“އެމީހުންގެ ދުޝްމަނުންނަކީ އަހަރުމެންގެ ދުޝްމަނުންނަށްވާކަށް ނުޖެހެއެވެ”

ރިޕޯޓް އިޖުތިމާޢީ ފަހުގެ

މަތީގައި އެވަނީ މިނިވަން ކަމަށް ލޯބިކުރި މިނިވަން ލީޑަރެއް ވިދާޅުވި ބަސްކޮޅެއްގެ ޖުމްލަ މާނައެވެ. [ތިރީގައި ކޮމެންޓެއްގެ ގޮތުގައި އެ ބަސްކޮޅުގެ އަސްލު އަޑުއަހާލެވޭނޭ ލިންކު ދެވިފައިވާނެއެވެ.] އާދެ، ދެކުނު އެފްރިކާ، ދޮން މީހުންގެ ނަސްލީ އިމްތިޔާޒުގެ ވެރިކަމުގެ ނިޒާމުން ދެކުނު އެފްރިކާގެ ކަޅު މީހުން މިނިވަންކޮށް، ދެކުނު އެފްރިކާގައި ހަމަހަމަ ކަމާއި އަދުލު އިންސާފުގެ މައްޗަށް ބިނާވާ ނިޒާމެއް އުފެއްދުމުގެ އޮށް އިންދަވައި ދެއްވި ނެލްސަން މަންޑޭލާގެ ބަސްކޮޅެކެވެ.

މި ބަސްކޮޅު އޭނާ ވިދާޅުވީ 1990 ވަނަ އަހަރު އެމެރިކާގެ ނިޔުޔޯކަށް ކުރެއްވި ދަތުރެއްގައި އޭނާ ދެއްވި ބަސްދީ ގަތުމެއްގައި ނޫސްވެރިޔަކު އޭނާއާ ކުރި ސުއާލަކަށް ޖަވާބު ދެއްވަމުންނެވެ. ނޫސްވެރިޔާގެ ސުއާލަކީ ނެލްސަން މަންޑޭލާ ވަކި ބަޔަކާ ގާތްގުޅުމެއް ގެންގުޅުއްވާތީ އެކަމާ ފާޑުކިޔުމުގެ ގޮތުން ކުރި ސުއާލެކެވެ. ޕީ.އެލް.އޯގެ ރައީސް ޔާސިރު އަރަފާތާއި ލީބިޔާގެ ވެރިޔާ ގައްޒާފީއާއި ކިޔުބާގެ ރައީސް ކާސްޓްރޯ ފަދަ ބޭބޭކަލުންނާ ނެލްސަން މަންޑޭލާ ގުޅުން ބަހައްޓަވާތީ އެކަމަށް ފާޑުކިޔައި ކުރި ސުއާލެކެވެ. މިނަންގަތް ތިން ވެރިންނަކީ ވެސް އެމެރިކާގެ ނުރުހުން އޮތް ވެރިންނެވެ. އާދެ، އެމެރިކާގެ ދުޝްމަނުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ސުއާލަށް ޖަވާބުދެއްވަމުން މަންޑޭލާ ފާހަގަކުރެއްވީ ބައެއް ސިޔާސީ މުހައްލިލުންނަށް އޮޅިފައި އޮންނަ ކަމެއްގެ ވާހަކައެވެ. ބާރު ގަދަ ގައުމުތަކުގެ ބައެއް މީހުންނަށް ހީވަނީ އެމީހުންގެ ދުޝްމަނުންނަކީ އެހެން ހުރިހާ އެންމެންގެ ދުޝްމަނުންނަށް ވާންޖެހޭނޭ ކަމެވެ. ނަމަވެސް، މަންޑޭލާ ފާހަގަކުރެއްވީ އެއީ ހަމަޖެހޭ ކަމެއް ނޫން ކަމެވެ. އޭނާއަކީ އަދި އޭނާގެ ގައުމަކީ ވެސް މިނިވަން ގައުމެއް ކަމާއި އޭނާއާއި އޭނާގެ ގައުމުގެ ސިޔާސަތުތައް ކަނޑައަޅާލުމުގައި އުސޫލުތަކެއް އޮންނަކަމާއި އޭނާ ކަންކަން ކުރައްވަނީ އެ އުސޫލުތަކުގެ މަތިން ކަމެވެ. އާދެ، މިނިވަން ގައުމެއްގެ މިނިވަން ލީޑަރަކު މިނިވަން ސިޔާސަތުތަކާއި މިނިވަން ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ވިދާޅުވި ވަރަށް ވެސް ހަރުދަނާ މުހުތަރަމު ވާހަކަ ކޮޅެކެވެ.

މި ވާހަކަ ކޮޅު ހިތަށް އައީ ދާދި ފަހުން ރާއްޖޭގެ މިނިސްޓަރަކު ބުނި ކަމަށް އޮތް ވާހަކައެއް ފެނިގެންނެވެ. މިތާގައި މިނިސްޓަރަކު ބުންޏޭ ލިޔަން ޖެހުނީ އޭނާ ބުނި ވާހަކައަށް އެކަށީގެން ވަނީ އެފަދައިން ލިޔުން ކަމަށްވާތީއެވެ. ފަހުން އެކަން އިތުރަށް ސާފުވާނެއެވެ. އާދެ، އޭނާ ބުނިކަމަށް ބައެއް ނޫސްތަކުގައި ލިޔެފައި އޮތީ “އިންޑިޔާއިން އެހީ ވަނީ އެ ބޭފުޅުންގެ ދުޝްމަނުން މިތާ ބާރުގަދަ ވިޔަ ނުދޭން” މިފަދައިންނެވެ. މި ބުނުމުގެ މައްޗަށް ނަޒަރެއް ހިންގާލައި މަންޑޭލާ ވިދާޅުވި ވިދާޅުވުމާ އަޅާ ކިޔާލަމާ ހެއްޔެވެ؟

އިންޑިޔާއިން އެހީ ވަނީ އެ ބޭފުޅުންގެ ދުޝްމަނުން މިތާ ބާރުގަދަ ވިޔަ ނުދޭން،” އެހެން ހެއްޔެވެ؟ އެންމެ ފުރަތަމަ، މި ޖުމްލައިގައިވާ ދެތިން ލަފްޒެއްގެ މައްޗަށް ނަޒަރު ހިންގާލަމާ ހެއްޔެވެ؟ ފުރަތަމަ ‘އެބޭފުޅުންގެ އެހީގެ ވާހަކައެވެ.’ އެހީއެކޭ މިބުނަނީ ކޮން ކަމަކަށް ހެއްޔެވެ؟ އެހީއޭ މިބުނަނީ އެހެން ފަރާތްތަކޭ އެއް ގޮތަށް ދޭ ލޯނުތަކުގެ ވާހަކައެވެ. އެ ލޯނުތަކަކީ ފަހަރެއްގައި ވެސް ހިލޭދޭ އެހީ އެއް ނޫނެވެ. ބޭނުން ހިނދެއްގައި ކެންސަލްކޮށް ހިފެހެއްޓޭ ގޮތަށް އޮތް ކަމެކެވެ. އެބޭފުޅުންނޭ ބުނެ އިޝާރަތްކުރާ އިންޑިޔާގެ ސަރުކާރުގެ އިސްވެރިން ވަކި ކަހަލަ ޝަރުތުތަކެއް ކަނޑައަޅައި، އެއާ ކުޑަކޮށްވެސް، ހަރުފެއްގެ މިންވަރު ވެސް، ޚިލާފު ވިޔަސް ކެންސަލްކޮށް ހިފެހެއްޓޭ ގޮތަށް އޮތް ލޯނުތަކެކެވެ. މިސާލަކަށް އުތުރު ތިލަފަޅުގެ އެއްބަސްވުން ބަލާލާށެވެ. އޭގައި ހުރި ޝަރުތުތަކެވެ. އެކިއެކި މަސައްކަތްތައް ކުރުވަން ޖެހެނީ އިންޑިޔާގެ ކުންފުނިތައްލައްވައި ލޯނު ދޭން އިންޑިޔާގެ ސަރުކާރު އެދޭ ގޮތަކަށެވެ. ރާއްޖެއިން ބޭނުންވާ މަޝްރޫއު ރާއްޖެއިން ބޭނުންވާ ގޮތަކަށް ހިންގުމުގެ މިނިވަންކަމެއް ނެތެވެ. އެހެންވީމާ، މިފަދަ ލޯނުތަކަށް އެހީއޭ ކިޔަން ހެޔޮނުވާނެއެވެ. އެއަށް ކިޔަންޖެހޭނީ އޭގެ ނަމުންނެވެ. ޝަރުތުތައް ކަނޑައަޅާފައިދޭ ލޯނެވެ. އަދި އެއަށް ވުރެ ވެސް އެކަށީގެންވާ ނަމަކީ އެ ލޯނުތަކަކީ ރާއްޖޭގެ ކަރަށް މަހާލެވޭ މަޅިއެއް ކަމެވެ. އެ މަޅި ދޫކޮށް ބޭއްވުމާއި ބާރުކޮށްލުމުގެ އިޚުތިޔާރު އިންޑިޔާގެ އަތުގައި އޮތް މަޅިއެކެވެ. ކުރީގައި ވެސް އޮތް މިފަދަ ކަރު މަޅިއެއް ބާރުކޮށްލި ހަނދާން އެކަކުވެސް އެބަ ހުރި ހެއްޔެވެ؟ އިންޑިޔާގެ ހެޔޮ އެދޭ ސަރުކާރު ނުރުހުން ވުމުން، ދެހާސް ބާރަ ހިސާބު ވަގުތުން އެތައް ސަތޭކަ މިލިޔަން ޑޮލަރު އެއްފަހަރާ ދައްކަން މަޖުބޫރުކުރި ހަނދާން އެކަކު ވެސް އެބަ ހުރިހެއްޔެވެ؟ އެހަނދާން ހިތުން ފިލަން ޖެހޭހާ ދުވަހެއް ނުވޭނޫން ހެއްޔެވެ؟ ކޮންމެ އަކަސް އެދުވަހު އިންޑިޔާގެ ބޭނުކަމަށް އޮތީ ކޮން ކަމެއް ހެއްޔެވެ؟ ބޭނުމަކީ ރާއްޖެ ފިއްތާލުމެވެ! ދަންޖެއްސުމެވެ. ނަމަވެސް، އެމީހުން ވެސް ހައިރާންވީ ރާއްޖެ އިން ނުފިތި، ދަންނުޖެހި، އެ ދަރަނި އަދާކުރީމައެވެ.

އަދި ވެސް، މިނިސްޓަރުގެ ޖުމްލައިގައި އެ ބުނާ ‘އެހީ’ އާދެ، އޭގެ ހަގީގީ ނަމުން ބުނާ ނަމަ، އަގު ބޮޑު ލޯނު، ހޯދައިގެން ނުވަތަ ނަގައިގެން ކުރާ މަސައްކަތުގެ ފައިދާ ހުރީ ކާކަށް ހެއްޔެވެ؟ މި ސުއާލުގެ ޖަވާބު ލިބުމުން ވެސް، އެއީ އެހީއެއްތޯ ނުވަތަ ނޫންތޯ ކިޔުންތެރިންގެ އަމިއްލަ ސިކުނޑި ބޭނުންކޮށްގެން ކަނޑައަޅާލެވޭނެއެވެ. ރާއްޖޭގައި އިންޑިޔާގެ ސަރުކާރު މެދުވެރިވެގެން އިންޑިޔާގެ ބޭންކުތަކުން ހޯދާ ލޯނުން ކުރަނީ މައިގަނޑު ގޮތެއްގައި ކޮން ކަމެއް ހެއްޔެވެ؟ ރާއްޖޭގެ އުތުރާއި ދެކުނަށް، އަދި މެދު ރާއްޖެ ތެރެއަށް ބަލައިލާށެވެ. އެކި ނަންނަމުގައި އޮޅުވާލައިގެން އަޅާ އިންޑިޔާގެ އަސްކަރީ މަރުކަޒުތަކެވެ. އޮޅުވާލައިގެންނޭ މިބުނީ މިކަން ކުރީ ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށްވާތީއެވެ. މިމައްސަލައާ ބެހޭ ލިޔުންތައް ބަލާލުމުން އެކަން ސާފުވާނެއެވެ. ޚުދު މި މިނިސްޓަރުގެ އިހުގެ ބަހެއްގައި، 2020ވަނަ އަހަރު ބުނި ބަހެއްގައި، އޮންނަނީ “އިންޑިޔާ މީހުން ބޭނުންނަމަ ދިވެހިން މަރާފައި ނަމަވެސް، ރާއްޖެ ހިފާނެ ވާހަކައެވެ.” އޭރު އެހެން ބުނީ ކީއްވެ ހެއްޔެވެ؟ އިންޑިޔާގެ އަސްކަރީން ރާއްޖޭގައި ތިބުމަކީ ހަމަޖެހިފައި އޮތް ކަމެއް ނޫނޭ ބުނުމުގެ ގޮތުންނެވެ. އިންޑިޔާގެ މަސްލަހަތަށްޓަކައި މަސައްކަތްކުރާ ރާއްޖޭގައި ތިބި އިންޑިޔާގެ ހުރިހާ ދިވެހި އޭޖެންޓުން ވެސް މިހެން ބުނެފައި ވެއެވެ. ދިފާއީ މިނިސްޓަރާއި މަޖުލީހުގެ ރައީސާއި އަދި ފޮރިން މިނިސްޓަރު ވެސް މެއެވެ. ގޫގުލްކޮށްލައި ހޯދާލުމުން ނޫސްތަކުންނާއި ވީޑިޔޯ ފީތާތަކުން އެކަން ފެންނާނެއެވެ. އެމީހުންނަކީ އިންޑިޔާގެ އޭޖެންޓުންކަން ސާފުވާނެއެވެ. އެމީހުންނަކީ ރާއްޖޭގެ ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން އިންޑިޔާގެ ޚިދުމަތުގައި ތިބި ޣައްދާރުވެރި ބައެއްކަން ސާފުވާނެއެވެ. އަދި، ސީ.އެން.އެން. ގެ ރިޕޯޓެއްގައްޔާއި އެހެން ބައެއް އެހެން ރިޕޯޓުތަކުން ވެސް މިކަން ދޭހަވާން އެބަ އޮތެވެ. (ތިރީގައި ހުރި ލިންކުތަކުން މިފަދަ ބައެއް ރިޕޯޓުތައް ފެންނަން އޮންނާނެއެވެ.) އިންޑިޔާގެ ސިފައިން ރާއްޖޭގައި ނުތިބޭނޭ ވާހަކަ ދައްކާފައި އެވާހަކައިގެ ރާގު މިހާރު އޮތީ ބަދަލުވެފައިތާއެވެ. މިހާރު އޮތީ އެމީހުންނަކީ ތިބި އަދި ތިބޭނޭ ބައެއް ކަމުގެ ގޮތުގައި ހަމަ ޖެހިފައެވެ. މަޖުލިހުގެ ރައީސް ބުނަނީ ރާއްޖޭގެ ތަރައްގީ އޮތީ އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބުމާއި ގުޅިފައި ކަމުގައެވެ. މިފަދަ ވާހަކައެއް ނިކުންނާނީ އިންޑިޔާގެ އޭޖެންޓެއްގެ ދުލުން ނޫނީ ކޮން ދުލަކުން ހެއްޔެވެ؟ މިހެން ރައްޔިތުންނަށް އޮޅުވާލައިގެން ވާހަކަދައްކައި، އިންޑިޔާގެ އެދުމުގެ މަތިން، ރައްޔިތުންނަށް ހިތި ބޭހެއް ބޯންދޭ ފަދައިން، މަޑުމަޑުން، އެތިއެތި ކޮޅުން، އެކުރަނީ ކޮންކަމެއް ކަން އެނގިހުރެ، ކަންތައް ކުރާނީ އިންޑިޔާގެ އޭޖެންޓުން ނޫން ކޮން ބައެއް ހެއްޔެވެ؟ މިކަމުގައި މައްސަލައަކީ އެމީހުން އިންޑިޔާގެ އޭޖެންޓުންނަށްވީމަ އެއް ނޫނެވެ. ރައްޔިތުންގެ ބަޔަކުވެސް، އެނގިގެން ނޫނީ ނޭނގި ނަމަވެސް، ގައުމަށް ޣައްދާރުވާ ޚިޔާނަތްތެރިންނަށް ތާއީދުކޮށް އެމީހުންނަކީ ބަތަލުންކަމަށް ހަދާތީއެވެ.

ކޮންމެއަކަސް، އިންޑިޔާއިން އެދޭ ލޯނުން ހިންގާ މަޝްރޫއުތަކުގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟ އުތުރާއި ދެކުނާއި މެދު ރާއްޖެއާއި އަދި މާލޭ ކައިރީގައި ވެސް އިންޑިޔާގެ އަސްކަރީ މަރުކަޒުތައް އެޅުމެވެ. އިނގިރޭސިން ވެސް އެމީހުންގެ ބޭނުމަކަށް އަސްކަރީ މަރުކަޒެއް ދެކުނުގައި ސ. ގަމުގައްޔާއި ސ. ހިތަދޫގައި އެޅިއެވެ. ނަމަވެސް، އެކަން ކުރީ އިނގިރޭސީންގެ އަމިއްލަ ފައިސާގައެވެ. ރާއްޖެއަށް ލޯނު ދީގެން އޮޅުވާލައިގެން އެކަން ކުރާކަށް ނޫޅެއެވެ. އަދި، އެތަންތަނަށް ރާއްޖެއަށް ކުލި ވެސް ދެއްކިއެވެ. ރާއްޖެއަށް މުޅިން ހިލޭ ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދިނެވެ. ކޮންމެ ދިވެއްސަކަށް ވެސް ހިލޭ ބޭސްކުރުމާއި ހިލޭ ބޭސް ލިބުން ސ. ގަމުގައި ހަމަޖެހިފައި އޮތެވެ. މާލޭގައި ޒަމާނީ ހޮސްޕިޓަލެއް އަޅައި ދިނެވެ. މީގެ އިތުރުން، އެތައް ބަޔަކަށް ވަޒީފާ ލިބުނެވެ. އެއްވެސް ދަތިކަމެއް ނެތި، އިނގިރޭސިން އައްޑޫގައި ތިބި އިރު، އެ ވަޒީފާތަކުގައި އުޅުނު މީހުންނަށް ހަމަޖެހިގެން ދިރިއުޅެވުނެވެ. އަދި، އެ ކަމުގެ ސަބަބުން ރާއްޖޭގެ ބޮޑެތި ބޮޑެތި ވިޔަފާރިވެރިންނަށްވީ ބަޔަކު ވެސް އުފެދުނެވެ. އަދި، އިނގިރޭސީންގެ ބޭނުން ފުދުމުން – ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުގެ ފަރާތުން ކުރިމަތިވެދާނޭ ނުރައްކާ ނެތިދިޔުމުން – އިނގިރޭސިން ރާއްޖެއިން ފައިބައިގެން ދިޔައީއެވެ. ނަމަވެސް އިންޑިޔާގެ އަސްކަރީ މަރުކަޒުތައް އަޅަން މި ޖެހެނީ ރާއްޖޭގެ ރައްޔިތުންގެ ފައިސާއިންނެވެ. ރާއްޖޭގެ ތައުލީމަށާއި ރާއްޖޭގެ އާންމު ރައްޔިތުންނަށްޓަކައި ގެދޮރު އެޅުމަށާއި ސިއްހީ ޚިދުމަތްތަކަށް ޚަރަދުކުރަން ޖެހޭ ފައިސާއިންނެވެ. އެ މަރުކަޒުތައް އެޅުމުން ރާއްޖެއަށް ކުރާ އިގުތިސާދީ ފައިދާއަކީ ކޮބައި ހެއްޔެވެ؟ އެ މަރުކަޒުތައް އަޅަމުންދާއިރު އެންމެ ކުޑަވެގެން މަސައްކަތްކުރުމުގެ ފުރުސަތު ވެސް ދިވެހިންނަކަށް ނެތެވެ! ދެން، އެ މަރުކަޒުތައް އެޅުމަށް ފަހު، އެތަންތަން އޮންނަނީ އިންޑިޔާގެ ފުރިހަމަ ބާރުގެ ދަށުގައެވެ. ނަމަވެސް، އެތަންތަން ހިންގުމަށްޓަކައި ކުރަން ޖެހޭ ޚަރަދުތައް ރާއްޖެއިން ކުރަން ޖެހެއެވެ. އުތުރު ތިލަފަޅުގެ އެއްބަސްވުން ކިޔާލުމުން މިކަން ސާފުވާނެއެވެ. އާދެ، އިންޑިޔާއިން ދޭ ލޯނުގައި އަޅަން މިޖެހެނީ އެމީހުންގެ ޚިދުމަތުގައި، އެމީހުންގެ އަމުރުވެރިކަން އޮންނަ ތަންތަނެވެ! މިފަދަ ލޯނުތަކަށް އެހީއޭ ކިއިދާނެ ހެއްޔެވެ؟ ކަސްބީއެއް ކައިރިއަށް ދާ މީހަކަށް، އެކަސްބީ ބޭނުންކުރާތީ ކަސްބީ މީހާ އޭނާ ބޭނުންކުރާ މީހާއަށް ފައިސާދިނުން ކަހަލަ ކަމެވެ. މިނިސްޓަރު މިވަނީ ރާއްޖެ ކަސްބީއަކަށް ހަދައި، ޕިމްޕެއްގެ ރޯލުއަދާ ކުރުމުގައެވެ! އަދި، އެ ޕިންޕު ގެންގުޅޭ ކަސްބީ ބޭނުން ކުރަން ފައިސާވެސް ޕިމްޕު ހޯދައި މިދެނޭ ޕިމްޕު އަތުންނެވެ! މިފަދަ ސިޔާސީ ޕިމްޕުންގެ ކުރިމަތީގައި އެމީހުންގެ އަމިއްލަ ވަޒަނުގެ އަގަކީ މިއެވެ. ކަސްބީއެއްގެ ގަދަރެވެ. މިފަދަ ސިޔާސީ ޕިންޕުންނަށް ރީތި ބަހުން ވާހަކަދެއްކުމަކީ އެހެން މީހުންގެ ގަދަރު ވެއްޓޭނޭ ކަމެކެވެ!

ދެން އޮތީ ‘އެބޭފުޅުންގެ ދުޝްމަނުންގެ ވާހަކައެވެ.’ އެބުނާ ބޭފުޅުންނާއި އެބޭފުޅުންގެ އެބުނާ ދުޝްމަނުންނަކީ ކޮބާ ހެއްޔެވެ؟ އެބުނާ ބޭފުޅުންނަކީ އިންޑިޔާގެ ކަނާތުފިޔައިގެ ހަރުކަށި ދީނީ ގައުމިއްޔަތުގެ ‘ބޭފުޅުންނެވެ.’ އެބޭފުޅުންގެ ދެ ދުޝްމަނެއް ވެއެވެ. އެއް ދުޝްމަނަކީ ޗައިނާއެވެ. އަނެއް ދުޝްމަނަކީ މުސްލިމުންނެވެ. ޗައިނާއާއި އިންޑިޔާ 1962ގައި ހަނގުރާމަ ކުރިއެވެ. އެ ހަނގުރާމައިގައި އިންޑިޔާއަށް ކާމިޔާބު ލިބޭ ގޮތެއް ނުވެއެވެ. އެއީ ރާއްޖޭގެ މައްސަލައެއް ހެއްޔެވެ؟ ޗައިނާއަތުން ކާމިޔާބު ނުލިބުނީ ކީއްވެތޯ ބަލައި، އެކަންކަން އިސްލާހުކޮށް ޗައިނާއާ އަލުން ހަނގުރާމަ ކުރަން ބޭނުން ނަމަ އެކަން ކުރީމާ ނިމުނީ ނޫން ހެއްޔެވެ؟ އެކަމާ ރާއްޖެ ބައްސަން ޖެހޭ ހެއްޔެވެ؟

ދެން އޮތީ އިންޑިޔާގެ މިވަގުތު އޮތް ސަރުކާރުގެ އަނެއް ދުޝްމަނުން ކަމުގައިވާ މުސްލިމުންގެ ވާހަކައެވެ. އިންޑިޔާގެ ސަރުކާރުގެ މިނިސްޓަރަކު ދެކޭ ގޮތުގައި މުސްލިމުންގެ ދުވަސް ދުއްވާލަން ޖެހެއެވެ. އޭނާ ދެކޭ ގޮތުގައި މުސްލިމުންނަކީ ހިންދީ ހަރުކަށި ފިކުރުގެ މީހުންނަށް ވުރެ ދަށު ދަރަޖައިގެ ބައެކެވެ. އެހެންވީމާ މުސްލިމުންނަށް ހިންދީންނަށް ލިބެންޖެހޭ އިންސާނީ ހައްގުތައްވެސް ލިބިފައި އޮތުމަކީ ރަނގަޅު ކަމެއް ނޫނެވެ. މިވާހަކަ ގަބޫލުކުރަން ދަތި ނަމަ، އެ މިނިސްޓަރުގެ އަނގައިން މިވާހަކަ ނިކުންނަ އަޑު ލިބޭ ވީޑިޔޯ ފީތާ އެބަ ހުއްޓެވެ. ބަލާލާށެވެ! ތިރީގައި ލިންކު ދެވިފައިވާނެއެވެ.

ދެން، ދިވެހި މިނިސްޓަރު އެ ބުނަނީ އިންޑިޔާގެ ދުޝްމިނުން ކަމުގައިވާ ޗައިނާއާއި މުސްލިމުންގެ ބާރު ރާއްޖޭގައި ގަދަވާ ވާހަކަ ހެއްޔެވެ؟ ދިވެހިންގެ ބޮޑު އަޣުލަބިއްޔަތަކީ މުސްލިމުންނެވެ. މަދުވެގެން ސަތޭކައަކުން ނުވަދިހަ ފަސް ޕަސެންޓު ދިވެހިންނަކީ މުސްލިމުންނޭ ބުނެވިދާނެއެވެ. ރާއްޖޭގައި ރާއްޖޭގެ މުސްލިމުންގެ ބާރުގަދަވެދާނެތީ އިންޑިޔާއިން ކަންބޮޑުވާތީ ދިވެހި މިނިސްޓަރު އެކަމާކަން ބޮޑުވެ އިންޑިޔާއަށް އެހީވެދޭން ބޭނުން ވަނީ ހެއްޔެވެ؟ ދިވެހި މިނިސްޓަރަށް މުސާރަ ދެނީ ވެސް އިންޑިޔާއިން ހެއްޔެވެ؟ ދިވެހި މިނިސްޓަރު ތަމްސީލުކުރަނީ އިންޑިޔާގެ މަސްލަހަތު ހެއްޔެވެ؟ އެހެން ކަމަށްވާ ނަމަ، ދިވެހި މިނިސްޓަރަކީ ވެސް އަނެއްކާ އިންޑިޔާގެ އިތުރު އޭޖެންޓެއް ހެއްޔެވެ؟ މިފަދަ ބަޔަކާ ރާއްޖޭގެ ވެރިކަން ހަވާލުކުރާނީ ކޮންފަދަ ޒިންމާދާރު ކުޑަ ރައްޔިތެއް ހެއްޔެވެ؟ ގަހުގައި ތިމާއިންނަ ގޮފި ގަނޑު ތިމާ އަތުން ކަނޑާލެވޭ އިރު އެކަމުގެ އިހުސާސެއް ވެސް ނުވާނީ ހާދަހާވާ ހޭލުންތެރިކަން ކުޑަ ރައްޔިތެކެވެ! އަހަރުމެންގެ ތެރެއަށް މިފާޅުވި ލައުނަތެއް ކަހަލަ ޕާޓީތަކުގެ ޑިމޮކުރަސީއާ ފޭއަށް ޖެހި، ގަބަލިއްޔަތުގެ ފިކުރުން އެއްފަރާތްވެ، ގައުމާ މެދު ވިސްނާލާކަށް ހަމަ ނުވޭ ހެއްޔެވެ؟

މިނިސްޓަރު ބުނެފައި އޮތް ޖުމްލައިގައި އޮތް އަދި އެހެން އިބާރާތެކެވެ. އާދެ، “އިންޑިޔާއިން އެހީ ވަނީ އެ ބޭފުޅުންގެ ދުޝްމަނުން މިތާ ބާރުގަދަ ވިޔަ ނުދޭން،” މިޖުމްލައިގައި އޮތް ‘ބާރުގަދަ’ ކުރުމުގެ އިބާރާތެވެ. ޗައިނާއިން އިންޑިޔާ ކަނޑުގެ ސަރަހައްދުގައި ބާރުގަދަ ކުރަނީ ކިހިނެއް ހެއްޔެވެ؟ އިންޑިޔާގެ ކަނޑުގައި އަސްކަރީ މަރުކަޒުތަކެއް އަޅަނީ ހެއްޔެވެ؟ ނޫނީ އިންޑިޔާގެ ސަރަހައްދުގައި ހިމެނޭ ގައުމުތަކުގައި ޗައިނާގެ އަސްކަރީ މަރުކަޒުތަކެއް ހަދަނީ ހެއްޔެވެ؟ މިކަން ކުރާ ތަނެއް ނުފެނެއެވެ. ނަމަވެސް، އެއްވެސް ޝައްކެއް ނެތް ގޮތުގައި، ޗައިނާއިން އެމީހުންގެ ވިޔަފާރީގެ ނުފޫޒު ފެތުރުމުގެ މަސައްކަތްތައް ކުރެއެވެ. ރާއްޖޭގައި އަޅާ އަސްކަރީ މަރުކަޒުތަކުން މިކަން ހުއްޓުވިދާނެ ހެއްޔެވެ؟ ޗައިނާއާ ވިޔަފާރީގެ ގޮތުން ވާދަކުރަން އިންޑިޔާއިން ބޭނުން ކަމަށް ވަންޏާ އެކަން ކުރީމަ ނިމުނީ ނޫން ހެއްޔެވެ؟ އިންޑިޔާގެ ފައިސާ ބޭނުންކޮށްގެން އިގުތިސާދީ ހަރަކާތްތައް ހިންގައި ޗައިނާއާ ވާދަކޮށް، އިގުތިސާދީ ގޮތުން ޗައިނާ ބަލިކުރީމާ ނިމުނީ ނޫން ހެއްޔެވެ؟ ރާއްޖޭގައި އެތަން މިތާގައި އަސްކަރީ މަރުކަޒުތައް އެޅުމުން، އެކަމުން ޗައިނާގެ އިގުތިސާދަށް އަންނާނީ ކިހާ ވަރެއްގެ ހީނަރު ކަމެއް ހެއްޔެވެ؟ ޗައިނާގެ ވިޔަފާރީގެ ބާޒާރުގައި ރާއްޖެ ކަހަލަ ތަނެއް ހިމެނޭ ނިސްބަތަކީ ކޮބާ ހެއްޔެވެ؟ ރާއްޖޭގެ މިއަދުގެ ސަރުކާރުގައި ތިބި އިންޑިޔާގެ އޭޖެންޓުން މެދުވެރިކޮށް، ރާއްޖެއާ ޗައިނާއާ އޮތް ނަމަ އޮތް ގުޅުމެއް ކަނޑުވާލެވިދާނެއެވެ. ނަމަވެސް، އެކަމުން ޗައިނާއަށް ގެއްލުން ލިބުމަށް ވުރެ، ގެއްލުން ބޮޑުވާނީ ރާއްޖެއަށެވެ. އެންމެ ކުޑަ ގޮތެއްގައި މިކަން ހިތަށް ގެނައުމަށްޓަކައި ޗައިނާގެ މުއްސަނދިކަމާއި ދިވެހިރާއްޖޭއަށް އޮތުމުގެ އެކަށޭނަކަން އޮތް ޗައިނާގެ ޓުއަރިސްޓު ބާޒާރަށް ނަޒަރު ހިންގާލާށެވެ. ޗައިނާގެ ޓުއަރިސްޓުން ރާއްޖެ އައުން މަނާކުރެވިދާނެއެވެ. އަދި، ޚުދް ޗައިނާއިން ވެސް އެކަން މަނާކޮށްފާނެއެވެ. ނަމަވެސް އެކަމުގެ ގެއްލުންވާނީ ޗައިނާއަށް ހެއްޔެވެ؟ ނޫނީ ރާއްޖޭގެ އާންމު ރައްޔިތުންނަށް ހެއްޔެވެ؟ އަމިއްލައަށް ވިސްނާލާށެވެ! ރާއްޖޭގައި އިންޑިޔާގެ އަސްކަރީ މަރުކަޒުތައް ހަދައިގެން ޗައިނާގެ ވިޔަފާރި ކުރުން ހުއްޓުވާލައި، ޗައިނާގެ އިގުތިސާދު ބަލިކަށިކޮށް، ޗައިނާއަށް ދެވޭނީ ކިހާވަރެއްގެ ގެއްލުމެއް ހެއްޔެވެ؟

ދެން އޮތް ސުއާލަކީ ރާއްޖޭގައި އިންޑިޔާގެ އަސްކަރީ މަރުކަޒުތައް އެޅުމުގެ ހަގީގީ ބޭނުމަކީ ކޮބާ ހެއްޔެވެ؟ މި ސުއާލުގެ ޖަވާބު ހޯދަން، އިންޑިޔާގެ އުތުރާއި އުތުރު ދެކުނުގައި އޮތް އިންޑިޔާގެ އަވަށްޓެރި ގައުމުތަކާ މެދު އިންޑިޔާއިން ކަންތައް ކުރި ގޮތުގެ މައްޗަށް ބަލާލާށެވެ. ޚާއްސަ ގޮތެއްގައި ސިއްކިމްއާއި ބޫޓާނެވެ. ސިއްކިމް އަކީ އެއް އިރެއްގައި ހިމާލިޔާގެ މިނިވަން މަމްލަކާއެކެވެ. ޚުދް އިންޑިޔާގެ އެންމެ ފުރަތަމަ ބޮޑުވަޒީރު ނެހެރޫ މިކަން ފާހަގަކޮށްފައި ވެއެވެ. އިންޑިޔާގެ މިނިވަންކަން ހޯދުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި އިނގިރޭސީންނާ މަޝްވަރާކުރަމުން ދިޔައިރުއެވެ. ނަމަވެސް، ރާއްޖޭގެ ސަރުކާރުގެ އިސް ސަފުގައި އަދު ތިބި އިންޑިޔާގެ މަސްލަހަތު ދިފާއުކުރަން ތިބި ކަހަލަ އިންޑިޔާގެ އޭޖެންޓުންތަކެއް ސިއްކިމްގައި އުފެދި، އެ އޭޖެންޓުންގެ އެހީގައި އިންޑިޔާގެ އަސްކަރީން ސިއްކިމުގައި ބާރުވެރިވެ، އާޚިރު ނަތީޖާއަކަށްވީ ސިއްކިމުގެ މިނިވަންކަން ގެއްލި އިންޑިޔާގެ ބަޔަކަށް ސިއްކިމު ވުމެވެ. ބޫޓާނުވެސް މި އަދު އޮތީ އެކަހަލަ ގޮތަކަށެވެ. ބޫޓާނުގެ އަމިއްލަ މިނިވަންކަމެއް އޮތެކޭ ނުބުނެވޭނެއެވެ. ބޫޓާނުގެ އަސްކަރީ ދާއިރާގައްޔާއި ޚާރިޖީ ދާއިރާގައްޔާއި ވިޔަފާރީގެ ދާއިރާގައި އޮތީ އިންޑިޔާގެ ވަކިތައް ހިއްޕާލައި ސަލާމަތް ނުވެވޭ ދަރަޖައަށް ގޮއްސައެވެ. ނޭޕާލު މަސައްކަތްކުރަމުން ގެންދަނީ އިންޑިޔާގެ ނުފޫޒުން މިނިވަން ވެވޭތޯއެވެ.

އިންޑިޔާގެ އަވަށްޓެރި މި ނަންގަތް ގައުމުތަކަށް ބަލާލުމުން އިންޑިޔާއިން ރާއްޖެއާ މެދު ކަންތައް ކުރަން ބޭނުންވާ ގޮތް އެނގެއެވެ. އެއްގޮތަކީ ސިއްކިމް ފަދައިން އިންޑިޔާގެ ތަނަކަށް ރާއްޖެ ހަދާލުމެވެ. ނޫން ނަމަ، ރާއްޖެއިން ބައެއް، އުތުރުން ވިޔަސް ނޫނީ ދެކުނުން ވިޔަސް، އަތުލުމެވެ. މަލިކުވެސް ދިޔަ ފަދައިން އެކަމަކީ ނުވާނޭ ކަމެކޭ ބުނެވޭކަށް ނެތެވެ. މިސާލަކަށް އިންޑިޔާގެ އަސްކަރީން ރާއްޖޭގައި ގާއިމުވެ، އިންޑިޔާގެ ބޭނުމަށް އެމީހުން ބޭނުންވާ ބައެއް ރާއްޖެ ގެނެސް، ދެން ފަހުން، ދިވެހިން ކަންބޮޑުވެގެން އުޅުމުން ތަން ހިފުމުގެ ބާރު އޭރު އިންޑިޔާ އަތުގައި އޮންނާނެއެވެ. ފަލަސްތީނުގެ ހުޅަނގު އައްސޭރިޔާ އަދި ސީރިޔާގެ ގޯލާން ހައިޓްސް ވެސް އެއީ މިފަދައިން ކަންތައް ވެދާނޭ ކަމުގެ ދިރި ހުރި މިސާލުތަކެވެ. ރާއްޖެ އެއްކޮށް އިންޑިޔާގެ ބައެއްގެ ގޮތުގައި އަދި ހަދާ ނުލެވުނަސް، ނޫނީ ރާއްޖެއިން ބައެއް އަދި އަތުލައި ނުގަނެވުނަސް، ރާއްޖޭގެ އެތަން މިތަނުގައި ދާއިމީ ސިފައެއްގައި ރާއްޖޭން ޚަރަދުކޮށްގެން އިންޑިޔާގެ އަސްކަރީން ތިބެވޭ ގޮތް ހެދުމުން، މި ލަނޑުދަނޑިއާ ހަމައަށް ވާސިލުވުމަށްޓަކައި ފިޔަވަޅުތައް އެޅެމުން ކުރިއަށް ދާނެއެވެ. ވޯޓު ގަނެގެން ނަމަވެސް، ނުވަތަ ވޯޓުގެ މަކަރު ހަދައިގެން ނަމަވެސް، އިންޑިޔާގެ އެންމެ ބޮޑު ބޭނުމަކަށް ވާނީ އިންޑިޔާގެ އޭޖެންޓުންގެ ސަރުކާރެއް ރާއްޖޭގައި އަބަދުމެ އޮތުމެވެ. 1957ގައި ލުބްނާނުގައި އެމެރިކާއިން ވެސް ވޯޓު ގަނެ، އެމެރިކާ ބޭނުންވާ ސަރުކާރެއް ގެނައުމުގެ މަސައްކަތް ކުރިފަދައިންނެވެ. އިންޑިޔާގެ އެންމެ ފަހުގެ ލަނޑުދަނޑި ހާސިލުވަންދެންނެވެ!

އާދެ، ދެން، މަންޑޭލާ ވިދާޅުވި ވާހަކައާއި އަޅުގަނޑުމެންގެ މިނިސްޓަރު، އިންޑިޔާގެ އޭޖެންޓު މިނިސްޓަރުގެ ވާހަކައާ އަޅާ ކިޔާލަމާ ހެއްޔެވެ؟ މަންޑޭލާ ވިދާޅުވީ އޭނާއަކީ މިނިވަނެއްކަމާއި އޭނާގެ ގައުމަކީ ވެސް މިނިވަން ގައުމެއް ކަމެވެ! އެހެންވެ، އެމެރިކާގެ ދުޝްމަނުންނަކީ ދެކުނު އެފްރިކާގެ ދުޝްމަނުންނަށް ވާކަށް ނުޖެހޭ ކަމެވެ. މިވާހަކަ މަންޑޭލާ ވިދާޅުވީ އެމެރިކާގެ ނިޔުޔޯކުގައި އެތައް ބައެއްގެ ކުރިމަތީގައެވެ! އެމެރިކާ ބޭނުމިއްޔާ ސައުތު އެފްރިކާ ހިފާފާނެޔޭ ވިދާޅުވެ، އެމެރިކާގެ ދުޝްމަނުން ދެކުނު އެފްރިކާގެ ދުޝްމަނުންނަށް ވާންޖެހޭނެއެކޭ އޭނާ ވިދާޅެއް ނުވެއެވެ! އޭނާއަކީ މިނިވަނެއްކަން އަންގައިދޭ ވަރަށް ވެސް ބޮޑު ހެއްކެކެވެ! އާދެ، އޭނާ ވާހަކަ އެ ދެއްކެވީ މިނިވަނުން ވާހަކަ ދައްކާ ފަދައިންނެވެ!

ދެން އަޅުގަނޑުމެންގެ މިނިސްޓަރުގެ ވާހަކައަށް ބަލާލާށެވެ! “އިންޑިޔާއިން އެހީ ވަނީ އެ ބޭފުޅުންގެ ދުޝްމަނުން މިތާ ބާރުގަދަ ވިޔަ ނުދޭން”، މިވާހަކައަށެވެ! މިއީ މިނިވަނެއްގެ ވާހަކައެއް ހެން ހީވޭ ހެއްޔެވެ؟ ނޫނެކެވެ. އަޅުނޑުމެންގެ އޭޖެންޓު މިނިސްޓަރު ބުނަނީ ޗައިނާއާއި މުސްލިމުންނަކީ އިންޑިޔާގެ ދުޝްމަނުންނަވާތީ އަޅުގަނޑުމެން ވެސް ވާންޖެހޭނީ ޗައިނާގެ ދުޝްމަނުންނަށެވެ. އަދި، މުސްލިމުންގެ ވެސް ދުޝްމަނުންނަށެވެ!؟ މިއީ ވަރަށް ވެސް ބޮޑު ފިނޑިއެއްގެ ވާހަކައެކެވެ. ބުނަން ބޭނުންވި ވާހަކަ ކެރިގެން ސާފުކޮށް ބުނަންވެސް ނުކެރުނެވެ. ނުވަތަ ބުނާކަށް ނޭނގުނެވެ. ހުރިހާ ކަމެއް ފޫޅު ކަނޑާފާ އޮތީ އެބޭފުޅުންނަށެވެ! ތިމަންމެން އެކަމުގެ މަގު ފަހިކޮށްދެމުން ދާއިރު، އަދި، މިކަމަކީ މާކުރިއް ސުރެން، އާދެ، ދެހާހުގެ ފުރަތަމަ ދިހައިގެ ކުރީކޮޅުއް ސުރެން ފެށިގެން ރޭވިގެން، ތިމަންމެން އިންޑިޔާގެ އޭޖެންޓުންނަށް ވެގެން، ތިމާމެންގެ ގައުމުގެ މިނިވަންކަމާ މެދު ކުޑަކޮށްވެސް ވިސްނާ ނުލައި، އެއްވެސް އަޅާލުމެއް ނެތި ކީރިތި ގުރުއާނުގައި ވެސް އިޝާރަތްކޮށްފައިވާ ފަދައިން، މުސްލިމުންނާ މިވަގުތު އެންމެ ބޮޑަށް އަދާވާތްތެރިވާ ބަޔަކަށް ތިމާމެންގެ މުސްލިމު ގައުމު ކުޑަކުޑަ އަގަކަށް ވިއްކާލާ މަދު ބައެއް ތަމްސީލުކުރާ މީހެއްގެ ހުންނާނީ ކޮން ހިއްވަރެއް ހެއްޔެވެ؟ ކޮން ކެރުމެއް ހެއްޔެވެ؟ ޚިޔާނަތްތެރިންނާއި ޣައްދާރުންނަކީ އެއް އިރެއްގައި ވެސް ހިއްވަރެއް، އަޚުލާގީ މާތް ސިފަތަކެއް ލިބިފައިވާ ބައެއް ނޫނެވެ. އެމީހުންނަކީ އަބަދުވެސް، އެމީހުންގެ އަމިއްލަ ނަފްސުގެ އެދުންތަކަށް އަޅުވެތިވެފައިވާ ދައްޔޫސީ ޕިމްޕީ އަޅުންނެވެ. އެހެންވެ، އެފަދަ މީހެއްގެ އަނގައިން ނިކުމެފައި އެ އެއޮތީ އެފަދަ އަޅުވެތި ދައްޔޫސީ ޕިމްޕީ އޭޖެންޓުންގެ އަނގައިން ނިކުންނާނޭ ފަދަ އަޅުވެތި މުޑުދާރު ބަހެކެވެ.

https://edition.cnn.com/2020/11/24/asia/maldives-india-china-bridges-intl-hnk/index.html
https://youtu.be/g7m_pjqxoTI
https://asiatimes.com/2020/10/india-risks-losing-its-military-hold-on-maldives/
https://www.arabnews.com/news/472086
https://thediplomat.com/2019/07/is-india-losing-its-grip-on-bhutan/
https://www.hindustantimes.com/india/40-years-on-sikkim-still-a-divided-house-over-merger-with-india/story-m82o8SBmqAPfTqHEI1r1dK.html
https://www.hindustantimes.com/opinion/how-india-steadily-lost-all-its-leverage-in-nepal/story-eyZcX3OOVJRVqJvP7EXH0O.html
https://dhiyares.com/9111
https://adhives.mv/4475/?fbclid=IwAR2O7GsmbGBHJwSIY5oxIxua76N8qrvd0Kkrpn9ndYnlaPuvhDwcM-6FD2c
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ