ، މުވާތިނުންގެ) ފާފަ ކަލޭގެފާނު އިސްތަށިފުޅުގައި އެޅޭނެއެވެ. އަދި (އަދި މިއާޔަތް ލިޔުއްވާފައި ވެއެވެ.) “އޭ ފޮތުގެ އަހުލުވެރިންނޭވެ! އަހަރުމެން ދެބައި މީހުން ވެސް އެއްގޮތެއްގައި ގަބޫލުކުރާ ވާހަކައެއް (އަޑުއަހާލަން) އަންނާށެވެ. (އެއީ) ހަމައެކަނި މާތްﷲއަށް އަޅުކަންކުރުމަށާއި އެކަލާނގެއާއި އެއްވެސް ޝަރީކަކު ބައިވެރި ނުކުރުމަށެވެ. އަދި، (މާތް)ﷲ ފިޔަވައި، އަހަރުމެންގެ ތެރެއިން މީހުން ރައްބުންގެ ގޮތުގައި ނުހެދުމަށެވެ. (މާނައަކީ އެމީހުންނަށް އިލާހުންގެ ދަރަޖަދީ ނުހެދުމެވެ.) އެމީހުން (މިކަމަށް) ފުރަގަސް ދީފިނަމަ، ކަލޭމެން މުސްލިމުން (އަހުލު ކިތާބީންނަށް) ބުނާށެވެ. އަހަރުމެން (މާތްﷲއަށް) ބޯލަބައި ކިޔަމަންވެއްޖެ ކަމަށް ކަލޭމެން ހެކިވާށެވެ.” (އާލުޢިމްރާނުގެ 64 ވަނައާޔަތް)
ދެން އަބޫސުފުޔާނު ބުންޏެވެ. ހިރަގުލް ވިދާޅުވި އެއްޗެއް ވިދާޅުވެ، އަދި (ރަސޫލާގެ ސިޓީ ފުޅު ކިޔައިވިދާޅުވެ ނިމުމުން، (މީހުންގެ) އަޑުފަށްގަނޑު ގަދަވެ، ވާހަކަ ދައްކާ އަޑު އުފުލުނެވެ އަދި އަހަރުމެން ބޭރަށް ގެންދެވުނެވެ. ދެން، އަހަރެންނާއި އެކުގައިވި މީހުންނަށް، އަހަރެން ބުނީމެވެ. އިބްނު އަބީ ކަބްޝާގެ ކަންތައް ވަރަށް ބޮޑުވެއްޖެތާއެވެ. (އިބްނު އަބީ ކަބްޝާ މިނަމުން ގަސްދުކުރެވެނީ ކީރިތި ރަސޫލާއެވެ. އިބްނު އަބީ ކަބްޝާ އަކީ، މާ ނަން މަޝްހޫރު ނޫން، ކީރިތި ރަސޫލާގެ ކާބަފައިކަލުންގެ ތެރެއިން ހިމެނޭ، ބޭކަލެއް ކަމުގައި ބުނެވެއެވެ. މައްކާ ގައި ކީރިތި ރަސޫލާއަށް، މިނަމުން ނިސްބަތް ކޮށް ކިޔައި އުޅުނީ، އެކަލޭގެފާނު ނިކަމެތި ކޮށްލުމުގެ ގޮތުންނެވެ.) އެކަލޭގެފާނު ދެކެ ބަނޫ އަސްފަރުގެ (އެބަހީ ބައިޒަންޓައިންގެ) މީހުންވެސް ބިރުގަނެ ޖެހިލުންވާ ފަށައިފިއެވެ. އަދި އެކަލޭގެފާނު ކާމިޔާބު ކުރައްވާނެކަން އަހަންނަށް ޔަގީންވެ، މާތްﷲ، އަހަރެންގެ (ހިތަށް) އިސްލާމް ދީން ވެއްދެވުމަށް ދާންދެން، އެގޮތުގައި އަހަރެން ދެމިހުރީމެވެ.
އަދި ހިރަގުލްގެ ފަރާތުން އީލިޔާގެ އަމީރު ގެ ގޮތުގައި ހުންނެވި، އަދި ޝާމުކަރައިގެ ނަސާރާއިންގެ ބިޝަޕުގެ (ދީނީ އިމާމު) ކަމުގައި އައްޔަނު ކުރެވުނު، އިބްނު އައްނާޠޫރު ރިވާކުރައްވަތެވެ. ހިރަގުލް އީލިޔާއަށް ޒިޔާރަތް ކުރެއްވިއެވެ. އަދި އެއްދުވަހު ހެނދު ހޭފުޅުލެއްވިއިރު އޭނާގެ ނަފްސު ޚަރާބު ވެފައިވާކަން (އެބަހީ އަދި އޭނާގެ ކިބަފުޅުން ކަންބޮޑުވެ ވަޑައިގަތުން) ފާޅުވިއެވެ. ދެން އެމަނިކުފާނުގެ ބައެއް ފާދިރީން، އެމަނިކުފާނު ކަންބޮޑުވެ ވަޑައިގެން ވަނީ ކީއްވެތޯ އެމަނިކުފާނު އަރިހުގައި އެއްސެވިއެވެ. އިބްނު އައްނާޠޫރު ވިދާޅުވިއެވެ. ހިރަގުލް އަކީ ކާހިނެކެވެ. ތަރިތަކަށް ބައްލަވާ ހައްދަވައެވެ. އެމަނިކުފާނުގެ ފާދިރީން އެމަނިކުފާނު އަރިހުގައި ސުއާލު ދެންނެވުމުން ވިދާޅުވިއެވެ. ތިމަންނާ ތަރިތަކަށް ބައްލަވާ ލެއްވުމުން، ޚިތާނު ކުރާ ގައުމުގެ މީހުންގެ ވެރިޔާ ފާޅުވިތަން، ތިމަންނާ ދެކެވަޑައިގަތީމެވެ. މިގައުމުގެ މީހުންގެ ތެރެއިން ޚިތާނުކޮށް އުޅެނީ ކޮންބައެއް ހެއްޔެވެ؟ ދެން ފާދިރީން ދެންނެވިއެވެ. ޔަހޫދީން ނޫން ބަޔަކު ޚިތާނުކޮށެއް ނޫޅެއެވެ. އަދި އެމީހުންނާ ދޭތެރޭ މަނިކުފާނު ކަންބޮޑުވެ ވަޑައިނުގަންނަވާށެވެ. މަނިކުފާނުގެ ވެރިކަމުގެ ދަށުގައިވާ ރަށްތަކަށް (އެބަހީ އެރަށްރަށުގެ ވެރީންނަށް)، އެރަށްރަށުގައި އުޅޭ ޔަހޫދީން މެރުމަށް ލިޔުއްވާށެވެ. މިބަހުސްކުރުމުގައި އެބައިމީހުން ވަނިކޮށް، ހިރަގުލްގެ އަރިހަށް، ޣައްސާނުގެ ރަސްގެފާނު ފޮނުއްވި މީހަކު އަޔެވެ. އަދި މާތްﷲގެ ރަސޫލާ ފާޅުވެއްޖެ ކަމުގެ ޚަބަރު ހިރަގުލަށް އޭނާ ދެއްވިއެވެ. އެމީހާގެ ކިބައިން އެޚަބަރު އެއްސެވުމަށްފަހު، ހިރަގުލް ވިދާޅުވިއެވެ. ކަލޭމެން ނިކަންގޮސް އޭނާވަނީ ޚިތާނުކޮށްފައިތޯ ނުވަތަ ނޫންތޯ ބަލާބަލާށެވެ. ދެން އެމީހުން އެކަން ބެލިއެވެ. އަދި ހިރަގުލް އަރިހުގައި އޭނާ ޚިތާނުކޮށްފައި ހުރިވާހަކަ ދެންނެވިއެވެ. އަދި އޭނާ ކުރެން އަރަބީންނާއި ބެހޭ ގޮތުން ސުއާލު ކުރެއްވިއެވެ. އަދި އޭނާ ބުންޏެވެ. އަރަބީންނަކީ ޚިތާނު ކުރާ ބައެކެވެ. ދެން ހިރަގުލް ވިދާޅުވިއެވެ. މިކަލޭގެފާނަކީ – މުހައްމަދުގެފާނަކީ – މި (އަރަބި) އުއްމަތުގެ މައްޗަށް ވެރިވެ ވަޑައިގަންނަވާނޭ ކަލޭގެފާނެވެ. އެކަލޭގެފާނު ފާޅުވެ ވަޑައިގަތީއެވެ. ދެން ހިރަގުލް، އިލްމުވެރިކަމުގެ ގޮތުން، އެމަނިކުފާނާއި އެއްވަރުގެ، ރޫމުގައި ހުންނެވި އެމަނިކުފާނުގެ އެކުވެރިއަކަށް ސިޓީ ފުޅެއް ލިޔުއްވިއެވެ. އަދި އެއަށްފަހު، ހިރަގުލް ޙިމްޞަށް ވަޑައިގަތެވެ. އަދި ޙިމްޞުން ފުރާވަޑައި ނުގަނެ މަޑުކުރެއްވިއެވެ. އެގޮތުގައި ހުންނަވަނިކޮށް އެމަނިކުފާނުގެ އެކުވެރިޔާގެ ކިބައިން ސިޓީއެއް ލިބިވަޑައިގަތެވެ. އެސިޓީގައި ސަލާމާއި ސަލަވާތްލެއްވި ނަބިއްޔާ (މީސްތަކުންގެ ތެރެއަށް، ނަބީކަމައިގެން) ނިކުމެވަޑައިގަތުމާއި ބެހޭ ގޮތުން ހިރަގުލް ފާޅު ކުރެއްވި ރައުޔުއާ އިއްތިފާގުވާ ވާހަކައާއި އަދި އެކަލޭގެފާނަކީ ނަބީބޭކަލެއްކަމުގައި ލިޔެފައި ވެއެވެ. ދެން ހިރަގުލް ރޯމުގެ ބޮޑުން ޙިމްޞުގައި ހުރި އެކަލޭގެފާނުގެ ގަނޑުވަރަކަށް އެއްކުރެއްވިއެވެ. އަދި، ގަނޑުވެރުގެ ދޮރުތައް ބަންދު ކުރެއްވުމަށް އަމުރުކުރައްވައި ދޮރުތައް ބަންދުކުރެވުނެވެ. ދެން އެކަލޭގެފާނު އެމީހުންގެތެރެއަށް ނިކުމެވަޑައިގެން ވިދާޅު ވިއެވެ. އޭ ރޫމުގެ ބޮޑުންނޭވެ! ކާމިޔާބާއި ތެދުމަގާއި އަދި ކަލޭމެންގެ ރަސްކަން ދެމިއޮތުން އެދޭކަމަށް ވަންޏާ މިނަބީކަލޭގެފާނަށް ބައިއަތު ހިފާނަން ހެއްޔެވެ؟ މިވާހަކަ އަޑުއިވުމުން ބޮޑުންތައް އެކަމާ ދެކޮޅުހަދައި ވަހުޝީ ހިމާރުތަކެއް ފަދައިން ދޮރުދޮރާއި ދިމާލަށް ދުއްވައިގަތެވެ. ދެން، ދޮރުތައް ބަންދުކުރެވިފައި ވާތަން އެމީހުންނަށް ފެނުނެވެ. އަދި ހިރަގުލަށް އެމީހުންގެ ދެކޮޅުވެރިކަން ފެނިވަޑައިގަނެ، އެމީހުން އީމާންވެދާނެކަމާއި މެދު މާޔޫސް ވެވަޑައިގަތުމުން، ވިދާޅުވިއެވެ. އެމީހުން ތިމަން ކަލޭގެފާނު އަރިއަހަށް އަނބުރާ ގެންނާށެވެ. ދެން (އެމީހުން އެނބުރިއައުމުން) ވިދާޅުވިއެވެ. ދެންމެ ތިމަންނާ ވިދާޅުވި ވާހަކަ ވިދާޅުވީ ކަލޭމެންގެ ދީނުގައި ކަލޭމެން ކިހާވަރުގަދައަކަށް ހިފަހައްޓައިގެން ތިބިތޯ އިމްތިހާނު ކޮށްލެއްވުމުގެ ގޮތުންނެވެ. އަދި އެކަން ތިމަން ކަލޭގެފާނު ދެކެވަޑައިގެންފީމުއެވެ. ދެން، އެމީހުން އެކަލޭގެފާނު ކުރިފުޅުމަތީ ސަޖިދަކޮށް އެކަލޭގެފާނާއި މެދު ހިތްހަމަޖެހުން ފާޅުކުރިއެވެ. ހިރަގުލްގެ އީމާން ކަމާބެހޭ ގޮތުން އައިސްފައިވާ އެއްމެ ފަހުގެ ވާހަކައަކީ މިއެވެ.