ދިވެހީން ނޫނަސް ބޭރު ގައުމުތަކުގައިވެސް އެންމެ އާއްމު ބުއިމަކީ ކޮފީއެވެ. ކޮފީގެ ތަފާތު ގިނަ ވައްތަރުތައް ހުރެއެވެ. އެކި މަރުކާގެ، އެކި ރަހަތަކުގެ ކޮފީއެވެ. ކަޅު ކޮފީއާއި ކިރު ކޮފީ އެވެ. އެސްޕްރެސޯ އާއި ކަޕަޗީނޯއާއި، ކެފޭ ލާޓޭ އާއި ކެފޭ މޯކާއެވެ. ހައްތަހާވެސް ދިވެހީންގެ މެދުގައިވެސް މަޤުބޫލު ބުއިންތަކެވެ. އެކުވެރިންނާއި އެކު ވަގުތު ހޭދަކޮށްލަން ކެފޭ އަކަށް ވަނަސް ބޮނީ ކޮފީއެވެ. ހިތިރަހަލުމަކުން ފަރުވާލެއް ނެތެވެ. އާއިލާތައް އެއްތަނަކުން ބައްދަލުވާއިރުވެސް ކޮފީ އަކީ ކޮންމެހެން ހުންނަން ޖެހޭ ޒަރޫރަތަކަށް މިވަނީ ވެފައެވެ. އެހެން ކަމުން ކޮފީގެ މާޒީގެ ތެރެއަށް ފީނާލަމާ ބަހީއެވެ. ކިޔުންތެރިންނަށް ކޮފީގެ ތާރީޚާއި ބެހޭ ކުޑަ ނަމަވެސް މަޢުލޫމާތުކޮޅެއް ފޯރުކޮށްދިނުމުގެ އުއްމީދުގައެވެ.
ކޮފީ މި ބަސް އަސްލު ފެށިގެން އަންނަނީ އަރަބި ބަހުންނެވެ. އަރަބި ބަހުން އެ ޒަމާނުގައި ބޭނުންކުރަމުން އައި “ގަހުވަ” (މިއީ އެ ޒަމާނުގައި އަރަބިންގެ ތެރޭގައި ބާއްވާ ބޮޑެތި މަހެފިލްތަކާއި ޖާފަތްތަކުގައި ބޭނުންކުރާ ބުއިމެކެވެ.) މި ބަސް، އުސްމާނީ ޚިލާފަތުގައި ތުރުކީން ގެ ބަހަށް ނަކަލު ކުރިއެވެ. އޭގެ ފަހުން ތުރުކީ ބަހުން، ޑަޗް (ނެދަރލޭންޑްސް) ގެ ބަހަށް ފިރުކާލެވި، 1582 ވަނަ އަހަރު އިނގިރޭސި ބަހަށް “ކޮފީ” ގެ ގޮތުގައި މި ބަސް ތައާރަފު ވެގެން އައެވެ.
މިހާތަނަށް ހޯދި ހޯދުންތަކުން އެންމެ ފުރަތަމަ ކޮފީ ފެނިފައިވާ ގައުމާއި، ހޯދި މީހާއަކީ ކޮބައިކަން ސައްޙަ ގޮތަކުން ދެނެގަނެވިފައެއް ނުވެއެވެ. ބުނެވޭ ގޮތުގައި ކޮފީ ގަސް ފެނިފައިވަނީ، 9 ވަނަ ގަރުނުގައި އިތިއޯޕިއާގެ ޖަންގަލީގެ ތެރެއިން، ގެރި ބަލަހައްޓަން އުޅުނު ކަލްޑީ ކިޔާމީހަކަށެވެ. އެއް ދުވަހަކު މީނާގެ ގެރިތަކަށް ކޮފީ ގަހުގެ އޮށް ކާންދިނެވެ. އެއާއިއެކު، އެރޭ މި ގެރިތަކުގެ ކިބައިން އާދަޔާ ޚިލާފު ބުންވަރަކާއި، ހަކަތައެއް ފެނުނެވެ. ގެރިތައް ނަށައި، ފުމެ އުޅެން ފެށިއެވެ. އަދި ރޭގަނޑު ގެރިތައް ނިދަން ބޭނުން ނުވާކަން ކަލްޑީ އަށް ފާހަގަކުރެވުނެވެ. ކަލްޑީ މިކަންތަކާއި އަޖާއިބުވެ އެ ޝަހަރުގެ އިސްފާދިރީއަށް މި ޚަބަރު ދިނެވެ. މި ފާދިރީ ކަލޭގެ މި ގަހުގެ އޮށްތަކެއް ގެނެސް އެއިން ބުއިމެއް ތައްޔާރުކޮށް، އަޖުމަ ބެލުމަށްފަހު، މި ބުއިމަކީ ހަކަތަ އިތުރުކޮށްދޭ، މީހާގެ ސަމާލުކަން ކުރާ މަސައްކަތްތަކުގައި ގިނަ ވަގުތު ހިފަހައްޓައި ދިނުމަށް އެހީތެރިވެދޭ ބުއިމެއްކަން، އެ ޝަހަރުގައި ދެން ތިބި ފާދިރީންނަށް ބުނެދިނެވެ. މިއާއި އެކު ކޮފީގެ ވާހަކަ ދުނިޔޭގައި ފެތުރޭންފެށިއެވެ.
ތާރީޚު ދިރާސާ ކުރާ މީހުން ބުނާ އެހެން ބުނުމެއްވެސް އެބަ އޮތެވެ. އެންމެ ފުރަތަމަ ކޮފީ އޮށުން ބުއިމެއް ތައްޔާރު ކޮށްގެން ބޭނުން ކުރީ މޮރޮކޯގެ ސޫފީ އިމާމެއް ކަމަށްވާ އަބުލް ޙަސަން އަލްޝާދިލީ އޭ ބުނާ ބުނުމެވެ. މި ވާހަކަވެސް ގޮސް ގުޅެނީ އިތިއޯޕިއާ އަށެވެ. ޢަބުލް ޙަސަން އިތިއޯޕިއާއަށް ކުރި ދަތުރެއްގައި، ދޫނި ތަކެއްގެ ކިބައިން އާދަޔާ ޚިލާފަށް، ހެލިފެލިވެ، އިތުރު ހަކަތައަކާއި އެކު އުޅޭ މަންޒަރު ފެނުނެވެ. މި ކަންތައް ހޯދައި ބެލިއިރު މިއީ ކޮފީ ގަހުގެ އޮށް މި ދޫނި ތައް ކެއުމުން ވާގޮތެއްކަމުގައި އެނގުނެވެ. އެހެންކަމުން އެ އޮށުން ބުއިން ތައްޔާރު ކުރުމަށްފަހު އެ ބުއިމުން ހަށިގަނޑަށް ތާޒާކަން ގެނުވާ، ހަކަތަ އިތުރުކޮށް، ކަންނެތްކަން ފިލުވާލާކަމުގެ އިހްސާސް އަބުލް ޙަސަނަށް ކުރެވުނުވެ. އަދިވެސް އިތުރުގޮތްތައް ތާރީޚުގައި ލިޔެވިފައި އެބަހުއްޓެވެ.
ކޮފީ ހޯދައި ދުނިޔެއަށް ތަޢާރަފު ކުރީ ސީދާ ކާކުކަން ނޭގުނުކަމުގައިވިޔަސް، ތާރީޚު ދިރާސާ ކުރާ ބޭކަލުން ދިރާސާކޮށް ބުނާ ބުނުންތަކަށް ބަލައި، ކޮފީ ގަހުގެ އަސްލު ފެށިގެން އަންނަނީ އިތިއޯޕިއާއިން ކަމަށް ބެލެވެން އެބައޮތެވެ. މަތީގައި ބަޔާން ކުރެވުނު ދެ ގޮތަށް ބަލާއިރުވެސް މި ގަސް ފެނުނުކަމަށް ބުނަނީ އިތިއޯޕިއާއިންނެވެ. އޭގެ ފަހުގައި 15 ވަނަ ގަރުނުގެ ތެރޭގައި އަރަބިކަރައަށް މިގަސް ގެނެވުނެވެ. އެންމެ ފުރަތަމަ މި ގަސް ހައްދައި، ބާޒާރަށް ނެރެ ވިޔަފާރީގެ ގޮތުން ނަފާ ލިބޭ ގޮތަށް މި މަސައްކަތް ކޮށްފައިވަނީ ޔަމަނުންނެވެ. އޭގެ ފަހުން ތުރުކީންނާއި، ފާރިސީން (އީރާން) އަދި މިސްރުން މި ވިޔަފާރީގެ ތެރެއަށް ވަދެގަތެވެ.
ތާރީޚުގެ ތެރެއިން ފެންނާން ހުރި އެކި ލިޔުންތަކަށް ބަލައި ހެދުމުން، ކޮފީ މަޝްހޫރުވެ އާއްމު ބުއިމެއްގެ ގޮތުގައި އެންމެ ފުރަތަމަ ބޭނުންކުރެވެން ފެށީ އަރަބި ކަރައިގައެވެ. ކޮފީ ވިއްކާ ދުއްކާނުތަކާއި، ބޮޑެތީން ސައްލާކުރަން ވަންނަ ބާޒާރުމަތީ ކެފޭތައް އަރަބީންގެ ތެރޭގައި ހުޅުވިގެން ދިއައެވެ. އަދި މިތަންތަނަކީ ހަމައެކަނި ކޮފީއެއް ބޯލަން ވަންނަ ތަންތަނުގެ ބަދަލުގައި، މުނިފޫހި ފިލުވުމާއި، މިއުޒިކު އަޑުއެހުމާއި، ތަފާތު ވައްތަރުގެ ކުޅިވަރު ކުޅުމާއި، މަޝްވަރާގެ ބައްދަލުވުންތައް ބާއްވާ ތަންތަން ކަމުގައި ވެގެންދިޔައެވެ.
ޔޫރަޕާއި އެމެރިކާގެ ބައްރަށް ކޮފީ ތައާރަފުވެގެން ދިއައީ 16 ވަނަ ގަރުނާއި 17 ވަނަ ގަރުރުނުގެ ތެރޭގައެވެ. ފުރަތަމަ ދުވަސްވަރު ޔޫރަޕުގެ ބައެއް ރައްވެހީން ސިފަކުރި ގޮތުގައި ކޮފީ އަކީ “ޝައިތާނާގެ ފުށުން އުފެދިގެން އައި ހިތި ބުއިމެއް” ކަމަށެވެ. މި ބުއިމާއި މެދު އެވެރީންގެ ހިތުގައި އޭރު އޮތް ނާމާންކަމާއި ބިރުވެރިކަމަކުންނެވެ. އެހެނަސް ދުވަސްތައް ފާއިތުވެ، މީސްތަކުންގެ އުޅުމަށް އައި ބަދަލާއިއެކު، ކުރީން ސައިގަޑި ތަކުގައި ބޭނުންކުރަމުން ދިއަ ބުއިންތަކުގެ ބަދަލުގައި ކޮފީ ބޭނުންކުރަން ފެށިއެވެ. އަދި ކޮފީ ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑުގެ ހުންނަ ކަންނެތްކަން ފިލުވާލާ، މުޅި ދުވަހުގެ މަސައްކަތުގެ ފެންވަރުވެސް ރަނގަޅުވެ، ސަމާލުގައި ހުރުމަށް ބާރުއަޅައިދޭ ކަމަށް، ކޮފީ ބޭނުންކުރާ މީހުން ބުނަންފެށިއެވެ.
މިޒަމާނުގެ ގޮތަށް އެންމެ ފުރަތަމަ އެސްޕްރެސޯ ކޮފީ ލިބޭގޮތަށް ކޮފީ ހައުސްއެއް ހުޅުވުނީ 1947 ވަނަ އަހަރު އިޓަލީގެ މިލާނު ގައެވެ. ގާޖާ (GAGGIA) ކޮމްޕެނީ މި މަރުކާގެ އެސްޕްރެސޯ ކޮފީ މެޝިން ބާޒާރަށް ނެރެ ކޮފީ ބުއިމުގެ ވައްޓަފާޅިއަށް އިންޤިލާބެއް ގެނުވައި، އެސްޕްރެސޯ ކޮފީ ވައިގަ ހިއްޕުވާލިއެވެ. މިއާއިއެކު މި ޒަމާނުގެ އަޅުގަނޑުމެންނަށް ފަރިތަ ކޮފީ ނަންތައް ވުޖޫދަށް އަންނާން ފެށިއެވެ. ދުނިޔެއަށް މަޝްހޫރު ލަވާޒާ، އިލީ، ބަރިސްތާ، ސެގަފްރެޑޯ، ނެސްކެފޭ، ނެސްޕްރެސޯ ފަދަ ބައިނަލްއަޤުވާމީ މަރުކާތަކުގެ ކޮފީ ބާޒާރަށް ނުކުތީ އޭގެ ފަހުންނެވެ.
މަސްދަރު
https://www.thespruceeats.com/evolution-of-the-coffee-house-765825
https://www.ncausa.org/about-coffee/history-of-coffee
https://www.britannica.com/topic/coffee