މުސްތަޤުބަލު ބައްޓަންކުރުމުގައި ބާރުތަކުން ރައްޔިތުންނަށް ޖަވާބުދާރީވުން

ޚަބަރު ފަހުގެ

ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގައި ދިވެހި ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުޞަތު ކަށަވަރުކުރުމާއި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އަދި ބާރުތައް ޙަވާލުކުރެވިފައިވާ ފަރާތްތަކުން ރައްޔިތުންނަށް ޖަވާބުދާރީވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ފާހަގަކުރެއްވީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވަނީ، ޑިމޮކްރަސީ ދެމިއޮންނާނީ ރައްޔިތުންގެ އަޑު އަހައި، އެމީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް، އަދި ވެރިކަމުގެ ބާރުތައް ޙަވާލުކުރެވިފައިވާ ފަރާތްތަކުން އެ ޚިދުމަތްކުރާ ރައްޔިތުންނަށް ޖަވާބުދާރީވެގެން ކަމަށެވެ.

ޑިމޮކްރެޓިކް ދުނިޔެއެއް ބައްޓަންކުރުމަށްޓަކައި، ބައިވެރިވުމާއި، ތަމްސީލުވުމާއި، އަދި ޖަވާބުދާރީވުން ޤާއިމުކުރުމަށް މަސައްކަތްކުރި ފަރާތްތަކުގެ ޚިދުމަތްތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ޑިމޮކްރަސީ ރައްކާތެރިކޮށް، ވަރުގަދަކޮށް، އަންނަން އޮތް ޖީލުތަކަށް ވާޞިލުކޮށްދިނުމަކީ ކޮންމެ ޖީލެއްގެ ވެސް ޒިންމާއެއްކަން ފާހަގަކުރައްވަމުން، އެކަން ފެށެނީ ޑިމޮކްރަސީގެ އަޞްލު މާނަ ކަމުގައިވާ ޙައްޤުތައް ޙިމާޔަތްކުރުމާ ހަމައިން ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސްކަން ފާހަގަކުރައްވަމުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ހަމަހަމަކަމާއި، ކަރާމާތާއި، އަދި މާނަވީ ބައިވެރިވުމަކީ ޑިމޮކްރަސީ ބިނާވެފައިވާ މައިގަނޑު ބިންގާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެފުށް ފެންނަ މިންވަރު އިތުރުކުރުމާއި، ޖަވާބުދާރީވުން ހަރުދަނާކުރުމާއި، މުއައްސަސާތައް ވަރުގަދަކުރުމާއި، އަދި ޤައުމީ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން ފުޅާކުރުމުގެ ތެރެއިން މި ބިންގާތައް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން އަލުން ކަށަވަރުކޮށްދެއްވާފައެވެ. އަދި ޒުވާނުންނާއި އަންހެނުން އިސްނަގައިގެން ޤައުމަށް ޚިދުމަތްކޮށް، މުސްތަޤުބަލު ބައްޓަންކުރުމަށް މަގުފަހިކޮށްދިނުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޚިޠާބު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ޑިމޮކްރަސީގެ ޢަމަލީ ސިފަ ފެނިގެންދާނީ ޤައުމުގައި ވެރިކަން ހިންގާ ގޮތުންނާއި، ޙައްޤުތައް ރައްކާތެރިކުރެވޭ މިންވަރުންނާއި، ރައްޔިތުންގެ އަޑު އަހާ ގޮތުންނާ، އަދި ވެރިކަމުގެ ބާރުތަކުގައި ތިބި ފަރާތްތަކުން ރައްޔިތުންނަށް ޖަވާބުދާރީވާ މިންވަރަކުން ކަމަށެވެ. އަދި ޙައްޤުތައް ޙިމާޔަތްކުރެވިފައިވާ، މުއައްސަސާތައް ވަރުގަދަ، އަދި ބާރުތައް ލިބިފައިވާ ފަރާތްތަކުން، ރައްޔިތުންނަށް ޖަވާބުދާރީވާ ދިވެހިރާއްޖެއެއް ބިނާކުރުމަށް، ޢަޒުމް ކަނޑައެޅުމަށް އެމަނިކުފާނު ގޮވާލައްވާފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ