އީރާނާއެކު ސުލްހައިގެ އެއްބަސްވުމެއް ހެދުމަށް މަސައްކަތް ކުރުމަށް އެމެރިކާ ތައްޔާރަށް އޮތްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް މިކަން ހާމަކޮށްފައިވަނީ އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި މިއަދު ޕޯސްޓްކުރި މެސެޖެއްގައެވެ.
ޓްރަމްޕް ބުނެފައިވަނީ، ސުލްހައިގެ އެއްބަސްވުމަކަށް މަސައްކަތް ކުރުމަށް އެމެރިކާވަނީ ހުޅުވާލެވިފައި ކަމަށާއި، އެމެރިކާއާއެކު ވީހާވެސް އަވަހަކަށް ސުލްހައިގެ އެއްބަސްވުމެއް ހެދުމަށް އީރާނު “ވަރަށް ބޮޑަށް ބޭނުންވެގެން އުޅޭ” ކަމަށެވެ.
އެއްބަސްވުމެއް ހެދުމަށް އީރާނާއެކު އެމެރިކާ މަސައްކަތް ކުރާނެތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ އޭނާ ކަމަށްވެސް އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފައި ވެއެވެ. އެކަންކަމަށް އެމެރިކާގައި އޮތީ ހުޅުވާލެވިފައިވާ ކޮންސެޕްޓެއް ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިފަހުން ތަކުރާރުކޮށް ބުނަމުން ގޮސްފައިވަނީ، އީރާނާއެކު އެއްވެސް ވާހަކައެއް ނުދައްކާނޭ ކަމަށާއި، އެމެރިކާއިން އަސްކަރީގޮތުން އީރާނު ބަލިކުރާނޭ ކަމަށެވެ.
އަސްކަރީ ހަމަލާދީގެން އީރާނު ބަލި ނުކުރެވުމުން އެމެރިކާއިން މިހާރު މަސައްކަތް ފަށާފައިވަނީ މާލީގޮތުންނާއި، އިގްތިސާދީގޮތުން ދަތިކޮށް އީރާނު ކުޑަކަކޫމައްޗަށް ތިރިކުރުމަށެވެ.
އެއްބަސްވުމެއް ހެދުމަށް އީރާނު ވަރަށް ބޮޑަށް ބޭނުންވެގެން އުޅޭ ކަމަށާއި، ނަމަވެސް މަޝްވަރާ ކުރުމެއް ނެތްކަމަށް ޓްރަމްޕް ދާދިފަހުންވެސް ބުނެފައި ވެއެވެ.
އެމެރިކާގެ ރައީސްގެ ވާހަކަތަކަށް ރައްދު ދެމުން އީރާނުންވެސް ތަކުރާރުކޮށް ބުނެފައިވަނީ، ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އުޅެނީ އެމެރިކާއިން ކަމަށާއި، އެއްބަސްވުމެއް ހެދުމަށް ބޭނުންވެގެން އުޅެނީ ޓްރަމްޕް ކަމަށެވެ.
މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމުތައް މެދުވެރިކޮށް އެމެރިކާގެ ރައީސް މިދާކަށްދުވަހުވެސް ވަނީ އީރާނަށް ހުށަހެޅުމެއް ހުށަހަޅާފައެވެ. ނަމަވެސް އީރާނުން ބުނެފައިވަނީ، ކުރިން ހަދާފައި އޮތް އެމްއޯޔޫއަށް އެމެރިކާ އެނބުރިގޮސް އަދި އީރާނުން ހުށަހަޅާފައިވާ ޝަރުތުތައް ފުރިހަމަ ކުރުމުންނޫނީ، އެމެރިކާއާ އެކު އެއްވެސް ވާހަކައެއް ނުދައްކާނޭ ކަމަށެވެ.
އަސްކަރީގޮތުން އީރާނު ބަލިނުކުރެވި، އީރާނުން ހަމަލާދީ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކާއި ހަތިޔާރުތައް ހަލާކުކޮށްލުމާއި، މަނަވަރުތަކަށްވެސް އީރާނުން ހަމަލާދޭން ފެށުމުން ގޮތްހުސްވެ، އެމެރިކާއިން އުޅެނީ ހަނގުރާމައިން ނުކުމެވޭނެ މަގެއް ހޯދުމަށް ކަމަށް ތަޖުރިބާކާރުން ގެންދަނީ ބުނަމުންނެވެ.
އެމެރިކާގެ ރައީސް މިހާރު މަސައްކަތް ކުރަމުންދަނީ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ މިޑްޓާރމް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކޮޅެއްގައި ޖެއްސުމަށެވެ.



