ސަރުކާރުން ލަފާކުރި އަދަދަށް އާމްދަނީ އާއި ހިލޭ އެހީ ނުލިބޭ – އަޒާން 

ޚަބަރު ފަހުގެ

ސަރުކާރުން ލަފާކުރި އަދަދަށް އާމްދަނީ އާއި ހިލޭ އެހީ ލިބިފައި ނުވާ ކަމަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ މި އަހަރުގެ ބަޖެޓް ކޭޝްފްލޯ ޕްލޭނުގައިވާ ގޮތުން ފެބްރުއަރީ މަހާ ހަމައަށް 9.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާ ކަމަށެވެ. ނަމަވެސް، ޙަޤީޤަތުގައި ލިބިފައިވަނީ 5.5 ބިލިއަން ރުފިޔާ ކަމަށާއި މިއީ 3.6 ބިލިއަން ރުފިޔާގެ ދަށް އަދަދެއް ކަމަށް އަޒާން ވިދާޅުވި އެވެ.

އަދި ހިލޭ އެހީގެ ގޮތުގައި 408 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް ލިބިފައިވަނީ 40 މިލިއަން ރުފިޔާ ކަމަށާއި ބޭރުގެ ލޯނުގެ ގޮތުގައި 664 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު ލިބިފައިވަނީ 0.3 މިލިއަން ރުފިޔާ ކަމަށްވެސް ވިދާޅުވި އެވެ.

އަޒާން ވަނީ މި އަހަރުގެ ބަޖެޓުގައި ހުށަހަޅާފައިވާ ގޮތަށް އަދި އައިއެމްއެފްއިން ލަފާދީފައިވާ ގޮތަށް، އިސްލާޙީ ޕްރޮގްރާމްތައް ވަގުތުން ވަގުތަށް ތަންފީޒުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މީގެކުރިން އަޒާން ހިމެނުނު ނަމަވެސް، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ދާދިފަހުން ވަނީ އޭނާ އެ ކޮމިޓީން ވަކިކޮށްފަ އެވެ. އަޒާން ވަނީ ކޮމިޓީން ވަކިކުރީ ސަރުކާރު ކުންފުނިތަކުގެ ޚިޔާނާތްތައް ބަލާތީ ކަމަށް ވިދާޅުވެފަ އެވެ.

އިޝްތިހާރު
އިޝްތިހާރު
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ