އއ. ބޮޑުފޮޅުދޫގައި ޒަމާނީ މަސްކަނޑާއަށްޓެއް ހުޅުވައިފިއެވެ. އެރަށު އާރުބީޖީ ސްޕޯރޓްސް ކުލަބުން ”އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް ގެ އެހީގެ އިތުރުން ބޮޑުފޮޅުދޫ ކައުންސިލްގެ މާލީ އެހީތެރިކަމާއިއެކު ތަރައްޤީކޮށްފައިވާ ޒަމާނީ މަސްކަނޑާއަށި ހުޅުވުމަށް 31 ޖުލައި 2021 ވަނަ ދުވަހުގެ ރޭ ހާއްސަ ރަސްމިއްޔާތެއް އެރަށު ބަނދަރު ސަރަހައްދުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މި ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސް ރަސްދޫ ބްރާންޗްގެ މެނޭޖަރގެ އިތުރުން އެބްރާންޗްގެ 2 މުއައްޒިފަކުވެސް ވަނީ ބައިވެރިފައެވެ. މިރަސްމިއްޔާތުގެ ޝަރަފްވެރިމެހެމާނެއްގެ ގޮތުގައި ރަށު ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ބައިވެރިވި އިރު ކައުންސިލްގެ މެމްބަރުންނާއި، މުއައްސަސާތަކުގެ ވެރިންގެ އިތުރުން ކުލަބުޖަމިއްޔާތަކުގެ ވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
އާރު ބީ ޖީ މަސް އަށީގެ ނަމުން ނަންދީފައިވާ މި ޗާލު ޒަމާނީ މަސްކަނޑާއަށި ހުޅުވައިދެއްވީ ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް އާއި ބޭންކް އޮފް މޯލްޑިވްސް ރަސްދޫ ބްރާންޗް ގެ މެނޭޖަރއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ މިއީ މިކުލަބުގެ ފައުންޑަރ މެމްބަރުން ދެކެމުން އައި ހުވަފެނެއް ހަޤީގަތަކަށް ވެގެން ދިޔަދުވަސް ކަމަށާއި، މިކުލަބުގެ ފައުންޑަރުން އަބަދުވެސް ރަށަށް ފައިދާވާނެ އަދި ރައްޔިތުންނަށް ފަސޭހަވާނެ ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރެވޭނެ ކޮންމެވެސް ކަމެއް ކުރަން ބޭނުންވެފައި ތިއްބާ އެހުވަފެން ހަޤީގަތަކަށް ހެދިގެން ދިޔައީ ކަމަށެވެ. އަދި މި މަސްކަނޑާ އައްޓަކީ ރާއްޖޭގައި ހެދުނު މިފަދަ 2 ވަނަ އައްޓަށް ވުމަކީ އަޅުގަނޑުމެން ނަށް ލިބުނު އުފަލަކާއި ފަޚުރެއްކަމަށެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން ނަސީމް ވިދާޅުވީ މީ ޒަމާނީ ފެންވަރަށް އެތަނަކުން މަސްކެނޑުމަށް ބޭނުންވާ ހުރިހާ ވަސީލަތަކާއި އެކު ތަރައްޤީ ކުރެވިފައިވާ އެއްފަހަރާ 8 މީހުނަށް އެއްވެސް ދަތިކަމަކާއި ނުލައި މަސްކަނޑާލެވޭނެ އަދި ރޭގަނޑުގެ ވަގުތުގައިވެސް އެއްވެސް ދަތިކަމެއްނެތި ބޭނުންކުރެވޭނެ ތަނެއްކަމަށެވެ.

އަދި މަސްއަށީގެ އިތުރުން އެސަރަހައްދުގައި އެކުލަބުން ވަނީ އައުޓްޑޯރ ޝަވަރަކާއި، ކައުންސިލް ގެ އެދުމަށް ދޯނިފަހަރު ތަކަށް ފެންފޯރު ކޮށްދިނުމަށްޓަކައި އިސްކުރު ބަރިއެއްވެސް ޤާއިމް ކޮށްފައެވެ. އަދި އޭގެ އިތުރުން އެސަރަހައްދަކީ ބާބަކިއު ޖަހާލެވޭގޮތަށް ގްރިލަރ ބެހެއްޓި އިށީންނާނެ ގޮޑިވެސް ހެދިފައިވާ ހިތްފަސޭހަ ތަނެކެވެ.
އާރުބީޖީ ސްޕޯރޓްސްކުލަބުގެ ރައީސް ވިދާޅުވީ އާރުބީޖީ ސްޕޯރޓްސް ކުލަބަކީ ކުޅިވަރަށް ހާއްސަ ކުލަބެއްނަމަވެސް އަބަދުވެސް ރަށުގެ ތަރައްޤީ އާއި ކުރިއެރުމަށް ކަންތައްތަކެއް ކުރުމުގެ ވިސްނުން ހިންގާކޮމިޓިގެ މެމްބަރުންނާއި ބޯރޑް މެމްބަރުންގެ ހުންނަކަމަށާއި އެކަމުގައި އާންމު މެމްބަރުންގެ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބޭކަމަށެވެ. އަދި މިކުލަބުން ކުރާ ކޮންމެ ކަމެއްވެސް ކުރުމުގައި އެންމެ ފުރަތަމަ ހިޔާލުހޯދާ މަޝްވަރާ ކުރާފަރާތަކީ ރަށުކައުންސިލް ކަމަށާއި، އަބަދުވެސް މަސައްކަތްކުރަނީ ރަށުގެ ކުރިއެރުމަށް ހުރިހާ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުންކަމަށެވެ. އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އިން މިފަދަ ކަންކަމަށް ފޯރުކޮށްދޭ އެހީއަކީ ރަށްރަށުގެ ކުލަބުޖަމިއްޔާތަކާއި، އަމިއްލަ ފަރުދުންނަށް ކުރިއަށް ދިއުމަށް ލިބިގެންދާނެ ވަރަށްބޮޑު ހިތްވަރެއްކަމަށާއި، މިކަމަށްޓަކައި ބޭންކްގެ މެނޭޖްމަންޓް އަށާއި މުއައްޒިފުންނަށް ވަރަށްހާއްސަ ޝުކުރެއް އަދާކުރާކަމަށެވެ.

އިތުރަށް މައުލޫމާތު ހިއްސާކުރަމުން އެކުލަބުގެ ރައީސް ވިދާޅުވީ މި އަށި މިފެންވަރަށް ތަރައްޤީ ކުރުމުގައި ބޭންކް އޮފް މޯލްޑިވްސް އިން ވެދެއްވި އެހީތެރިކަމާއިއެކު ބޮޑުފޮޅުދޫ ކައުންސިލުން ވެދެއްވި މާލީ އެހީގެ އިތުރުން މިކުލަބުގެ މެމްބަރުންގެ އަމިއްލަ ޖީބުންވެސް ބޮޑުއެއްޗެއް ހަރަދު ކޮށްފައިވާކަމަށެވެ. އެގޮތުން ގާތްގަޑަކަށް މި ޕްރޮޖެކްޓްއަށް 120،000 ރުފިޔާ ހަރަދު ކުރެވިފައިވާކަމަށެވެ. ކުރިއަށް އޮތްތާނގައި ރަށަށް ކުރިއެރުންލިބި ރަށަށް ފައިދާ ވާނެފަދަ އިތުރު ޕްރޮޖެކްޓްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމުގައި ވިދާޅުވިއެވެ.



